ތުރުކީގެ ވެރިރަށް އަންކާރާގައި ހުރި ގޮވާތަކެތި އުފައްދާ މި ފެކްޓްރީގައި ގޮވި ގޮވުމުގެ ސަބަބުން މަރުވެފައިވަނީ އެތަނުގެ 5 މުވައްޒަފެކެވެ.
ތުރުކީގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޙާދިސާ ހިނގާފައި ވަނީ އަންކާރާގެ ރަށްބޭރުގައި 40 ކިލޯމީޓަރު ދުރުގައި ހުރި ރޮކެޓާއި ގޮވާތަކެތި އުފައްދާ ފެކްޓްރީ އެމް.ކޭ.އީ. ގައި ކަމަށެވެ.
އެ ފެކްޓްރީގެ ޑައިނަމައިޓް ޑިޕާޓުމެންޓުގައި މި ގޮވުން ގޮވީ ކެމިކަލް އެކްސްޕެރިމެންޓެއްގެ ސަބަބުން ކަމަށް ފެކްޓްރީގެ ޓެކްނިކަލް މުވައްޒަފުންނާއި ޙަވާލާދީ އަންކާރާ ޕްރޮވިންސްގެ ގަވަރުނަރު ވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ.
ދިފާޢީ ވުޒާރާއިން ނެރުނު ވަކި ބަޔާނެއްގައި އެފަރާތުން ވަނީ މި ޙާދިސާގައި މަރުވީ 5 މީހުން ކަން ކަށަވަރު ކޮށްދެއްވާފައެވެ. ގޮވުމުގެ ސަބަބުން ހަލާކުވި ބައިތަކުގެ ދަށުން އިތުރު 5 މީހަކު ދިރިތިއްބާ ސަލާމަތް ކޮށްފައި ވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މި ޙާދިސާގައި އެކިވަރުގެ އަނިޔާތައް ލިބުނު މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެވެމުން ދާއިރު، އޭގެ ތެރޭގައި ފުރާނައަށް ނުރައްކާ ވާފަދަ ޒަޚަމްތައް ލިބިފައިވާ ފަރާތްތައް ވެސް ތިބިކަމަށް ރިޕޯޓުތައް ބުނެއެވެ.
މިޙާދިސާ ތަޙުޤީޤު މިހާރު ފެށިފައިވާކަމަށް ތުރުކީގެ ޤައުމީ މީޑީއާއިން ބުނެއެވެ.

