ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީގެ ލިޑަރު މުޙައްމަދު އަސްލަމަށް ބޮޑުތަކުރުފާނު ވިޔަޒޯރަށް ރައްދު ދެއްވި ބައިތުން ރައްދެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމާއި ގުޅިގެން އެ ގަރާރުގައި 54 މެމްބަރުން ސޮއިކޮށްފައި ވާއިރު، ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގައި އިސްވެ އުޅުއްވަނީ މެމްބަރު އަސްލަމެވެ.
އެކަމަށް ޢިޝާރާތްކުރައްވާ ރައީސް ނަޝީދު ގެ ވަފާތެރި މެމްބަރުން އުފެއްދި “ދަ ޑިމޮކްރެޓްސް” ޕާޓީގެ ވަޓްސްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިކަމުގައި އަސްލަމަށް ދެއްވަން އޮތް ޖަވާބަކީ އަނދިރިއަނދިރިން ބޮޑު ތަކުރުފާނުގެ ބޯ ކަނޑައިލަން ވިޔަޒޯރަށް އެންގުމުން ބޮޑު ތަކުރުފާނު ދެއްވި ރައްދު ކަމަށެވެ.
“އަޅުގަނޑަށް ވެސް އަސްލަމް އަރިހު ހަމަ ދެންނެވޭނީ، ވެދުންކޮށް ހެދޭއިރު އަޅުގަނޑުގެ މި ބޯ، ހުރުން ބޭނުމޭ އޭގެ ޝަހްސިއްޔަތެއް” ނަޝީދު ފޮނުއްވި މެސެޖްގައި ވެއެވެ.
މަޖިލިސް ރައީސް ކަމުން ނަޝީދު ވަކިކުރަން ހުށަހަޅާފައި ވާއިރު، މަޖިލީހުގެ ނައިބު ރައީސް އީވާ މަޤާމުން ވަކި ކުރުމަށްވެސް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއި ނުލިބޭނެ ކަމަށް، ދަ ޑިމޮކްރެޓްސް ޕާޓީން ބުނަމުންދާއިރު، އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ވަކިކުރަން މަޖިލީހުގެ އަޣްލަބިއްޔަތު ލިބޭނެ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ފާސްކޮށް 54 މެމްބަރުންގެ ސޮޔާއިއެކު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ރައީސް ނަޝީދު ވަކިކުރަން ސޮއި ކުރިއިރު، އެމްޑީޕީ ބައެއް މެމްބަރުން އެމަނިކުފާނު ވަކިކުރަން ސޮއި ކޮށްފައެއް ނުވެއެވެ.
އެ މެމްބަރުންނަކީ:
1) ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދާއި
2) ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)
3) ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް)
4) ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
5) އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

