ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓްގެ ނަމުގައި ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.
ޑރ. މުހައްމަދު އާތިފް އިސްވެ ހުންނަވައި އުފައްދާ މި ޕާޓީގެ ފޯމް އީސީއަށް ހުށަހެޅުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އާތިފް ވިދާޅުވީ، އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
އަދި ރިޔާސީ އިންތިހާބުގެ ކުރިއަށް ޕާޓީއަށް ތިންހާސް މެމްބަރުން ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށްވެސް އާތިފް ވިދާޅުވިއެވެ.
ޑރ. އާތިފްއަކީ 2017 ވަނަ އަހަރު ތެރޭގައި ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފްގެ ބައްޕައެވެ.
މިއީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އިސްވެ އުޅުއްވާ އެއްވެސް ސިޔާސީ ފަރާތެއް ނުހިމަނައި، ތައުލީމީ ބަޔަކު އިސްވެ ތިބެ އުފައްދާ ޕާޓީއެއްކަމަށްވެސް އާތިފް ވިދާޅުވިއެވެ.
އާ ޕާޓީއެއް ރަޖިސްޓިރީކުރަން ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައީބު ރައީސް އީވާ އެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ މެމްބަރުން އިސްވެތިބެ އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

