އަތޮޅުގެ ރަށު ކައުންސިލްތަކުގެ ތެރެއިން، ގދ އަތޮޅު ކައުންސިލާއި ފުރަތަމަ ބައްދަލުކުރި ކައުންސިލަކަށް ފަރެސްމާތޮޑާ ކައުންސިލާއި ޑަބްލިއުޑިސީ ވެގެން ގޮސްފައިވެއެވެ.
ގދ. ފަރެސްމާތޮޑާ ކައުންސިލް މެމްބަރުންނާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ޑަބްލިއުޑިސީގެ މެމްބަރުން ގދތިނަދޫއަށް ވަޑައިގެން އަތޮޅު ކައުންސިލާއި ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެކެވެ.
އިއްޔެ ހެނދުނު ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި އަތޮޅުކައުންސިލާއި ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

އަދި އަތޮޅު ކައުންސިލުން ދެމުންދާ ޚިދުމަތްތަށް ފަރެސްމާތޮޑާ ކައުންސިލް މެދުވެރިކޮށް ފަސޭހަ އުސޫލަކުން ރައްޔިތުންނާއި ހަމަޔަށް ފޯރު ކޮށްދިނުމަށް މަޝްވަރާ ކުރެވުނެވެ.
ފަރެސްމާތޮޑާގެ ރައީސް އިމްތިޔާޒް އަޙްމަދު އާއި ގދ އަތޮޅު ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ބައިވެރިވިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައް ތަކުގެ ތެރޭގައި ލައިސަންސް ހެދުމުގައި އިތުރު ލުއި ފަސޭހަ ގޮތަކެއް ހޯދުން ހިމެނެއެވެ.
ފަރެސްމާތޮޑާގެ ކައުންސިލް މެމްބަރުންނާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތިނަދޫއަށް ކުރެއްވި މި ދަތުރުގައި ތިނަދޫގައި ބިޒްނަސް ސެންޓަރަށް ޒިޔާރަތް ކުރައްވާ އެތަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްގެ މައުލޫމާތު އޮޅުންފިލުއްވިއެވެ.
އިއްޔެ ތިނަދޫ އަށް ކުރެއްވި ދަތުރު ނިންމަވާލެއެއްވުމަށްވަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާގެ ރައީސް ވިދާޅުވީ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި ކުއްލިއަކަށް ރޭވި މިދަތުރުގައި އަތޮޅު ކައުންސިލުން ބެހެއްޓި ގާތްކަމާއި މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ.
ފަރެސްމާތޮޑާ ކައުންސިލާއި ޑަބްލިއުޑިސީ ގދ އަތޮޅު ކައުންސިލާއި ބައްދަލުކުރެއްވުމަށް ތިނަދޫ ވަޑައިގެންނެވި މިދަތުރަކީ މިފަދަ ބައްދަލުވުމަކަށް ގދ. އަތޮޅު ކައުންސިލަށް މިހާތަނަށް ހުވަދު އަތޮޅު ރަށަކުން ކުރެއްވި ފުރަތަމަ ދަތުރުކަން ފާހަގަކޮށްލެވެއެވެ.

