އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ބޮޑުވެ ކައިވެންޏަކާއި ހަމައަށް ފޯރަނީ މިފަދަ ވިސްނުމެއްގައެވެ. ފުރިހަމަ، ތަފާތު، އަދި އަގުބޮޑު ކައިވެނީގެ ޕާޓީއަކަށް ހިތްއެދެނީ ކީއްވެގެން ކަން ގިނަފަހަރު އަމިއްލަ މީހާއަށް ވެސް ނޭނގެއެވެ. ވިސްނުން މިފަދަ ގޮތަކަށް ބައްޓަންވެފައި ހުރީ ކީއްވެގެންތޯ ވިސްނާލީ އަޅުގަނޑުމެންގެ ތެރެއިން މަދުމީހެކެވެ.
ކަންކަމުގައި ސާދާގޮތް އިޚްތިޔާރު ކުރުމާއި، އެކަށީގެންވާ ގޮތަށް ޚަރަދުކުރުމަކީ އަޅުގަނޑުމެންގެ ދީން ވެސް އެކަމަކަށް ވަރަށްބޮޑަށް ބާރުއަޅާކަމެވެ. ކަންކަމާއި އެކަށޭނަ، ސާދާ ރިވެތި އާދަތައް ދިވެހީންގެ ތެރެއިންވެސް ފެންނަން އެބަހުއްޓެވެ. އެހެނަސް އެއާދަތައް ފެންނާނީ އެކަން ހޯދުމަށް މަސައްކަތް ކުރާ މީހަކަށެވެ.
އަންހެންވެރީން ވިސްނަނީ ކައިވެނީގެ ހަފުލާ ޒީނަތްތެރި ކުރުމާއި، ޕާޓީގައި ކާތަކެތީގެ ކަންކަން ފުރިހަމަގޮތަކަށް ހަމަ ޖެއްސުމަށެވެ. އަދި އެންމެ ޚާއްޞަގޮތެއްގައި ދެކަނބަލުންގެ ހެދުން ޒީނަތްތެރި ކޮށް އެއީ ޚާއްޞަ އަދި ތަފާތު އެއްޗަކަށް ހެދުމަށް އަންހެންވެރީން މަސައްކަތް ކުރަނީ އެކަމުގައި އެއްވެސް ވަރަކަށް ޚަރަދައް ބަލައިލުމެއް ނެތިކަމަށް ހަމައެކަނި ފިރިހެން ވެރީން ތުހުމަތު ކުރިއަސް މިކަމަކީ، އަޅުގަނޑމެން އެންމެން ދެނެތިބި ބޮޑު ސިއްރެކޭވެސް ބުނެވިދާނެއެވެ.
ފިރިހެންވެރީންގެ ކަންތައް ވެސް ވަކި ދަށެއްނޫނެވެ. ކައިވެންޏަށް ފަހު، ނުވަތަ ކައިވެނީގެ ޙަފުލާއާއި ގުޅޭ ކަންކަމުގައި ބޭނުން ކުރާނެ އުޅަނދުފަހަރުގެ ކަންކަން ފިރިހެންވެރީން ވެސް ރާވާލަނީ، ޚަރަދަށް ބަލައިގެން ކަމަށް ބުނެވޭކަށް ނެތެވެ. އެން ފަހުގެ އަގުބޮޑު ކާރުތަކާއި، ޕާޓީ ބާއްވާނެ ތަނެއް އިޚްތިޔާރު ކުރުމުގައި ފިރިހެންވެރީންގެ އުއްމީދުތައްވެސް ވަކި ދަށެއްނޫނެވެ.
ދެއްކުންތެރިކަމާއި، އިސްރާފުކުރުން – ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑި ނުގަންނަވާ ސިފައެއް
ތިބާގެ މުއްސަނދިކަމަކީ އަދި ފަޤީރު ކަމަކީވެސް އިމްތިޙާނެކެވެ. ކައިވެނީގެ ޙަފުލާއެއް ބާއްވައި އުފާފާޅުކޮށް، އެއުފަލުގައި މީސްތަކުން ބައިވެރިކުރުމަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރުއަޅުއްވާފައިވާ ކަމެކެވެ. އެހެނަސް އެކަމުގައިވެސް އިސްރާފު ކުރުމެއްނެތެވެ.
މީސްތަކުން، އެއުރެން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރަންވީ، މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. އަދި ތިޔަބައިމީހުން ކުރާ ކޮންމެ ހެޔޮކަމެއް ހަމަކަށަވަރުން، اللَّه މޮޅަށް ދެނެވޮޑިގެންވެއެވެ. (ޤުރުއާން-2:215)
މީހުން ބުނާނީ ކީކޭ؟
އިސްލާމްދީން ބާރުއަޅަނީ، ކަންކަމުގައި ސާދާގޮތް އިޚްތިޔާރު ކުރުމަށެވެ. އަދި ދެއްކުންތެރިކަމާއި، އިސްރާފުކުރުމުން ދުރުހެލިވުމަށެވެ. އަޅުގަނޑުމެން މުސްލިމުން ވާދަކުރަންވީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަނތުން ހޯދުމުގައެވެ. މީހުން ބުނާނެ އެއްޗަކަށް ބެލުމުގެ ކުރިން އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެން ހައްދަވާ ގެންގުޅުއްވާ ފަރާތުން އަޅުގަނޑުމެންނާއި މެދު ދެކެވޮޑިގަންނަވަނީ ކިހިނެއްތޯ ބެލުމަށެވެ.
2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި އުފެދި ކުރިއަރަމުންދާ އޮންލައިން ވިޔަފާރިތަކަށް ބަލައިލިއަސް، ކައިވެނީގެ ޙަފުލާތައް ބޭއްވުމުގެ ދާއިރާ، މާލޭގައި އެކަނިވެސް ފުޅާވެގެން ގޮސްފައިވާ މިންވަރު ސާބިތުވެއެވެ.
ކައިވެންޏަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވީތީ އެއިލާހަށް ކިޔަމަންތެރި ކަން އަދާކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ ކަމެކެވެ. ވީމާ، މިކަމުގައި ޣައިރުމުސްލިމުންގެ އާދަތައް ހިމަނައި އިސްރާފުކުރުން ފަދަ މުސްލިމުންނާއި އެކަށީގެންނުވާ އާދަތަކުން ދުރުހެލިވަމާ ހިންގާށެވެ.

