ހުވަދޫ މީޑިއާއިން މުޅި ރާއްޖެއަށް ހުޅުވާލައި އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ “މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444″ ގެ ޓައިޓަލް ވަނަ ގއ.ކަނޑުހުޅޫ ދޯދި، އަސްނާ އަލީ ކާމިޔާބު ކޮށްފިއެވެ.
“މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444″ ގެ އެއްވަނަ އަސްނާ ހޯދާފައިވަނީ މުޅި ރާއްޖެއިން މި މުބާރާތުގައި ބައިވެރިވި 100 އަށް ވުރެ ގިނަ ބައިވެރިންނާއި ވާދަކޮށް، ޖަޖުންގެ 75 އިންސައްތަ މާރކްސް އާއި، ފޭސްބުކް ރިއެކްޓްގެ 25 އިންސައްތަ އެއްކޮށް އެންމެ ގިނަ ޕޮއިންޓް ހޯއްދަވައިގެންނެވެ.

“މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444″ ގެ އެއްވަނަ އަށް ހުށަހަޅާފައިވަނީ 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.
އަސްނާ މި މުބާރާތުގެ އެއްވަނަ ހޯދާފައިވާއިރު، މި މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ އިފާގަތު އިބްރާހިމް އެެވެ. އަދި މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ މުހައްމަދު މުއާން މުރުތަލާ އެވެ.


މިރޭ ހުވަދޫ މީޑިއާގެ ފޭސްބުކް ޕޭޖުން ލައިވްކުރި މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ މި މުބާރާތުގެ އެންމެ މޮޅު ފަސް ހުށަހެޅުން ދައްކާފައެވެ.
މުބާރާތުގެ އެންމެ މޮޅު ފަހެއް
- މަރިޔަމް ސަދާ
- އަހުމަދު ސައީދު
- އިފާގަތު އިބްރާހިމް
- އަސްނާ އަލީ
- މުހައްމަދު މުއާން މުރުތަލާ
މި މުބާރާތުގެ ހުށަހެޅުންތައް އިންސާފުކޮށްދެއްވާފައިވަނީ، ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ތަރިން ކަމުގައިވާ މުހައްމަދު އަބްދުލް ޣަނީ(ތޭރަ)، އިބްރާހިމް ޒައިދް އަލީ (ކުޑައިއްބެ)، އަދި މަރިޔަމް އަޝްފާއެވެ.
ހުވަދޫ މީޑިއާއިން ބުނީ، "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" އަށް ވަރަށް އުންމީދުކުރިވަރަށްވުރެ ބޮޑު ތަރުޚީބެއް ލިބިފައިވާ ކަމަށާއި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާއިގެ ބޭފުޅުންވަނީ ބައިވެރިވެފައި ކަމަށް ހުވަދޫ މީޑިއާއިން ވަނީ ބުނެފައެވެ. އަދި އަންނަ އަހަރުވެސް ހުވަދޫ މަދަޙަ ޗެލެންޖް 1445 މިއަށް ވުރެ ފުރިހަމަ ކަމާއި އެކު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ހުވަދޫ މީޑިއާއިން ބުނެއެވެ.
"މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގެ ޓައިޓަލް ޕާރޓްނާ އަކީ ރާއްޖޭގައި އައިނު ހަދައިދިނުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ކުންފުނި ކަމަށްވާ މާލޭ އޮޕްޓިކަލްކޮމްޕެނީ އެވެ. އަދި މި މުބާރާތުގެ ކޯ ސްޕޮންސަރ އަކީ އެވިޑް ކޮލެޖެވެ.

