ކެނެޑާގެ އުތުރުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުން އަރާ ދުމުގެ ސަބަބުން ނިއުޔޯކުގެ ރައްޔިތުންނަށް ޞީއްޙީ ނުރައްކަލެއް ދިމާވެދާނެކަމަށް ސަމާލުވުމަށް އޮފިޝަލުން އަންގަވައިފިއެވެ.
ނިއުޔޯކުގެ ބްރޯންޒް އަދި ކުއީންސްގެ ރައްޔިތުން ގެއިން ބޭރަށް ނުކުތުން މަދުކުރުމަށް، ނިއުޔޯކްގެ ސްޓޭޓް ޑިޕާޓްމެންޓް އޮފް އެންވަޔަރްމެންޓަލް ކޮންސަވޭޝަން އިން އަންގާރަދުވަހު ނެރެފައިވާ ހެލްތު އެޑްވައިޒަރީއެއް ގައި ވަނީ އަންގާފައެވެ. ދުމުގެ ސަބަބުން އެސަރަޙައްދުތަކުގެ ވައި ނުސާފުވެފައިވުމަކީ، ޢާއްމުންނަށް ޞީއްޙީ ނުރައްކަލެއް ކުރިމަތި ވެދާނެ ކަމެއްކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.
ހޫނުމޫސުމުގެ ވަރަށް ކުރީކޮޅު ފެތުރެން ފަށާފައިވާ މި އަލިފާންގަނޑުތަކުގެ ސަބަބުން ވެރިރަށް އޮޓާވާގެ ޖައްވުވެސް އަންގާރަދުވަހުގެ ހެނދުނުން ފެށިގެން ވަރަށް ބޮޑަށް ފުސްވެ، ނުސާފުވެފައިވާކަމަށް ވަނީ ރިޕޯޓުތައް ލިބިފައެވެ. އޮޓާވާގެ ވައިގެ ސާފުކަން އަންގާރަ ދުވަހު ދަރަޖަ ކުރެވިފައިވަނީ އޭގެ އެންމެ ނުރައްކާތެރި ދަރަޖަ ކަމުގައިވާ “+10” ގައެވެ.
އޮޓާވާގެ ބައެއް ސަރަޙައްދުތަކާއި ކިއުބިކްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުން އަރާ ދުމުން ވައިގެ ސާފުކަން މިވަނީ ވަރަށްބޮޑަށް ދަށްވެފަ.
އޮޓާވާގެ ރައްޔިތުން ސަމާލުވުމަށް އެދި އެންވަޔަރްމަންޓް ކެނެޑާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ގަސްގިނަ ޖަންގަލިތަކުގައި މިގޮތަށް ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން އަރާ ދުމަކީ އޭގެކުޑަ މިންވަރަކުން ވެސް އިންސާނުންނަށް ވަރަށް ނުރައްކާ ވެދާނެ އެއްޗެއްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދަ ދުމުގެ ނުރައްކާ ޢުމުރުން ދުވަސްވީ މީހުންނަށާއި، ތުއްތު ކުދީންނަށް އަދި މާބަނޑު އަންހެނުންނަށް އިތުރުވާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަލިފާންގަނޑުތައް ނިއްވާލުމަށް ކުރަމުންދާ މަސައްކަތަށް އެމެރިކާއާއި މެކްސިކޯ، ދެކުނު އެފްރިކާ އަދި ފްރާންސުން ދެމުންދާ އެހީއަށް ކެނެޑާގެ ޚާރިޖީ ވަޒީރު މެލަނީ ޖޯލީ ވަނީ އަންގާރަ ދުވަހު ޝުކުރުވެސް އަދާކުރައްވާފައެވެ.
ހޮނުއެޅުމުގެ ސަބަބުން، ހޫނުމޫސުމުގައި ކެނެޑާގެ ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ ވަރަށް ޢާއްމު ކަމެކެވެ. އެހެނަސް މިއަހަރު އަލިފާން ރޯވާން ފަށާފައި މިވަނީ އެހެން އަހަރުތަކާއި އަޅާބަލާއިރު ހޫނުމޫސުމުގެ ވަރަށް ކުރީކޮޅުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

