މި ސަރުކާރުން ކިތަންމެ ވަރަކަށް މުސާރަ ބޮޑުކުރި ނަމަވެސް އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ރާއްޖޭގައި މުދަލާ ޚިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.
ޔާސިރު ވަނީ އެމްޑީޕީގެ ސަރުކާރު ފެށުނީއްސުރެ ދަންނަވަމުން އައި ގޮތަށް ހުރިހާކަމެއް ރަނގަޅުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ވެއްޖެތޯ ސުވާލު އުފައްވާފައެވެ. ޔާސިރު ވިދާޅުވީ ކިތަންމެ ވަރަކަށް ސަރުކާރުން މުސާރަ ބޮޑުކޮށްދިން ކަމުގައިވީނަމަވެސް ސަރުކާރުން ވަޢުދުވީ ފަދައިން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ނުވާކަމަށެވެ. އަދި މިއީ ދިވެހިން ވަރަށް ފުންކޮށް ވިސްނަންޖެހޭ ވަގުތެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ކިތަންމެ ވަރަކަށް ރައީސުލް ޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުގެ ވާހަކަ ދެއްކިނަމަވެސް ޙާލަތު ބަދަލުނުވާކަމަށް އޭނާ ވިދާޅުވިއެވެ.
”ދަންނަވަމުން އައީ ދައުރު ފެށުނީއްސުރެ ހުރިހާކަމެއް ވަރަށް ރަނގަޅުވާނެއޭ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތު ވަރަށް ރަނގަޅުވާނެއޭ. ޓެކްސް ބޮޑުކުރިޔަސް ދާނީ ރަނގަޅުވަމުންނޭ، އަގު އެންމެ ބޮޑުތަނުން ބޮޑުވިޔަސް ވާނީ އެންމެ2 ރުފިޔާ އޭ. އެހެން ނަމަވެސް މިއަދާ ހަމަޔަށް އައިއިރުގަ ކަންކަން މިފެންނަނީކީ އެހެންނެއްނޫން. ޙަޤީޤަތަކީ އަޅުގަނޑުމެންގެ އާންމު މީހާއަށް ލިބޭ އެއްޗެއް އިތުރުވެއްޖެތޯ؟ ކިތަންމެ ވަރަކަށްވެސް މިތާގަ ވާހަކަދެއްކިދާނެ ރައީސުލް ޖުމްހޫރިއްޔާގެ މިންނެތް ހެޔޮފުޅާ އެހެން ކަންކަމުގެ ވާހަކަ. އެހެންނަމަވެސް ޙަޤީޤަތަކީ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ވެއްޖެތޯ؟ މުސާރަ އަޅުގަނޑުމެން ކިތަންމެވަރަށް ބޮޑުކުރިޔަސް އެކަމެއް ހައްލެއްނުވޭ“ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ މިއަދު ފެނިގެންދަނީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކާ ހިތުހުރިކަމެއް ހިތުހުރިގޮތަކަށް ޤައުމަކާ ދޭތެރޭގައި ކުރެވެމުންދާތަން ކަމަށާއި، މިއީ ފުންކޮށް ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިޤްތިޞާދީ ޕެންޑެމިކަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ކުރިމަތީގަ އަނެއް ޕެންޑެމިކް އެބައޮތް. އެހެންނަމަވެސް މި ޤައުމުން މީގެން އެއްވެސް ކަމަކާ ނުވިސްނާ ފެށުނީއްސުރެ އަޅުގަނޑުމެން ރުފިޔާ ޕްރިންޓްކޮށްގެން މިކަންކޮށްގެން އަޅުގަނޑުމެންނަށް ދެވޭނީ ކޮންތާކަށްތޯ ވިސްނާލަން އެބަޖެހޭ“ ޔާސިރު ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހް ގެ ސަރުކާރުން ކިޔަވާ ކުދިންގެ ލޯނުތަކާއި، ރައްޔިތުންގެ ފްލެޓްތަކާއި، ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތްތަށް ފޭރިގެންފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
މެމްބަރު ޔާސިރު އަކީ ރައީސް ނަޝީދުއަށް ވަފާތެރި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. އޭނާ ވަނީ މިހާރު އެމްޑީޕީން ކެނޑި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފަރާތުން އުފެއްދި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރައްވާފައެވެ.

