ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން މަސައްކަތްކުރިޔަސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ޑިމޮކްރެޓްސް ރަޖިސްޓަރީ ކޮށްދޭން އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި 3،500 މީހުންގެ ސޮއި ލީކުވި ކަމަށް ބުނާ މައްސަލާގައި އެ ކޮމިޝަނަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ސޮއި ހަމަ ނުވާނެ ކަމަށާއި އެ މައްސަލަ ހުށަ ނޭޅޭނެ ކަމަށެވެ. އަދި އެއީ އިދާރީގޮތުން ވާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރެއްވުމާ މެދު ގޮތެއް ނިންމެވޭނީ ރައީސް އޮފީހުން ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމަށް ރައީސް އޮފީހުން ބޭނުން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ‘
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން ބޭނުންވަނީ 29 ސޮޔެވެ.
މިހާތަނަށް 44 މެމްބަރަކު ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވައިފަ އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަޝްވަރާތައް ފެށިފައިމިވަނީ ބަންޑަރނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށްފަހުވެސް މައްސަލައިގައި ގޮތެއް ނިންމާފައިނުވާތީ އެމްޑީޕީ މެމްބަރުން އިހުތިޖާޖުކޮށްފައި ވަނިކޮށެވެ.

