ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް އައީ ރައްޔިތުންނަށް އެތައް ވައުދެއްވެ އެ ވައުދުތައް ފުއްދާނެ ކަމަށް ބުނެ، ނަމަވެސް ފެނިގެންދަނީ އެއާއި މުޅިން ތަފާތުކޮށްކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގެ 4 އަހަރުގައި ޤާތިލުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހިމެނޭހެން 600 އަށްވުރެ ގިނަ ކުށްވެރިންނަށް އަދަބު ލުއިކޮށްދެއްވާފައިވާ ކަމަށް ނޫހެއްގައި ރިޕޯޓްކުރުމާއި ގުޅިގެންނެވެ.
މިފަދައިން ވިދާޅުވެ ވަހީދު (ވައްޑެ) ކުރެއްވި ޓިވީޓެއްގައި ވިދާޅުވީ 2018 ގައި ވަޢުދުވީ މަރާލެވިފައިވާ އަދި ގެއްލުވާލެވިފައިވާ އެތައް ބަޔެއްގެ މައްސަލަތައް ބަލައި އިންސާފު ޤާއިމުކޮށްދޭނެ ކަމަށެވެ. ނަމަވެސް އެންމެ މަރެއްގެ މައްސަލަ ވެސް ނުބަލައި ދައުރު މި ނިންމާލަނީ ވޯޓު ހޯދުމުގެ ވަސީލަތަކަށް ބޮޑެތި ކުށްވެރިން ދޫކުރަމުން ކަމަށް ވައްޑެ ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައަޅާފައިވާ ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލުކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރަށް ބަހުސްކުރައްވަމުން ވަހީދު ވިދާޅުވީ ރައްޔިތުންގެ ޖީބަށް ލުއިވާނެ އެއްވެސް ކަމެއް ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅުއްވާ ކަމަށެވެ.
އެގޮތުން ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތީ އައްޑޫ އަކީ އިޤްތިޞާދީ ހަބަކަށް ހަދާނެކަމުގެ ވައުދާއި އެކުގައި ކަމަށެވެ. ނަމަވެސް ދައުރު ނިމެންދާއިރު ވެސް އައްޑޫ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާދެވިފައި ނުވާކަމަށާއި، މަޝްރޫއުތަކުގެ ނަމުގައި ނަންބޯޑެއް ހަރުކުރުމަކީ ވައުދު ފުއްދާދިނުން ނޫން ކަމަށެވެ.
ބަދަލުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ މަޝްރޫއުތަކުން ކަޓު ނަންގަވައި، ދައުލަތުގެ ބައިތުލްމާލުން އަމިއްލަ ފައިދާއަށް ކަންތައްތައް ކުރުއްވަން ކަމަށެވެ. އެގޮތުން އިންތިޚާބުގެ އަހަރުގައި ޖީއެސްޓީ ބޮޑުކުރީވެސް ވައްކަންތައް ދެމެހެއްޓުމަށްކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ.

