ސައުތު ކޮރެއާ ގައި ކުރިޔަށްދާ އޭޝިއަން އެތުލެޓިކްސް އަންޑަރ 20 މުބާރާތުގައި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް (މުންތޭ) ރެފްރީކަން ކުރުން ވެގެން ދިޔައީ ދިވެހިންގެ އަނެއްކާވެސް އިތުރު ހަރުފަތަކަށް އެރުވެ. ދިވެހިން އުފާ ކުރާނެ ޝަރަފަކަށެވެ.
މި މުބާރާތުގެ އިތުރުން މުންތަގިމް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވެސް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕު (ދެފަހަރު)، އޭޝިއަން ޔޫތް އެތުލެޓިކްސް ޗެމްޕިއަންޝިޕް، އޭޝިއަން ކްރޮސް ކަންޓްރީ، ސައުތް އީސްޓް އޭޝިއަން ގޭމްސް، ސައުތް އޭޝިއަން ގޭމްސް އަދި ދަކާމެރެތަން (ދެ ފަހަރު) ހިމެނެއެވެ. މުންތަގިމަކީ ލެވެލް ދޭއްގެ ރެފްރީ ފާސް ހާސިލްކުރި ހަމައެކަނި ދިވެއްސެވެ. އޭޝިއާ އާއި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުން ފުރުސަތު ލިބެނީ އެ ފާސް އޮންނަ މީހަކަށެވެ.
އޭޝިއަން އެތުލެޓިކްސް އަންޑަރ 20 މުބާރާތުގައި މުންތަގިމް މި ފަހަރުވެސް ވަނީ ގާތްގަނޑަކަށް ހުރިހާ އިވެންޓެއްގައި ރެފްރީކަންކޮށްފަ އެވެ. 2008 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ކަން ކުރަމުން އަންނަ މުންތަގިމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެތުލެޓިކްސް ރެފްރީ އެވެ. ސްޕޯޓްސް ޑިވިޝަނުގައި 1995 ވަނަ އަހަރު ވަޒީފާއަދަކުރަން ފަށައި 1999 ވަނަ އަހަރުން ފެށިގެން އަންނަނީ މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުގައި މަސައްކަތް ކުރަމުންނެވެ. އޭނާ ވަނީ މިދިޔަ އަހަރު ޖަޕާނުގައި އޮތް އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި ވެސް ރެފްރީކަން ކޮއްފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ މުންތަޤީމް
އައްޑޫ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި 1996 ވަނަ އަހަރު އެންމެ ފުރަތަމަ އޮފިޝަލް ކުރަން ފެށި އަހުމަދު މުންތަގިމް މިއަދު ރާއްޖޭގެ ރެފްރީ އެއްގެ ގޮތުގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް އަންޑަރ 20 މުބާރާތުގައި ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި ފެންނަ ފެނުމަކީ ރާއްޖޭގެ ނަން އެތައް ދަރަޖަ އަކަށް ކުރިޔަށް ޖެހި ދިވެހި އެތުލެޓިކްސް އާއިލާ އަށް ލިބޭ ބޮޑު ފަޚުރެކެވެ.
އެތުލެޓިކްސް މައިދާނުގައި މަޝްހޫރު އަދި އެންމެން ދަންނަ ނަމުންނަމަ މުންތޭ އަކީ ދިވެހި ރާއްޖޭގައި އެތުލެޓިކްސް ކުރިއަރުވަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުޅިވަރުގެ ޝަޚްސެކެވެ. ޚާއްސަކޮށް ރާއްޖޭގެ އަތޮޅު ތަކުގައި އެތުލެޓިކްސް ދުވެލި މެކުހަށް ޖަހައި ކުރިއަރައި ދިޔުމުގައި އެއްމެ މުހިއްމު އެއް ދައުރެއް އަދާ ކުރި މީހަކީ މުންތަޤީމް އޭ ބުނުމުން ދޮގެއަކަށް ނުވާނެއެވެ.

