ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 275 މީހުން މަރުވިތާ އެތައް ދުވަހެއް ފަހުން، ހޮސްޕިޓަލްތަކާއި މޯޗަރީތަކުގައި ބަހައްޓާފައި ހުރި އެތައް ހަށިގަނޑެއް ދެނެގަތުމަށް އެހީވުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އާއިލާތަކަށް އިލްތިމާސްކޮށްފި އެވެ.
ހުކުރު ދުވަހު މި ކާރިސާ ހިނގީ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ބަލަސޯރު ޑިސްޓްރިކްޓް ކައިރިން ފަސިންޖަރު ރޭލެއް ސްޓޭޝަނަރީ ފްރައިޓް ރޭލެއްގައި ޖެހި، ޓްރެކްތައް ފުންމާލައި، އެއާއި ދެކޮޅަށް ދަތުރުކުރާ އެހެން ޕެސެންޖަރު ރޭލެއްގައި ޖެހިގެންނެވެ.
ސްޓޭޓްގެ ހެލްތު ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވެފައިވާގޮތުގައި، ހޯމަ ދުވަހުގެ ހަވީރުގެ ނިޔަލަށް ގާތްގަނޑަކަށް 100 އެއްހާ މީހުންގެ ހަށިގަނޑު ދެނެގަނެވިފައި ނުވެއެވެ.
އޮޑިޝާގެ ހެލްތް ޑައިރެކްޓަރު ބިޖޭ ކުމާރު މޮހާޕަތުރާ ވިދާޅުވީ ހަށިތައް ހިމާޔަތް ކުރުމަށް އެހީތެރިވުމުގެ ގޮތުން އައިސްޑް ކޮންޓެއިނަރުތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.
“އެ މީހުން ދެނެގަނެވިގެން ނޫނީ ޕޯސްޓްމޯޓަމް ނުހެދޭނެ،” އޮޑިޝާ ސްޓޭޓްގެ ގަވައިދުގެ ދަށުން 96 ގަޑިއިރު ފާއިތުވަންދެން ހިއްކާފައި ނުވާ ހަށިގަނޑެއްގެ އޮޓޮޕްސީ އެއް ނުހެދޭނެ ކަމަށް މޮހާޕަތުރާ ވިދާޅުވި އެވެ.
މި ނުރައްކާތެރި ހާދިސާގައި އިންޑިއާގެ 7 ސްޓޭޓްއެއްގެ މީހުން ހިމެނެއެވެ. އެގޮތުން، އާސާމް، ބިހާރު، ޖަރްކަންދް، ވެސްޓް ބެންގާލް، ޓެމިލް ނާޑޫ، ކަރްނާޓަކާ އަދި އަންދްރަ ޕްރަދޭޝްގެ ފަރާތްތައް ހިމެނެއެވެ.

