އީރާނުގެ ޤައުމީ ޓީވީ އައި.އާރް.އެން.އޭ. އިން އަންގާރަދުވަހު ބުނެފައިވަނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ މި ބެލެސްޓިކް މިސައިލަކީ އެޤައުމުން އަމިއްލައަށް އުފައްދާފައިވާ މިފަދަ ފުރަތަމަ މިސައިލް ކަމަށެވެ.
އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި އެޤައުމުގެ ރިވޮލިއުޝަނަރީ ގާޑުންގެ އިސް ކޮމާންޑަރުން ބައިވެރިވެލެއްވި ޙަފުލާއެއްގައި މި މިސައިލް ދައްކާލާ މަންޒަރުތަކުގެ ފޮޓޯތައް ވެސް އެޤައުމުން ވަނީ ޢައްމުކޮށްފައެވެ.
ފައްތާޙްގެ ނަމުން ނަންދީފައިވާ މި މިސައިލަކީ އަމާޒަށް ވާސިލްވުމުގެ ޤާބިލިއްޔަތުކަން އިތުރުކުރެވިފައިވާ މިސައިލެއް. 1400 ކިލޯމީޓަރަށް ދަތުރު ކުރުމުގެ ޤާބިލްކަން ވެސް މިއަށް ލިބިފައިވޭ. އަދި މިއީ، ހުރިހާ ޒާތެއްގެ ރައްކާތެރިކަމުގެ ޝީލްޑްތައް ފޫއަޅުވާލެވޭނެ ފަދަ މިސައިލެއް.
އެ ޙަފްލާގައި މިސައިލާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އީރާނުގެ ވައިގެ ސިފައިންގެ ކޮމާންޑަރު އަމީރް ޢަލީ ޙާޖިޒާދޭ ވިދާޅުވިއެވެ.
އަޑަށްވުރެ ފަސް ގުނަ ބާރަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ މިފަދަ މިސައިލް ތަކަކީ އެ ދަތުރުކުރާ ބާރުމިނުގެ ސަބަބުން މަންޒިލަށް ވާސިލްވުމުގެ ކުރިން އެ ހުއްޓުވުން ވަރަށް ނާދިރު އެއްޗެއް ކަމަށް ރިޕޯޓުތައް ބުނެއެެވެ.
ދުނިޔޭގެ ވައިގެފަށަލައިގެ އެތެރޭގައާއި އަދި ބޭރުގައިވެސް ޙަރަކާތްތެރި ވެވޭފަދަ މިސައިލެއް އުފައްދާނެ ކަން އީރާނުން އިޢުލާނު ކޮށްފައިވަނީ ފާއިތުވި އަހަރުގެ ތެރޭގައެވެ.
އެމެރިކާއިން ބޭނުންކުރާ އެންމެ ފަހުގެ މިސައިލް ޝީލަޑްތަކާއި އިސްރާއީލުގެ އަޔަން-ޑޯމް ފޫއަޅުވާލުމުގެ ޤާބިލްކަން މި މިސައިލަށް ލިބިފައިވާކަމަށް އީރާނުގެ ޤައުމީޓީވީން ވަނީ ބުނެފައެވެ.
އީރާނުގެ މިޢަމަލަކީ ހުޅަނގުގެ ޤައުމުތަކުގެ ކަންބޮޑުވުން އިތުރުވެގެންދާނެ ކަމެއް ކަމަށް ބައެއް ރިޕޯޓުތައް ބުނާއިރު، ހުޅަނގުގެ ޚަބަރުތައް ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ބުނަމުން ދަނީ، މިފަދަ ޚަބަރުތައް ފެތުރުމުގައި، ޙަޤީޤަތުގައި އެފަރާތަށް ހޯދޭ ކުރިއެރުމަށްވުރެ، ބޮޑުކޮށްލައިގެން ޚަބަރު ފެތުރުމަކީ، އީރާނުން އަބަދުވެސް ކުރާކަމެއް ކަމަށެވެ.
މިސައިލް އުފެއްދުމުގެ މަސައްކަތްތައް ހުއްޓުވުމަށް އެމެރިކާއާއި ޔޫރަޕުގެ ޤައުމުތަކުން 2005 ވަނަ އަހަރުއްސުރެ ވަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

