ވެރިކަން ކުރަމުންދާ އެމްޑީޕީ އަކީ މިހާރު އެމްޑީޕީ ނޫންކަމަށާ އެއީ ވަގުންގެ ނެޓްވޯކެއް ކަމާއި، އެ ނެޓްވޯކް ފުނޑާލާނީ ”ދަ ޑިމޮކްރެޓްސް“ އިން ކަމަށް އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ބައިބައިވެ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް ވަފާތެރި މެމްބަރުން ގުޅިގެން އުފެއްދެވި ”ދަ ޑިމޮކްރެޓްސް“ އިން މިރޭ އެމްޑީޕީގެ ކުރީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ މައި ހަރުގެ އަކީ ޒަމާންތަކެއް ވަންދެން ސިޔާސީ ޙަރަކާތްތައް ހިންގި ތަނެއްކަމަށާއި، ”ދަ ޑިމޮކްރެޓްސް“ އަނެއްކާ ހަމަ ސިޔާސީ މަސައްކަތްތަކާއި، ސިޔާސީ އެއްވުންތައް ފަށައިގަންނަ ތަނަކަށް އެ ހަރުގެ ވުމަކީ ރަނގަޅު ފާލެއް ކަމަށެވެ.
ޒަމާންތަކެއް ވަންދެން އަޅުގަނޑުމެން ސިޔާސީ ޙަރަކާތްތައް ހިންގި ތަނެއް އަދި މައިދާނެއް އެމްޑީޕީ މައި ހަރުގެ އަކީ. އަޅުގަނޑުމެން ”ދަ ޑިމޮކްރެޓްސް“ އަނެއްކާ ހަމަ ސިޔާސީ މަސައްކަތްތައް ސިޔާސީ އެއްވުންތައް ފަށައިގަންނަ ތަނަކަށް މި ހަރުގެ ވުމަކީ ރަނގަޅު ފާލެއް. އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އެމްޑީޕީއިން މިހުރިހާ ދުވަހު އެގްރީމެންޓެއް ނެތި އެ އިމާރާތުގައި ތިބީ އެތަން ހިސޯރުކޮށްގެން ކަމަށެވެ. އަދި އިމާރާތުގެ ވެރިފަރާތުން ތަން ހުސްކުރުމަށް އެމްޑީޕީއަށް އެންގުމުން އެމްޑީޕީއިން ކޯޓަށް ދިޔަކަމަށާއި، ޖަގަހަ ހުސްކުރުން ހުއްޓުވުމަށް ކޯޓު އަމުރު ނުދިނުމުން ސިއްރިޔާތުގައި އިތުރު ކޯޓު އަމުރެއް ހޯދުމަށްވެސް އެމްޑީޕީއިން ހުށަހަޅާފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އެ ބާވަތުގެ މީހުންނާއި ގުޅޭކަށް ބޭނުމެއް ނުވާ ކަމަށާއި، މިހާރު ހިނގަމުންދަނީ އެމްޑީޕީ ނޫންކަމަށެވެ. އަދި އެއީ ވަގުންގެ ނެޓްވޯކެއް ކަމަށާއި، ދިވެހި ރައްޔިތުންގެ އިތުބާރު ވަނީ އެމްޑީޕީއަށް ގެއްލިފައި ކަމަށްވެސް އިންތި ވިދާޅުވިއެވެ. އެއާއިއެކު އިންތި ވިދާޅުވީ ވަގުންގެ ނެޓްވޯކަށް ބާއިބާއި ކިޔުމަށްފަހު ”ދަ ޑިމޮކްރެޓްސް“ އުފެއްދީ މި ރާއްޖެ ސާފުމަގަށް ގެނައުމަށްޓަކާ ކަމަށެވެ.
ބާއި ބާއި ވަގުންގެ ނެޓްވޯކަށް ބާއި ބާއި، ދިވެހި ރައްޔިތުންގެ އިތުބާރު ވަނީ އެމްޑީޕީއަށް ގެއްލިފަ، އެހެންވީމަ އަޅުގަނޑުމެން އާ ރޫޙެއްގަ އާ ހިތްވަރަކާއެކު، އާ ޢަޒުމަކާ އެކުގަ މި ރާއްޖެ ސާފުމަގަށް ގެނައުމަށްޓަކާ ”ދަ ޑިމޮކްރެޓްސް“ މި އުފެއްދީ. މިހާރު އެ ހިނގަނީ އެމްޑީޕީ ނޫން އެއީ ވަގުންގެ ނެޓްވޯކެއް، އެ ނެޓްވޯކް ފުނޑާލާނީ ”ދަ ޑިމޮކްރެޓްސް“ އިންތި ވިދާޅުވިއެވެ.
2012 ވަނަ އަހަރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު 7 ފެބްރުއަރީ ގެ ވާހަކަ ދައްކަން މަންދޫބަކަށް ރޮޒައިނާ ހަމަ ޖެއްސުމުން އެމްޑީޕީއަށް ވެފައިއޮތްގޮތް ފެންނަން އެބައޮތް ކަމަށާއި، މިހާރު ހިނގަމުންދާ ހުދުމުޚުތާރު ސަރުކާރުގެ ކިބައިން ރާއްޖެ ސަލާމަތް ކުރާނީ އެޕާޓީން ކަމަށް އިންތި ވިދާޅުވިއެވެ.
ޒަމާންތަކެއް ކުރިންވެސް ރައީސް އިބްރާހިމް އަކީ ރައީސް ނަޝީދަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމާއި، އެކަން ޔަޤީންވަނީ ސަރުކާރުން 2018 ގައި އިބްރާހިމް ވެރިކަމަށް ވަޑައިގެން ޖަލުގައި ތިބި ސިޔާސީ ލީޑަރުން މިނިވަން ކުރެއްވި ނަމަވެސް ރައީސް ނަޝީދުގެ މައްސަލާގައި އަޅާނުލެއްވުމުން ކަން ފާހަގ ކުރައްވަމުން އިންތި ވިދާޅުވީ 2018 ގައި ރައީސް ނަޝީދު ވީހާލެއްގައި ވާން ކަމަށް ވިދާޅުވެ ރާއްޖެ ވަޑައިގަތީކަމަށާއި އެމަނިކުފާނަށް ސަޕޯޓު ކުރަން މުޅި މާލެ އުތުރިގެން އެރި ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުއަށް ރާއްޖެ ވަޑައިގެންނެވުނީ ސަރުކާރުގެ ސަބަބުން ނޫންކަމަށާއި، މިސަރުކާރުން އޭރުވެސް ބޭނުންވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތަނުދިނުމަށް ކުރެވެންހުރި ކަމެއް ކުރުމަށް ކަމަށް އިންތި ވިދާޅުވިއެވެ. އެހެންވީމާ ރައީސް ނަޝީދުއާއި މެދުގައި އެމީހުންގެ ހިތް އޮތްގޮތް ވަރަށް ސާފުކަމަށް އިންތި ވިދާޅުވިއެވެ.
އިންތިގެ ވާހަކަ ނިންމާލަމުން ވިދާޅުވީ ”ދަ ޑިމޮކްރެޓްސް“ އަކީ ރާއްޖޭގަ އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހަދާނެކަމަށާއި، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމްގެ ހުދުމުޚުތާރު ވެރިކަން ބަދަލުކުރާނެ ކަމަށެވެ.

