އެންމެ ހެޔޮމީހާ ކަމުގައި ވުމަށް ނޭދޭނީ ފަހެ ކާކު ހެއްޔެވެ؟ ގޯސް މީހެއްކަމުގައި ވާކަށް އެކަކުވެސް ނޭދޭނެއެވެ. އަޅުގަނޑުމެން މުސްލިމުންނަށް ވީތީ، ހެޔޮނުބައި މިންކުރުމުގައި ބަލާއުޅެނީ އިލާހީ ޙުކުމަށެވެ. ނުވަތަ ނަބަވީ އިރުޝާދަށެވެ. އެހެންކަމުން އެންމެ ހެޔޮ މީހަކުކަމުގައި ވުމަށް ވެސް މި ހަމައިން ބަލައިލަމާ ތޯއެވެ؟
އެންމެ ހެޔޮ މީހުންގެ ސިފަތައް ބަޔާންވެގެން އަންނަ ޙަދީޘްފުޅުތަށް ވަރަށް ވެސް ގިނައެވެ. އޭގެތެރެއިން އެއް ސިފައަކީ ﷲގެ ކަލާމްފުޅު އުނގެނި އެހެން މީހުންނަށް އެ އުނގަންނައި ދިނުމެވެ. ރަސޫލު ﷲ صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ” (البخاري). މާނައީ:- “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، ޤުރުއާން އުނގެނި އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ.”
ޚުލުޤު ހެޔޮމީހާ ވެސް އެންމެ ހެޔޮމީހުން ތެރޭ ހިނމެނެއެވެ. އެކަމަށް އިޝާރާތްކުރައްވާ ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “إِنَّ خِيَارَكُمْ أَحَاسِنُكُمْ أَخْلَاقًا” (البخاري). މާނައީ:- “ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤް ރަނގަޅު މީހާއެވެ”.
ތިބާއާ އެންމެ ގިނައިން ބައްދަލުވާ ބަޔަކީ ތިމާގެ އަހުލުވެރިން ނޫންތޯއެވެ؟ އަހުލުންނަށް ހެޔޮމީހާ ވެސް، ހިމެނެނީ އެންމެ ހެޔޮމީހުންގެ ތެރޭގައެވެ. އަހުލުންނަށް އެންމެ ހެޔޮ ފަރާތަކީ މި އުންމަތުގެ މާތް ސާހިބާ މުޙައްމަދު صَلَى اللهُ عَلَيْهِ وَسَلَّمއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “خَيْرُكُمْ خَيْرُكُمْ لِأَهْلِهِ، وَأَنَا خَيْرُكُمْ لِأَهْلِي” (صحيح الجامع). މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެ މީހެއްގެ އަހުލުންނަށް އެންމެ ހެޔޮމީހާއެވެ. އަދި ތިމަންކަލޭގެފާނީ އަހުލުންނަށް އެންމެ ހެޔޮމީހާއެވެ”.
އިޖްތިމާޢީ މިންގަނޑުތަކުން ބަލާއިރު އެންމެ ހޮޔޮމީހާ ސަލާމަށް ރައްދު ދޭނެއެވެ. މީސްތަކުންނަށް ކާންދޭނެއެވެ. އެކަމަށް އިޝާރާތް ކުރައްވާ ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “خيرُكُمْ مَنْ أَطْعَمَ الطَعَامَ، وَرَدَّ السَّلاَمَ” (صحيح الجامع) މާނައީ:-“ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، މީސްތަކުންނަށް ކާންދޭމީހާއެވެ. އަދި ސަލާމަށް ރައްދުދޭ މީހާއެވެ.”
މީސްތަކުންނަށް ހެޔޮކޮށް ހިތުމާއި، އެހެން މީހުންނަށް ތިމާގެ ފުށުން ފައިދާ ވުން ވެސް އެއީ އެންމެ ހެޔޮމީހުންގެ ލިސްޓުގައި ހިމެނޭ ކަމެކެވެ. صحيح الترمذيގެ ޙަދީޘްގައި ވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހާގެ ކިބައިން ލިބެވޭ ހެވަށް އުއްމީދު ކުރެވޭ އަދި އޭނާގެ ނުބައިކަމުން މީހުން ރައްކާތެރިވެގެންވާ މީހާއެވެ.” މިފަދައިންނެވެ. އަދިވެސް ޙަދީޘްގައި ވެއެވެ. “މީސްތަކުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހުންގެ ތެރެއިން އެންމެ މީސްތަކުންނަށް ފައިދާބޮޑު މީހާއެވެ.” (صحيح الجامع)
މިފަދައިން އެންމެ ހެޔޮމީހުންގެ ތެރޭގައި ވުމުގެ ފުރުޞަތު ތިބާއަށް ވެސް އެބައޮތެވެ. ތިބާ އާއި ދިމާވާ ކަންކަމުގައި، އެ ހާލަތަކާއި ގުޅޭގޮތުން އެންމެ ހެޔޮ މީހާއަށް ވެވޭތޯ ބަލާށެވެ. އެގޮތް ﷲގެ ޙަޟުރަތުގައި ހެޔޮކަން ބޮޑެވެ.
މައުލޫމާތު:عَبْدُ اللهِ حَامِد عَلِي وَحِيْد / ދީނުގެމަގު

