ގދ ތިނަދޫ ގައި ހިންގާ ޕްރައިމަރީ ސްކޫލެއް ކަމުގައިވާ އަބޫބަކުރު ސްކޫލް ގައި ރޭ ބޭއްވި އެ ސްކޫލްގެ ދަސްވެނިވުން 2023 – 2022 ގެ ޚާއްޞަ ޙަފްލާގައި 64 ދަރިވަރަކު ވަދާއީ ސޭޝް އަޅުވައި ހަދާނީ ފިލާ ޙަވާލު ކުރި އެވެ. އޭގެ ތެރެއިން 9 ދަރިވަރުންނަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނެވެ. ރަތް ދޫލައިގެ މަރުހަބާ ޢަކާއި އެކު ވަރަށް ކުލަ ގަދަކޮށް ބޭއްވި އެ ޙަފްލާގައި ކުރިޔަށް ގެންދިޔަ އެންމެ ޚާއްޞަ އަދި އެންމެ އުފާވެރި އައިޓަމަކީ އެ ދަރިވަރުންގެ ތެރެއިން އިންކްލޫސިވް ކެއަރ ޔުނިޓް ގެ ނުވަ ދަރިވަރަކަށް އިނާމާއި ޝީލްޑް އަދި ސޭޝް ޙަވާލު ކުރުން ކަމުގައި ދެންނެވި ދާނެއެވެ.
ތިނަދޫ ސްކޫލްގެ ޕްރިންސިޕަލް ޝަޒިއްޔާ އަހްމަދު ޝަރަފުވެރި ކޮށްދެއްވި އެ ޖަލްސާ ގައި މި ދެންނެވި ދަރިވަރުންނަށް ޚާއްސަ ނަންބަރު ކުރިޔަށް ދިޔަ ވަޤުތު އެތަނުގައި ތިބި އެންމެހާ ޙާޒިރީން ތިބީ އެ އުފާވެރި މަންޒަރު ކަޅި ޖަހާނުލާ ބަލާށެވެ. އުފާވެރި ކަމުގެ ކަރުނަ އެ ލޯތަކުން ފޭބިއެވެ. އެކުދިންގެ ޝަރަފުގައި މުޅި ހޯލު އަތްތިލަބަޑީގެ އަޑުން ގުގުމާލިއެވެ.

އަބޫބަކުރު ސްކޫލް ގައި ރޭ ބޭއްވި އެ ސްކޫލްގެ ދަސްވެނިވުން 2022 – 2023 ގެ ޚާއްޞަ ޙަފްލާގައި ތެރެއިން — ފޮޓޯ: އަބޫބަކުރު ސްކޫލް
ނުހިނގޭ، ރަނގަޅަށް ވާހަކަ ނުދެއްކޭ ނުވަތަ އެފަދަ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ގިނަ ކުދިން ސްކޫލެއްގެ ގްރެޖުއޭޝަން ނުވަތަ ދަސްވެނި ޙަފްލާ އަކުން ފެނުމަކީ ރާއްޖޭގެ ތަޢުލީމީ ހިޔާވައްސަކުން ފެންނަ މަންޒަރެއް ނޫނެވެ. އެހެންކަމުން އެ މަންޒަރު ސިފަވީ ވަރަށް ހިއްވަރު ގަދަ ޤައުމީ ބަތަލުން ތަކެއް ޤައުމަށްޓަކައި ޙާސިލު ކުރި ޝީލްޑާއި ޙަވާލުވި މަންޒަރެއްގެ ފަދައިންނެވެ. ހިތްވަރާއި އެކު ވީ ޤުރުބާނީ އެއްގެ ނަތީޖާއެވެ. ޤައުމުގެ އެހެން ފަރުދުންގެ ތެރޭގައި އެއް ސަފެއްގައި ވުމަށް ކޮންމެ ދުވަހަކު، އެތައް އަހަރެއް ވަންދެން ކުރި ހިއްމަތާއި މިންނަތުގެ ނަތީޖާ އެވެ.
އެ އުފާވެރި ވަގުތުގައި ވަރަށް ބޮޑު ސަމާލުކަމެއް ދެވުނު އެހެން ކަމެއް ފާހަގަ ކޮށްލާނަމެވެ.
މި ދެންނެވި ކުދިންގެ މުދައްރިސުންގެ ފަރާތުން ފެނުނު އޯގާތެރިކަމާއި ލޯތްބެވެ. ކުލުނާއި ޙަމްދަރުދީއެވެ. އެއީ ބަޔާން ކުރަން ފަސޭހަ އިޙުސާސެއް ނޫނެވެ. އެހާވެސް ބޮޑު ސަމާލުކަމެއް އެއިން ކޮންމެ ކުއްޖަކަށް ދިނެވެ. މާޝާ ﷲ ، މުދައްރިސުންނަކީ ކޮންފަދަ އޯގާތެރި ބައެއް ހެއްޔެވެ.

އަބޫބަކުރު ސްކޫލް ގައި ރޭ ބޭއްވި އެ ސްކޫލްގެ ދަސްވެނިވުން 2022 – 2023 ގެ ޚާއްޞަ ޙަފްލާގައި ތެރެއިން — ފޮޓޯ: އަބޫބަކުރު ސްކޫލް
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަބޫބަކުރު ސްކޫލްގެ އިންކްލޫސިވް ކެއަރ ޔުނިޓް އެންމެ އިސް މުދައްރިސް ސައީދާ ހަސަން ވަރަށް އަސަރާއި އެކު އެކުދިންނާއި މުޚާތަބުކޮށް ވިދާޅުވިއެވެ.
"މިއަދު ސައިދާ މިސް ވަރަށް އުފާ ވެސް އެބަވޭ. ވަރަށް ދެރަވެސް އެބަވޭ. އުފާ ވަނީ އެހެން ސްކޫލަކަށް ބަދަލުވެ އިތުރު ކާމިޔާބު ލިބޭނެތީ. ދެރަވަނީ ތި ކުދިން މި ސްކޫލް ގައި ވަރަށް ގިނަ ދުވަސް ހޭދަ ކޮށްފީމު. އެހެންވީމާ ވަކިވާން ޖެހޭތީ ވަރަށް ދެރަވޭ. ވަރަށް ދެރަވޭ"
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި ޢުމުރަކަށް ޙާލަތަކަށް އެ ސްކޫލުން ނުބަލައެވެ. ކުޅެދުނަސް ނުކުޅެދުނަސް ހަމަހަމަ އެވެ. ވަރަށް ގިނައިން އެ ސްކޫލަށް ދާ މީހަކަށް އަޅުގަނޑު ވާތީވެ މި ވާހަކަ ފާހަގަ ކޮށްލީ ލޮލުން ދެއްކި ތަޖުރިބާ ކޮއްފައެވެ.

އަބޫބަކުރު ސްކޫލް ގައި ރޭ ބޭއްވި އެ ސްކޫލްގެ ދަސްވެނިވުން 2022 – 2023 ގެ ޚާއްޞަ ޙަފްލާގައި ތެރެއިން — ފޮޓޯ: އަބޫބަކުރު ސްކޫލް
އަބޫބަކުރު ސްކޫލް މުދައްރިސުން އެ ކުރައްވަނީ އާދައިގެ ކަމެއް ނޫނެވެ. ފަސޭހަ ކަމެއް ވެސް ނޫނެވެ. އަދި ކިއެއްތަ އެ ކުދިންނާއި އެކު ކުރައްވާ މަސައްކަތަކީ އާދައިގެ މުދައްރިސުންގެ ގޮތުގައި ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެއީ އިންސާނިއްޔަތުން ހިތް ފުރިގެންވާ މީހަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. އެވޯޑާއި ޤައުމީ އިނާމު ތިޔަ މުދައްރިސުންނަށް ހަމަ ޙައްޤެވެ.

