ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އެ ޕާޓީއިން މިރޭ އަރުވައިފިއެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓު ޤާސިމަށް އެރުވީ މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފާއި ދެ ޒުވާނުންނެވެ.
އެ ރަސްމިއްޔާތުގައި ދެ ޒުވާނުން ޤާސިމަށް އަރުވާފައި ވަނީ ދިވެހި ރާއްޖޭގެ ފެހި ޤާނޫނުއަސާސީއެވެ. އަދި އަލީ އާރިފް ވަނީ ޖޭޕީގެ ރިޔާސީ ޓިކެޓް ޤާސިމާއި ހަވާލުކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ޖޭޕީގެ ރިޔާސީ ޓިކެޓު ޤާސިމަށް އެރުވި ތިން ވަނަ ފަހަރެވެ. މީގެ ކުރިން، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޖޭޕީގެ ރިޔާސީ ޓިކެޓު އަރުވާފައިވަނީ ޤާސިމް އިބްރާހިމަށެވެ. އެ ދެ އިންތިޚާބުގައި ވެސް ޤާސިމަށް ދެވަނަ ބުރަށް ދެވޭ ވަރަށް ވޯޓު ހަމަނުވުމުން ޤާސިމް ވަނީ ދެވަނަ ބުރަށް ހޮވުނު ކެނޑިޑޭޓުންގެ ފަހަތްޕުޅަށް ވަޑައިގެން ކޯލިޝަން ހައްދަވާފައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ސިޔާސީ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި މިއީ ޤާސިމަށް އެންމެ ފުރުޞަތު ބޮޑު އިންތިޚާބެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމަށް ޓިކެޓް އެރުވި ރަސްމިއްޔާތުގައި ޖޭޕީއަށް ތާއީދުކުރައްވާ ގިނަ ބަޔަކު ބައިވެރިވިއިރު، ސަރުކާރުގައި ތިއްބެވި ޖޭޕީގެ ބައެއް ވަޒީރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމްހޫރީ ޕާޓީން މި ފާއިތުވި 5 އަހަރުގެ ތެރޭގައި ސިޔާސީ ޙަރަކާތްތައް މަޑު ޖެހިފައި އޮތުމަށްފަހު މިރޭ ބޭއްވި ޖަލްސާއަކީ ޖޭޕީން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ބޭއްވި އެންމެ ބޮޑު ސިޔާސީ ޖަލްސާކަން ފާހަގަ ކޮށްލެވެއެވެ.

