ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާ ކަމަށް އެ ޕާޓީގެ މެމްބަރުންތަކެއް ތުހުމަތު ކުރައްވައިފިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވަނީ މަޖިލިސްކުރާ ގޭގެ ގޯތީގައި ނަގާފައިވާ ވިޑިއޯއެއް މީސްމީޑިއާގައި ހިސްކުރައްވާފައެވެ. ވިޑިއޯއިން ރައީސް ނަޝީދު އަވަސް ހިނގުމެއްގައި ވަޑައިގެން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއަށް އިނގިލި ދިއްކުރައްވައި ވާހަކަދައްކަވާ މަންޒަރު ފެނިގެންދެއެވެ.
މި ވީޑިއޯ ހިއްސާކުރައްވާ، މަޖިލިސް ތެރޭގައި މަޖިލިސް ރައީސް މެމްބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށް ރޮޒައިނާ ވިދާޅުވެފައިވެއެވެ. މިއަދު ވެސް އެތައް މެންބަރުންނަކަށް ބިރު ދައްކައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންދަން އަންގާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ބައެއް ވިޑިއޯތަކުން ފެންނަ ގޮތުގައި ނަޝީދާއި އެމްޑީޕީ މެންބަރުންގެ މެދުގައި ތަޅުމުން ބޭރުގައި ވެސް ގިނަ ޒުވާބުތަކެއް ހިނގިއެވެ.
ނަޝީދު މެމްބަރު ނިޔާޒަށް ތުހުމަތު ކޮށް އިންޒާރު ދީފައިވާއިރު، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި އިއްޔެ މަޖިލީހުގައި ކުރިއަށްދިޔަ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާއިގައި ތަޅުމުގައި ކަންކަން ހިނގައިދިޔަ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދީ، ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ ރިޔާސަތުގައި އިންނަވައިގެން ނަޝީދު އަމަލުކުރައްވާ ގޮތުން ކަމަށް ބުނެ، އެމަނިކުފާނު ރިޔާސަތުން ދުރުކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

