ރާއްޖޭގައި އެލްޖީބީޓީގެ ނުރައްކާތެރި ވަބާ ފެތުރެމުންދާ ކަމަށާއި، އެކަން ހުއްޓުވުމަށް ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ނިޝާން ވިދާޅުވެއްޖެއެވެ.
ޝެއިޚް ނިޝާން މިފަދައިން ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި "އެލްޖީބީޓީ" ގެ ވަބާއަށް ސަމާލުވުމަށް ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ގޮވާލެއްވި ޚަބަރު ހިއްސާ ކުރައްވަމުންނެވެ.
ނިޝާން ވިދާޅުވީ މާލޭގެ ބޮޑެތި ބައެއް ސްކޫލުތަކުގައި، މިހަޑިމުޑިދާރު ފާޙިޝް ޢަމަލުތައް ފެތުރެމުންދާއިރު، އެފަދަ ބައެއް ކުދިންނާއި ބައްދަލުކޮށް ނަޞޭޙަތްތެރިވާން ފުރުޞަތު ލިބިފައިވާތީ މިކަމުގެ ކަންބޮޑުވުން ސީދާ އެޑިއުކޭޝަން މިނިސްޓަރަށް ވެސް ޙިއްސާކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ މުޑުދާރު ޢަމަލުގެ ނުބައިކަމާއި، އެކަމުގެ ސަބަބުން ބާވައިލެއްވުނު ކޯފާގެ ވާހަކަތައް ކުދިންނަށް ކިޔަދީ މިކަން ހުއްޓުވުމަށް ރަސްމީ ސިފައެއްގައި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުންނުދާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

