ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާޢަތުން އިސްރާއީލުގެ ހަރުކަށިކަމަށް ރައްދުދެމުން ބުނެފައިވަނީ ފަލަސްޠީނުގެ ރައްޔިތު ޢަޒުމު ވަރަށް ވަރުގަދަ ވާނެކަމަށެވެ.
ބުދަދުވަހު ދެއްވި ބަޔާނެއްގައި ޙަމާސް ޖަމާޢަތުގެ ތަރުޖަމާނު މުޙައްމަދު ޙައްމާދާ ވިދާޅުވީ ޤުދުސްގައި އިސްރާއީލުން ކުރިއަށްގެންދާ އަނިޔާވެރިކަމުގެ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަން ދޫކޮށް ނުދާނެކަމަށެވެ.
ހަރުކަށި އަނިޔާގެ ސަބަބުން ޤުދުސްގެ ރައްޔިތުންގެ ޢަޒުމު ބަލިކޮށެއް ނުލެވޭނެ. އަދި އަހަރެމެން މަސްޖިދުލް އަޤްޞާއަށް ކުރާލޯބިވެސް ބަލިކޮށް ނުލެވޭނެ.
ޙައްމާދާ އިތުރަށް ވިދާޅުވިއެވެ.
އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުން ޒައިނިސްޓުން މަސްޖިދުލް އަޤްޞާގެ ސަރަޙައްދަށް ވެއްދުން މިފަހަކަށް އައިސްވަނީ އިތުރުވެފައެވެ. ހަމައެއާއިއެކު، ފަލަސްޠީނު ރައްޔިތުންނަށް އަނިޔާދިނުމާއި، ހައްޔަރުކުރުން އަދި އެރައްޔިތުން ޝަހީދުކުރުން ވެސް ވަނީ އިތުރުވެފައެވެ.
އިސްރާއީލުގެ ސަރުކާރުން ދަނީ ޤުދުސްގައިވާ މަސްޖިދުލް އަޤްޞާއިން މުސްލިމުންނާއި ޢަރަބީންގެ ޙައިސިއްޔަތާއި ބާރުކަނޑުވާލައި އެއީ އެމީހުންގެ އަމިއްލަތަކަށް ހެދުމަށް މަސްކަތް ކުރަމުންކަމަށް ފަލަސްޠީނުގެ ޢާއްމު ރައްޔިތުން ތުހުމަތު ކުރެއެވެ.
މަސްޖިދުލް އަޤްޞާއަށް ފަލަސްޠީނު ރައްޔިތުން ވަނުމަށް ހުރަސްއެޅުމާއި، ޤުދުސްގެ ރައްޔިތުންގެ ޢާއްމު ދިރިއުޅުން ވިސްވިހާލި ކުރަމުންދާ މައްސަލައާއިމެދު ޙަމާސް ޖަމާޢަތުގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު ސާމީ އަބޫ ޒުހުރީވެސް ވަނީ ވާހަކަދައްކަވާފައެވެ. ސާމީ ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރުމާއި ގެތައް ތަޅާސުންނާފަތިކުރުން އިސްރާއީލުން ވަނީ ކުރިއަށްވުރެ އިތުރުކޮށްފައި ކަމަށެވެ.
ޤުދުސްގެ އިރުމަތީ ޑިސްޓްރިކްޓެއް ކަމަށްވާ ސިލްވާނުގެ ވާދީ ޤުއްދާމުގައި ދިރިއުޅޭ ގިނަޢަދަދެއްގެ ފަލަސްޠީނު ރައްޔިތުންގެ ގެތައް ހުސްކުރުމުގެ އަމުރެއްވެސް މިފަހުން އިސްރާއީލުން ވަނީ ނެރެފައެވެ.
މެއި މަހުގެ ފަހު ދެހަފުތާގެ ތެރޭގައިވެސް ވެސްޓް ބޭންކާއި ޤުދުސްގެ އިރުމަތީ ސަރަޙައްދުތަކުން ފަލަސްޠީނު ރައްޔިތުންގެ 43 ގެއެއް އިސްރާއީލު ސިފައިން ތަޅާލާފައިވާކަމަށް އ.ދ. އިންވެސް ވަނީ ޖޫންމަހުގެ ކުރީކޮޅު ހާމަކޮށްފައެވެ.

