އެހެން އަހަރުތަކެކޭ ޚިލާފަށް ދިވެހި ހައްޖުވެރިން މިއަހަރު މިނާ އަދި އަރަފާތު ބިމުގައި އެކީގައި ތިބެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށްފައިމިވަނީ ސައުދީގައި ދިވެހި ހައްޖުވެރިންނަށް ހިދުމަތްދޭ ޓްރެވަލް ކުންފުނި ކަމަށްވާ "އަލް ބައިތު ގެސްޓްސް" އާ އެކު އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ކުރީ އަހަރުތަކަށް ބަލައި އިތުރަށް ރަނގަޅުކުރެވޭނެ ކަންތައްތަކާބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.
އަދި ދިވެހި ހައްޖުވެރިންނަށް ދޭ ހިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެ ކަމުގެ ޔަގީންކަން އަލްބައިތު ގެސްޓްސްގެ މެނޭޖިން ޑިރެކްޓަރު އުސާމާ އަބްދުﷲ ދެއްވެވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މި އަހަރު ރާއްޖެއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި 1000 ލިބިފައިވާއިރު ކޯޓާގެ އަދަދު 2500 އަށް ބޮޑުކުރަން ރާއްޖެއިން ވަނީ އެދިފަ އެވެ. މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ސައުދީން އިތުރަށް ކޯޓާ ދިން އަދަދުތަކަށް ބަލާއިރު، އިތުރަށް ހާހެއްހާ ކޯޓާ ލިބިދާނެ ކަމަށެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށެވެ. ދިވެހި ހައްޖުވެރިން ހައްޖަށް ފުރަން ފަށާނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

