ރިޔާސީ އިންތިޚާބަށް އެންމެ 3 މަސްދުވަހަށް ވެފައިވަނިކޮށް ރައީސް އިބްރާޙިމްގެ ސަރުކާރުން ރައްޔިތުންގެ މަޖިލިސް މަރުތަޅު އެޅުވީ ރޭވުންތެރިކަމާއިއެކު ގަސްތުގައި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސް އަދި ނައިބޔ ރައީސްގެ އިތުބާރުނެތްކަމަށް ހުށަހެޅިފައިވަނިކޮށް ޑަބްލިއު.އެފް.ޑީއިން އިންތިޒާމްކޮށްގެން ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު ބެލެހެއްޓުމާއި ލެޖިސްލޭޓިވް ސްކްރޫޓީންއާ ބެހޭގޮތުން މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅިފއިވަނިކޮށް، މަޖިލީހުގެ ރައީސް ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައޮއްވާ މަޖިލިސް ކުރިއަށް ދިއުމަށް މަޖިލީހުގެ ޤަވާއިދު ތަންނުދޭކަމަށެވެ.
އެއާއެކު މަޖިލިސް ރައީސްގެ މައްސަލައިގައި ރިޔާސަތު ބެލެހެެއްޓޭނީ ނައިބު ރައީސް އަށް ކަމާއި، ނައިބު ރައީސް ގެ މައްސަލައިގަ ރިޔާސަތު ބެލެހެއްޓޭނީ މަޖިލިސް ރައީސްއަށް ކަން އީވާ ފާހަގަކުރެއްވިއެވެ. ޤަވާއިދު އެހެން އޮތްނަމަވެސް އެމްޑީޕީއިން މަސައްކަތްކުރަމުންދަނީ މަޖިލީހުގައި މަރުތަޅު އަޅުވަން ކަމަށް އީވާ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބަށް 3 މަހަށްވީމާ ސަރުކާރުން ބޭނުންވެގެން މަޖިލިސް މަރުތަޅުއެޅުވީ ކަމަށް އީވާ ސިފަކުރެއްވިއެވެ.
“ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއިން މިކަން މިކުރީ ގަސްތުގަ ރިޔާސީ އިންތިޚާބަށް 3 މަހަށްވީމަ. ވިސްނައިގެން ރާވައިގެން މަޖިލިސް ޑެޑްލޮކަކަށް އެ ގެންދެވީ” އީވާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ 3 މަސްކުރިން ސަރުކާރުން މަޖިލީހުގެ މަސައްކަތް ހުއްޓުވީ ޤަސްދުގައި ރާވައިގެން ސަރުކާރު ޖަވާބުދާރީ ވިޔަ ނުދޭންކަމަށްވެސް އީވާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން ހުށަހަޅާފައި ވާއިރު، މަޖިލީހުގެ ނައިބު ރައީސް އީވާ މަޤާމުން ވަކި ކުރުމަށްވެސް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله މަޤާމުން ވަކިކުރުމުގެ މައްސަލަ 11 ޖޫން 2023 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު، މިހާރު ވަނީ އެޖެންޑާއިން އެ މައްސަލަ ނަގާފައެވެ.
މައްސަލަ ހުށަހެޅުއްވި މެންބަރަށް ފޮނުއްވި ސިޓީއެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާ އަންގަވާފައިވަނީ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށާއި، ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތް އަދި ފާސްކުރެވިފައި ނުވާ ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އީވާ ވަކިކުރުމުގެ ޤަރާރާ ގުޅިގެން ކުރެވޭ ބަހުސްގައި މެމްބަރުން ވާހަކަދެއްކުމަށް ދެވޭ ވަގުތު މަޖިލީހުގެ 108 ވަނަ މާއްދާގެ ދަށުން އަދި ކަނޑައެޅިފައި ނުވާ ކަމަށް އަމީން ޢާންމުގެ ސިޓީގައި ވެއެވެ. އެހެންކަމުން، އެ ވަގުތު ކަނޑައަޅައި ނިމުމުން އެ މައްސަލަ ފަހުން އެޖެންޑާކުރުމަށް ފަހު އަންގަވާނެ ކަމަށްވެސް ސިޓީގައި ވެއެވެ.

