ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި “އެލްޖީބީޓީ” ގެ ވަބާއަށް ސަމާލުވުމަށް ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ އަހުމަދިއްޔާ އިންޓްނޭޝަނަލް ސްކޫލްގެ ޔޫކޭޖީ ކުދިންގެ ގްރެޖުއޭޝަން ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.
އެގޮތުން ދުނިޔޭގެ ކަންތައްތައް ކުރިއަށްދާގޮތުން މިދުވަސްވަރު މިވަނީ ކުޑަކުދިން ބޮޑެތި ކުރުމުގަ ބެލެނިވެރިންނާއި ޓީޗަރުންގެ ދައުރު ކުރިއަށްވުރެ ބޮޑުވާން ޖެހިފައި ކަމަށާއި ކުދިން ތަރުބިއްޔަތު ކުރުމުގަ މިހާރު ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭ ބައިވަރު ކަންތައްތައް އެބަހުރިކަން މުޢިއްޒު ފާހަގަ ކުރެއްވިއެވެ.
ދުނިޔެއަކީ ގްލޯބަލައިޒްވެ ވަރަށް ކުޑަވެފައިވާ ތަނެއްކަން ފާހަގަ ކުރައްވަމުން މުޢިއްޒު ވިދާޅުވީ ގޭތެރެއިން ކުދިންނަށް ފެންނަ ކޮންމެ އެއްޗަކީވެސް ވަރަށް ވިސްނަންޖެހޭ ކަންތައްތަކެއް ކަމަށާއި، އެހެންކަމުން ކުދިން ކުޅޭ ފޯނާއި، ބަލާ ޓީވީ ޗެނަލްތައް ނުވަތަ ކިޔާ ފޮތްތައް ވިޔަސް، އެއީ މިދުވަސްވަރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަންތައްތައް ކަމުގައި ބަލަންޖެހޭ ކަމަށެވެ. އަދި މިހާރު މުޅި ދުނިޔޭގެ ކަންތައްތައް ބަދަލުވެގެންދާ އޮއިވަރަށް ބަލާއިރުގަ ކުދިން ރަނގަޅުގޮތުގަ ރަނގަޅު ބިންގާއެއްގަ ބޮޑު ކުރެވިގެން ނޫނީ ވަރަށް ވިސްނަންޖެހޭ ކަންތައްތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
”ކުޑަވަމުންގޮސް އެންމެ އެތެރެއަށް ކޮޓަރިތެރެއަށް ދުނިޔެ މިވަނީ ހާމަވެފަ. އެހެންވީމަ ގޭތެރޭގަ އެކުދިންނަށް އެކްސްޕޯސްވާ ނުވަތަ ފެންނަ ކޮންމެ އެއްޗަކީ ވަރަށް ވިސްނަންޖެހޭ ކަންތައްތަކެއް. އެކުދިން ރަނގަޅުގޮތުގަ ރަނގަޅު ބިންގާއެއްގަ ބޮޑު ކުރެވިގެން ނޫނިއްޔާ މިހާރު މުޅި ދުނިޔޭގެ ކަންތައްތައް ބަދަލުވެގެންދާ އޮއިވަރަށް ބަލާއިރުގަ ވަރަށް ވިސްނަންޖެހޭ ކަންތައްތަކާ ކުރިމަތިލާންޖެހިދާނެ. އެހެންވީމަ ކުދިން ކުޅޭ ފޯނުވިޔަސް ބަލާ ޓީވީ ޗެނަލްތައް ނުވަތަ ކިޔާ ފޮތްތައް ވިޔަސް، މިދުވަސްވަރަކީ މި އުމުރަކީ އެންމެ ބޮޑަށް ސަމާލުވާންޖެހޭ ކަންތައް“ މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ކަންތައްތައް ވަމުންދާގޮތަށް ބަލާއިރުގަ މިހާރު މިފަދަ ނުބައި އޮއިވަރުތައް ރާއްޖެއަށް ފެތުރުމަށް މަސައްކަތްކުރެވެމުންދާ ދުވަސްވަރަކަށް ވާއިރު، ކުދިންގެ ކަންކަމަކީ ވަރަށްވެސް އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ތުއްތު އުމުރުފުރާއިންފެށިގެން ކުރިއަށް ދާއިރުގަ ރަނގަޅު ބިންގަލެއް އެޅޭނީ ބެލެނިވެރިން ނުވަތަ މައިންބަފައިން އަދި ކުދިން ބޮޑުކުރުމުގަ ޒިންމާއަދާ ކުރަންޖެހޭ ހުރިހާ ފަރާތްތަކުން އެކުދިން އެ ހުށަހެޅޭ ކަންކަމަށް ސަމާލުކަން ދީގެން ކަމުގައި މޭޔަރ ވިދާޅުވިއެވެ.
މިއާއިއެކު މުޢިއްޒު ވިދާޅުވީ ކުދިން ގޭތެރެއިން ނުކުމެގެން ސްކޫލަށް ދިއުމަށްފަހު އެ ސްކޫލްތަކުން އެކުދިންނަށް އުނގަންނައިދެވޭ ކަންކަމަކީ ނުވަތަ ކުދިންނަށް ދެވޭ މެސެޖްތަކަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާ އާދަކާދައާ ގުޅޭ ކަންކަމަށް ހެދުމުގަ ކުރިއަށްވުރެ ބޮޑަށް މިހާރު ކަންތައްތައް ރާވަންޖެހޭ ކަމަށެވެ.
“ސްކޫލްގަ ކުދިންނަށް ކިޔަވައިދޭ އިރުގަ އެ ދޭންޖެހޭ މެސެޖްތައް ނުވަތަ ބައްޓަންކުރަންޖެހޭ ގޮތް އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި، އަޅުގަނޑުމެންގެ ސަގާފަތާ އާދަކާދައާ ގުޅޭ ކަންކަމަށް ހެދުމުގަ ކުރިއަށްވުރެ ބޮޑަށް މިހާރު ކަންތައްތައް ރާވަންޖެހޭ. އެކަން އެއީ މިހާރު ވަރަށް އިސްކަންދޭންޖެހޭ ކަންކަން. އެހެންވީމަ މިކަން އަޅުގަނޑު ހަމަ ސަމާލުކަމަށް ދަންނަވާލަން ބޭނުންވަނީ މިހާރު އިންސާނުން އުފެދިފައިވާ ގޮތާއި، އިންސާނުންގެ މި ނަސްލަށް ގޮންޖަހާ ހިސާބަށް ދުނިޔޭގެ އޮއިވަރު ބަދަލުވަމުންދާ ހިސާބަށް ކަންކަން ގޮސްފައިވާތީ” މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފަތުރަމުންދާ ”އެލްޖީބީޓީކިޔު“ ގެ ވަބާއަށް އިޝާރާތްކުރައްވާ މިފަދަ ކަންކަން ސަމާލުކަމަށް ގެނެސްދެއްވަން ބޭނުންފުޅުވާ ސަބަބެއްގެ ގޮތުގައި މޭޔަރު މުޢިއްޒު ފާހަގަކުރެއްވީ މިދުވަސްވަރަކީ ދުނިޔޭގެ އޮއިވަރު ބަދަލުވަމުންގޮސް އިންސާނުން އުފެދިފައިވާ ގޮތާއި، އިންސާނުންގެ ނަސްލަށް ގޮންޖަހާ ހިސާބަށް ކަންކަން ގޮސްފައިވާ ދުވަސް ވަރެއް ކަމަށެވެ. އަދި މިއީ ހަމަ އެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ކަމެއް ނޫންކަމަށާއި، މިއީ ދުނިޔެގެ ހުރިހާ ޤައުމެއްގައިވެސް ދެކެވެމުންދާ ވާހަކައެއް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ކުރުގޮތަކަށްވެސް މޭޔަރު މުޢިއްޒު އެ ތަފްޞީލް ކޮށްދެއްވީ ވަރަށް ބޮޑު ވާހަކައެއް ކަމަށާއި، ސްކޫލްތަކުގަ ކިޔަވައިދިނުމުގަ އިސްކޮށް އުޅުއްވާ ފަރާތްތަކާއި ބެލެނިވެރިންނާ އެންމެހާ ފަރާތްތަކަކީ މިކަންކަމަށް ސަމާލުކަންދޭންޖެހޭ ބަޔަކަށް ވާންޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.

