ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރުމަށްޓަކައި، އިތުބާރުނެތް ކަމުގެ މައްސަލަ ފާސްކުރުމަށް ބޭނުންވާ އަދަދަށްވުރެ ގިނައިން ސޮއި ލިބިފައިވުމާއިއެކު މާދަމާގެ މަޖިލުގެ ޖަލްސާއަށް ހުށަހެޅޚުމަށް ނިންމައިފިއެވެ.
ގާނޫނު އަސާސީއާއި ގަވާއިދު ތަކާއި ޚިލާފަށް މަޖިލީހުގެ ރައީސްގެ އަމަލުފުޅުތައް ހުންނަ ކަމަށްބުނެ މަޖިލީހަށް އެ މައްސަލަ ހުށަހަޅަން ނިންމައި އެކަން އިއުލާންކޮށްފައިވަނީ މިއަދު މެންދުރު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ.
މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެމްބަރުންނެވެ. މަޖީލިހުގައި އެއް ޕާޓީއެއްގެ އެންމެ ގިނަ މެމްބަރުން ތިއްބަވަނީވެސް އެމްޑީޕީގެ ފަރާތްތަކެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ނިންމާފައިމިވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށް ފަހުގައިވެސް މައްސަލައިގައި ގޮތެއް ނިންމާފައިނުވާތީ އެމްޑީޕީގެ މެމްބަރުން އިހުތިޖާޖްކޮށްފައި ވަނިކޮށެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މަސައްލަ އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާއިއެކު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

