ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަންނަ ހަފުތާގައި ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ޗައިނާއިން ބުނެފިއެވެ. މިއީ ފަލަސްޠީނު-އިސްރާއީލު ޞުލްޙައިގެ ވާހަކަތައް ދެއްކުމުގައި މެދިވެރިއެއްގެ ރޯލު އަދާކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ހުށަހަޅުއްވާފައި ވާތީ ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 13 އިން 16 އަށް ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހުއާ ޗުންޔިންގ އާއި ޙަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ޚާރިޖީ ވުޒާރާގެ އިތުރު އޮފިޝަލަކާއި ޙަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ޗައިނާއިން ވަނީ މަޙްމޫދު ޢައްބާސްއަކީ އެޤައުމުގެ ޒަމާންވީ އެކުވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޢައްބާސް ވެގެންދާނީ މިއަހަރު ޗައިނާއަށް ޒިޔާރަތް ކުރައްވާ ފުރަތަމަ ޢަރަބި ރައީސަށް. ޗައިނާއިން އަބަދުވެސް ޤަބޫލުކުރަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންނަށް ޙައްޤުވާ މިނިވަން ކަމާއި، އަމިއްލަ ޤައުމެއްގެ ގޮތުގައި ޙައްޤުވާ ހުރިހާ ޙައްޤުތަކެއް އެފަރާތަށް ލިބިގެން ދިއުން.
އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.
ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގައި ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންވެސް ޝީ ވަނީ ޢައްބާސް އާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ޝީ ވަނީ ފަލަސްޠީނުގެ މައްސަލައަށް އަވަސް، އިންސާފުވެރި އަދި ދިގު މުއްދަތަކަށް ދެމިގެންދާނެ ފަދަ ޙައްލެއް ހޯއްދަވައި ދެއްވާނެކަމަށް ވަޢުދު ވެވަޑައިގެންފައެވެ.

