ދީނީ ދަރުސްތައް ދެއްވާއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ގުޅިގެން ވާހަކަދެއްކުން މަނާ ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމު ކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ޤަވާއިދުގައިވާ ގޮތުން، ދީނީ އެކިއެކި މުނާސަބަތުގައާއި، ދީނީ ދަރުސްތަކުގައާއި، އަދި ޚުޠުބާތަކުގައި ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމުގެ ގޮތުން އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އަދި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައ،ި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކާ އިސްލާމްދީނުގެ ޙުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ވަކި ޖިންސެއްގެ މީހަކަށް ވާތ،ީ ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާކަމަށް ޓަކައ،ި ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށް ޓަކައ،ި އެއީ ވަކި ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށްވެސް އެ ޤަވާއިދުގައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިފަދަ ޤަވާއިދެއް އާންމުކުރުމާއިއެކު މިކަމާއި ޚިޔާލުތަފާތުވުން އުފެދި، މިއީ ދީނާއި ސިޔާސަތު ވަކިކުރުން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެފަދައިން ކަން ކޮށްގެން ނުވާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިކަމަށް ޢިޝާރާތް ކުރައްވާ ދީނީ ޢިލްމުވެރިޔާ ޝެއިޚް ހަސަން ފިކުރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނާއި ސިޔާސަތު ވަކިކުރުމަކީ ސެކިޔުލަރ ފިކުރު ފެށިގެން އައި ގޮތް ކަމަށާއި، ދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ މައްޗަށް އިސްވެ އޮންނަން ޖެހޭ އަސާސް ކަމަށެވެ. އަދި މިޔާއި ޚިލާފަށް ކަންކަން ގެންދިއުމަކީ "ލާދީނިއްޔަތު" ކަމަށް ޝެއިޚް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައި ދީނީ ދަރުސްތަކުގައި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށްފައި ވާއިރު، މިހާރު ހިނގަމުންދާ ވެރިކަމަށް 2018 ގައި ކުރެވުނު ކެމްޕޭނުތަކުގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހަށް ވޯޓް ހޯދައިދެއްވުމަށް ދީނީ ޢިލްމުވެރިން ތަކެއް ވަނީ އެކި އެކި ޕޯޑިއަމްތަކުގައި އެފަދަ ދަރުސްތައް ދެއްވާފައެވެ.
އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ޝެއިޚް އާދަމް ޝަމީމް ވަނީ "އަންދަލުސް" ގެ ނަމުގައި މިފަދަ ދަރުސްތަކެއް ދެއްވާފައެވެ.
އިލެކްޝަނުން މި ޤަވާއިދު ނެރެފައިވާއިރު، ދިވެހި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގެއްލުނު މައްސަލާގައި ދާދި ފަހުން "މިނިވަންކަން" ނަމުގައި، ޖަމިއްޔަތުއް ސަލަފުން ވަނީ ބޮޑު ދަރުހެއް ބާއްވާފައެވެ. ނަމަވެސް އެ ދަރުސްގައި އަލިއަޅުވާލެއްވީ ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ކަން ހިނގާދިޔަ ގޮތާއި މިނިވަންކަން ގެއްލި، މިނިވަން ކަމަށް އަސަރު ކުރި ގޮތްތަކުގެ ވާހަކަ އެވެ. އަދި ދިވެހި ތާރީޚުން ފެންނަން ހުރި ހަޤީޤީ ވާހަކަތައް ހިއްސާ ކުރެއްވިއެވެ. އެ ދަރުސްތެރެއިން ޝެއިޚް ސަމީރު ވަނީ ސިއްރު ސިޓީ ތަކުން މާޒީގައި ރާއްޖޭގެ މިނިވަންކަމަށް ކޮށްފައިވާ އަސަރުތައް ހާމަ ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތުމަށް މިނިވަންކަން ނުހަނު މުހިންމު އިރު، މިހާރު އެ މިނިވަންކަމާއި މެދު ވިސްނާލަންޖެހިފައިވާ ކަމަށްވެސް ޝެއިޚު ސަމީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

