އަލްޒައިމާސް ބަލީގެ ފުރަތަމަ ޢަލާމާތަކީ ހަނދާން ބަލިވުމެވެ. މާޒީގައި ހިނގާފައިވާ އެތައް ކަމެއް މިބަލީގެ ސަބަބުން ސިކުނޑިން އެކުގައި ފޮހެވިގެންދެއެވެ. އެހެނަސް ދިގު މުއްދަތެއްގެ ތެރޭގައި، މީހާގެ ވިސްނުމާއި ފިކުރަށާއި، ތަފާތު އިޙުސާސްތަކާއި ކުރިމަތިލުމުގެ ޤާބިލުކަމަށް އަދި ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތައް މިބަލީގެ އަސަރު ކުރެއެވެ.
އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެމީހެއްގެ ލޯބިވާ މީހަކަށް މިފަދަ މައްސަލަތަކެއް މެދުވެރި ވެއްޖެ ނަމަ އެކަމުގައި އެހީތެރިވާން ބޭނުންވާނެ މީހެކެވެ.
ބަލިމީހާގެ ހާސްކަމާއި ރުޅިވެރިކަން އިތުރުވާހިނދު ކުރެވިދާނެ ކަންކަން
މިބަލީގެ އަސަރު ކޮށްފައިވާ މީހުންނަށް ކުދިކުދި ކަންކަމާއި ހާސްވެ ހިތްހަމަނުޖެހުމާއި، ކުއްލިއަކާ ރުޅިގަދަވުމުގެ މައްސަލަ ދިމާވެއެވެ. މިފަދަ ޙާލަތްތަކުގައި ބަލިމީހާ، ބައެއް ކުދިކުދި ޙަރަކާތްތައް ކުރެއެވެ. ޢާއްމުގޮތެއްގައި އެމީހެއްގެ އަތް ނުވަތަ ފައި ތަޅުވާލަ ތަޅުވާލަ އިނުން މިއީ ހާސްކަމުގެ ޢަލާމާތެކެވެ. ހާސްކަމުގެ ނަތީޖާ މިއަށްވުރެ ނުރައްކާތެރި ވެސް ވެދާނެއެވެ. ރުޅިގަދަވެ، އަޑުއުފުލާ އެއްޗެހި ކިޔުން، ނުވަތަ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަށްވެސް މަސައްކަތް ކޮށްފާނެއެވެ. އެފަދަ ފަރާތަކަށް އެހީތެރިވުމަށް:
ބަލިމީހާގެ މާޙައުލަކީ ހަމަހިމޭން ތަނަކަށް ހަދައިދޭށެވެ.
ޙަރަކާތްތައް ގިނަ އަޑުގަދަ މާޙައުލެއް ވެގެންދާނީ އެފަދަ ފަރާތަކަށް އިތުރަށް ހިއްވަރުލިބޭ ކަމަކަށެވެ.
ބަލީމީހާގެ ދުވަހުގެ ކަންކަން ވަކި ތަރުތީބަކަށް ފައްތާލާށެވެ.
އަވަސްއަވަހަށް މާޙައުލު ބަދަލުވުމާއި، ތަފާތު މީހުންނާއި ބައްދަލުވުމަކީ ބަލިމީހާގެ ހާސްކަން އިތުރުކުރުވާ ކަމެކެވެ.
ބަލިމީހާ ހިތްހަމަ ނުޖެހޭ ތަންތަނާއި، އެއްޗެއްސާއި، ކަންކަން ދެނެގަންނާށެވެ.
ކުއްލި ހާސްކަމާއި، ތަދު އިޙްސާސްވުން އަދި ބަލިމީހާގެ ދުވަހުގެ ތަރުތީބު ގެއްލޭފަދަ ކަންކަމުން ބަލިމީހާ ދުރުކޮށްދޭށެވެ.
މަޑުމައިތިރިކަން ޚިޔާރު ކުރާށެވެ.
ބަލިމީހާ ރުޅިގަދަވެ އަޑުލައި ހަދާ ދަނޑިވަޅުތަކުގައި ވެސް، އޭނާއަށް ރައްދުދީ ފުރައްސާރަކުރުން ފަދަ ކަންތައް ނުކުރާށެވެ. ތިބާގެ އަޑުންނާއި ޙަރަކާތްތަކުން ހަމަޖެހުމާއި، އޯގާތެރިކަމުގެ އިޙްސާސް ބަލިމީހާއަށް ކޮށްދޭށެވެ.

