އަހަރެންގެ ހަޔާތުގައި ދުވަހަކު ވެސް ގާސިމް އިބްރާހިމް އަށް ދެރަކޮށް ބަހެއް ބުނާކަށް ބޭނުމެއް ނޫނެވެ. އަދި ނުވެސް ބުނާނަމެވެ. ސަބަބުތަކެއް ހުރީމަ އެވެ. ސަބަބަކީ ވިލާ ފައުންޑޭޝަން ގައި 8 އަހަރު ވަޒީފާގައި އުޅެފައިވާތީވެ ކޮންމެ ދުވަހަކުމެ އެތަކެއް އެހީގެ އާދޭހުގެ ސިޓީތަށް ފެނި އަދި އެފަދަ ސިޓީތަކުގެ ޖަވާބަށް ވެދެއްވާފައިވާ ދީލަތި އެހީފެނިފައިވާ މީހަކަށް ވީތީއެވެ.
ދިވެހި ނިކަމެތި ރައްޔިތުން ބައްޕަ ގާސިމް އިބްރާހިމް އަށް އަޅުގަނޑު ގެ ފަރާތުން މިދެއްވާ ނަސޭހަތް ޤަބޫލު ކުރައްވާށެވެ. މަނިކުފާނަކީ ދިވެހި ދައުލަތް ފިޔަވައި އެންމެ ގިނައިން ރައްޔިތުންނަށް ބޭސްފަރުވާ އާއި ތައުލީމާއި، ރަށްރަށުގެ ތަރައްޤީ އަށް އެހީވެދީފައިވާ ފަރާތެވެ. މަނިކުފާނުގެ ދީލަތި އެހީގައި ކިޔަވައިގެން ތިއްބެވި އެތަކެއް ތަޢުލީމީ ޒުވާނުންނެއް ގެންދަވަނީ ރާއްޖެއަށް ހިދުމަތް ކުރައްވަމުންނެވެ. ސަރުކާރުގެ މަތީ މަޤާމު ތަކުގަޔާއި އަމިއްލަ ކުންފުނިތަކުގައެވެ. ބަލާލި ކޮންމެ ދިމާލަކުން މަނިކުފާނުގެ އެހީގައި މަތީ ތަޢުލީމު ހާސިލް ކޮށްގެން ތިއްބެވި ބޭފުޅުންނެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން ކަމުގައިވާ، އޭޑީކޭ ނާޝިދު އާއި، އަބުދުﷲ ޖާބިރު ފަދަ މަހުޖަނުންނާއި، ރައްޔިތުންގެ މަޖްލީހުގެ އޭރު ތިއްބެވި މެމްބަރުން ކަމުގައިވާ މޮޑީ، ޑރ. ހުސައިން ރަޝީދު، ޝަހީދު ޒަކީ އާއި މުހައްމަދު ޝިހާބު މިފަދަ އެތަކެއް ބޭފުޅުން އޭރު ތިއްބެވީ މަނިކުފާނުގެ ފަހަތްޕުޅުގައެވެ.
އެދުވަސް ވަރަކީ މަނިކުފާނުގެ فِي سَبِيلِ ٱللَّٰهِ މިދެންނެވި ފަރާތްތަކަށް ވަކި ހައްދެއްނެތި ހުޅުވާލާފައި އޮތް ދުވަސްވަރަކެވެ. އަބަދުވެސް މަނިކުފާނުގެ އެހީތައް އޮންނަނީ فِي سَبِيلِ ٱللَّٰهِ އަށް ހުޅުވާލާފައެވެ. ނަމަވެސް ވަކިބަޔަކު އޭގެ ނާޖައިސް ފައިދާ ނަގަން މަސައްކަތް ކުރި ދުވަސްވަރެވެ. މަނިކުފާނުގެ ދީލަތި ކަމުގެ އެހީގައި ވަކިބަޔަކު އަނބި ދަރީން ރާއްޖެއިން ބޭރުގައި ބައިތިއްބައި އެތަކެއް ހަރަދެއް ކުރި ދުވަސްވަރެވެ.
ނަމަވެސް ރިޔާސީ އިންތިޙާބުގައި ވާދަކުރައްވައި 4 ވަނައަށް ގޮސް، ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުން ދެވަނައަށްދިޔަ ގ.ކެނެރީގޭ މުހައްމަދު ނަޝީދުއަށް ބައިއަތު ހިފައި އިންތިހާބު މުހައްމަދު ނަޝީދުއަށް ކާމިޔާބު ކޮށްދިނުމަށްފަހު، ކޯލިޝަން ތެރޭގައި މައްސަލަ ޖަހި އެކޯލިޝަންއިން ޖުމްހޫރީ ޕާޓީ ވަކިވުމުން މަނިކުފާނުގެ ފަހަތުން އައީ ކޮންބައެއްތޯއެވެ. ހަމަގައިމުވެސް މިދެންނެވި އެކަކުވެސް މަނިކުފާނުގެ ފަހަތުގައި ނެތެވެ. މިދެންނެވި އެންމެންވެސް ކުލަ ބަދަލުކޮށްލައި އެމްޑީޕީ އާއި ގުޅުނީއެވެ.
ނަމަވެސް 2013ގެ އިންތިހާބު ޖެހުމުން އެންމެން ކުލަ ބަދަލުކޮށްގެން މަނިކުފާނުގެ ޕާޓީ އާއި ގުޅިގެން މަސައްކަތްކުރީ މަނިކުފާނަށް ހެޔޮއެދިގެން ނޫނެވެ. ހަމައެކަނި މަނިކުފާނުގެ ފީސަބީލިއްލާހިން ކައިގެން ބޮއިގެން އަަރާމުގައި އުޅެލުމުގެ ބޭނުމުގައެވެ. ފިލްމިސްޓާރުންނާއި ، ބަށި ޓީމުތަކާއި، ފުޓް ބޯޅަ ޓީމްތަށް މިދުވަސްކޮޅު ޖުމްހޫރީ ޕާޓީ އާއި ގުޅެމުންދަނީ މަނިކުފާނުގެ ފީސަބީލިއްލާހި ކެއުމަށެވެ.
ރައީސް ޔާމީނުގެ ވެރިކަމަކީ މަނިކުފާނަށް އެތަކެއް ދުއްތުރާތައް ޖެއްސެވި ވެރިކަމެކެވެ. އަހަރެންގެ ހަނދާނަށް އައީ ކޮންމެސް ބައްދަލުވުމެއްގައި މަނިކުފާނު ބުނުއްވެވި އެއްޗެކެވެ. އޭނައަށް ވެރިކަން ލިބިއްޖާމު ލުނބޯހުތް ފެލާނެހެން ތިމަންނާ ފެލާލާނެއޭ ބުނި ހަނދާނެވެ. ކަންވީވެސް އެގޮތަށެވެ. 2013ގެ އިންތިހާބުން މަނިކުފާނު ދެވަނަ ބުރަކަށް ނުދިޔައީމާ ބައިއަތު ހިއްޕެވީ ފެލާލާނެއޭ ބުނި މީހާއާއި އެވެ. އޭގެ ފަހުން އެވެރިކަމުގައި ގައުމުންވެސް ބޭރުކޮށްލިއެވެ. އެހުރިހާ އަނިޔާއެއް ދިންއިރު އަތްޖަހަންތިބި އެންމެން މިއަދު ފެންނަނީ މަނިކުފާނުގެ ޕާޓީގެ އިސްސަފުންއެވެ. ކޮންފަދަ ބޮޑު އޖައިބެއްބާއޭވެސް އަހަރެންގެ ހިތަށް އަރައެވެ. ފަހަރުގައި ސިޔާސި ގޮތުން އަހަރެންގެ ސިކުނޑި ކޮށީކަމާށްވެސް ވެދާނެއެވެ.
ވަކި ކަމަކަށް ޝަރުތު ކޮށްގެން ތިހެން ގުޅިވަޑައިގަންނަވާ ބޭފުޅުން މަނިކުފާނަކަށް އިޙުލާސްތެރިއެއް ނުވާނެކަން ޔަޤީނެވެ. ކަންހިގާ ގޮތް ބަލަން އަޅުގަނޑުމެން މިތިބީއެވެ. 2008 ވިސް ނިމިގޮސްފިއެވެ. 2013 ވެސް ނިމިގޮސްފި އެވެ. 2018 ވެސް ނިމިގޮސްފިއެވެ. 2023 ގެ ކަންތަށް މި ފެށުނީތާއެވެ. މަނިކުފާނަށް ދެރަގޮތެއް ނުވުމަށް އެދެމެވެ.

