އިންޑިއާއިން ބުނީ ކެނެޑާގެ ސަރުކާރުން މިފަދަ ކަމަކަށް ހުއްދަދީގެން ނުވާނެ ކަމަށެވެ. ކެނެޑާގެ ބްރަމްޓަން ސިޓީގައި ބޭއްވި ހިނގާލުމެއްގައި މިމަންޒަރުތައް ދައްކާފައިވަނީ، ސިކުންގެ އެކްޓިވިސްޓުން ތަކެއް ތައްޔާރުކުރި ފުޅަނަދަކުންނެވެ.
މިކަމާއި ބެހޭގޮތުން އިންޑިއާގެ ޚާރިޖީވަޒީރު އެސް. ޖައެޝަންކަރު ވިދާޅުވެފައިވަނީ، މިފަދަ ޙައްސާސް މައްސަލައެއްގެ މަންޒަރުތައް އެހާ ތަފްޞީލުކޮށް ދެއްކުމުން އެމީހުންގެ ބޭނުމަކީ ކޮބައިކަން ހާމަވެގެންދާކަމަށެވެ.
މިއީ ދެޤައުމުގެ ގުޅުމަށް ރަނގަޅު ކަމެއް ނޫން. މިއީ ކެނެޑާއަށް ވެސް ރަނގަޅު ކަމެއް ނޫން.
ޖައެޝަންކަރު އިތުރަށް ވިދާޅުވިއެވެ.
އިންޑިއާގައި ހުންނަވާ ކެނެޑާގެ ސަފީރުވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. މިހިނގާލުމުގެ މަންޒަރުތައް ސޯޝަލްމީޑިއާގައި ޢާއްމުވެފައި ވާއިރު ގިނަ ފަރާތްތަކަކުން ދަނީ މިކަން ކުށްވެރި ވެސް ކުރަމުންނެވެ.
އިންޑިއާ އިން ބޭރުގައި އެއްތަނެއްގައި އެންމެ ގިނަ ސިކުން ދިރިއުޅެމުން ގެންދާ ޤައުމަކީ ކެނެޑާއެވެ.
1948 ވަނަ އަހަރު އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަވަހާރަ ކޮށްލާފައި ވަނީ އެކަމަނާގެ ބޮޑީގާޑުންގެ ތެރޭގައި ހިމެނޭ ސިކުންގެ ދެމީހެކެވެ.
އެއީ، އޭރު، އަމިއްލަ ޤައުމެއް އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަ ސިކުން ހުއްޓުވުމަށް އިންޑިއާ ސަރުކާރުން ހިންގި ޙަރަކާތްތަކަށް ބަދަލުހިފުމަށް ކޮށްފައިވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

