ޙަޤީޤަތަކީ، މިކަމަކީ ތިބާއަށް ވަކި ދަރަޖައެއްގެ ޢިލްމު ލިބި ނުވަތަ އަމިއްލަ ނަފްސަށް އޮންނަ ޢިތުބާރު ވަކި ދަރަޖައަކަށް ފޯރުމުން އެކަނި ކުރެވޭ ކަމެއް ނޫނެވެ.
މިކަން ކުރަން ބޭނުންވާ ބެލެނިވެރިއެއްގައި ހުރުން އެންމެ މުހިއްމު ދެސިފައަކީ އިޚްލާޞްތެރި، ނިޔަތެއް ކަށަވަރުވެފައި އޮތުމެވެ. މިކަމުގެ ސަބަބުން ތިބާގައި ވަރުގަދަ ޢަޒުމަކާއި، ކުޅަދާނަކަމެއް އުފެދިގެން ދާނެއެވެ.
އެންމެ ފުރިހަމަ ބެލެނިވެރިޔާ
ތިޔައީ، ތިބާގެ މާޙައުލުގައި އުޅޭ އެންމެ ފުރިހަމަ ބެލެނިވެރިޔާއަށް ވުމަށް މަސައްކަތް ކުރާށެވެ. ދަރީން ތަރުބިއްޔަތު ކުރުމާއި އެދަރީންނަށް ވެސް ދީނުގެ އެންމެ ފުރިހަމަ މަޢުލޫމާތު ތިބާގެ އަމިއްލަ ދުލުން ކިޔައިދިނުމަށް ތައްޔާރުވާށެވެ. މިޒަމާނުގައި ފެތުރެމުންދާ ދުނިޔަވީ ފިކުރުތަކަށް ދަރީން އަހުލުވެރިވުމުގެ ކުރިން ތިބާ އެމަޢުލޫމާތު ހޯދައި އެކުދީންނަށް އެވާހަކަތައް ކިޔައިދޭށެވެ.
މަންމައެއްގެ ޒިންމާ ދެނެގަތުން
މަންމައަކަށް ވުމަކީ ތިބާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަވާލު ކުރެއްވި ވަރަށް ބޮޑު ޒިއްމާއެއްކަން ދަންނާށެވެ. އެއިލާހު ތިބާއަށް ދަރީން ދެއްވީ އިމްތިޙާނެއްގެ ގޮތުގައެވެ. ހަދިޔާއެއްގެ ގޮތުގައެވެ. ނިޢުމަތެއްގެ ގޮތުގައެވެ. އެންމެ މުހިއްމު ގޮތެއްގައި އެއީ ތިބާ އާއި ޙަވާލުވެވުނު އަމާނާތެކެވެ. އަދި އެއްވެސް ޝައްކެއް ނެތްގޮތުގައި އެކަމާއިމެދު ތިބާއާއި ސުވާލުވެވޭނެ ދުވަހެއް އަންނާނެއެވެ.
ޒިންމާ ދެނެގަތުމުގެ ނަތީޖާ
މަންމައެއްގެ ޙަޤީޤީ ޒިންމާ ތިބާއަށް ދެނެގަނެވި އެކަން ހިތުގައި ކަށަވަރު ކުރެވިއްޖެ ނަމަ، އެޒިންމާ ތިބާއަށް އަދާކުރެވުނު އެންމެ ފުރިހަމައަކަށް އަދާކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމަކާއި ކުރިމަތިލާން ތިބާ ތިހުރީ ތައްޔާރުވެފައެވެ. ދަރީންނަކީ ތިބާގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ޒިންމާއެވެ. އެކުދީންނަށް ޙައްޤުވަނީ، އެންމެ ފުރިހަމަ ތަރުބިއްޔަތެވެ.
ތަޢުލީމާއި ތަރުބިއްޔަތުގެ ގުޅުން
ތަޢުލީމު ހިމެނެނީ ތަރުބިއްޔަތުގެ ތެރޭގައެވެ. ހުޅަނގުގެ ބައެއް ސެކިއުލާ ވިސްނުންތަކުގައި ވާފަދައިން ތަޢުލީމަކީ ހަމައެކަނި ތަފާތު މާއްދާތަކެއްގެ މަޢުލޫމާތު ކުދިންނަށް ދިނުމެއް ނޫނެވެ. ބަހަކުން ލިޔަންކިޔަން ދަސްކޮށް ދެވުމަކީ އަދި ތަޢުލީމު ދެވުނީ ކަމުގައި ނިންމާލައްގެން ނުވާނެއެވެ.
ތަޢުލީމު ހިމެނެނީ ތަރުބިއްޔަތުގެ ކުޑައިގެ ދަށުގައެވެ. ތަޢުލީމު ދިނުމަކީވެސް ދަރިފުޅު އުފަންވާ ދުވަހުން ފެށިގެން މައިން ބަފައިން ކުރަން ފަށަންވީ ކަމެކެވެ. ލޯތްބާއިއެކު އެދަރިފުޅު ސާފުތާހިރުކޮށް، ކާންދީ، ތަފާތު ނުރައްކާތަކުން ރައްކާތެރިކޮށްދީ، ހަދާ ފަދައިން ދަރިފުޅަށް ތަފާތު ކަންކަން ކުރަން ދަސްކޮށްދޭން ފަށަންވާނެއެވެ. ކެއުމާއި ބުއިމުގެ ރިވެތި އާދަތަކާއި، އަމިއްލަ ސާފުތާހިރުކަން ދަސްކޮށްދޭ ފަދައިން އިންސާފުވެރިވުމާއި، ތެދުވެރިވުމާއި، ދީލަތިވުންފަދަ ބޮޑެތި މަޢުލޫތައް އެހާ ތުއްތު ކުއްޖަކަށް ދަސްވާފަދައިން ބުނެދީ، އެކަމަށް ޢަމަލު ކުރަން ދަސްކޮށްދޭން ވާނީ ހަމަ އަޅުގަނޑުމެން ބެލެނިވެރީންނެވެ.
ތުއްތު ކުދީންނަކީ، ވަރަށް ބޮޑަށް ކަންކަން އޮޅުންފިލުވަން ބޭނުންވާ ބައެކެވެ. އެކުދީން ވަރަށް ގިނަގިނައިން ތަފާތު ސުވާލުތައް ކުރެއެވެ. މާތްވެގެންވާ އިސްލާމްދީނުގައި އެހުރިހާ ސުވާލެއްގެ ޖަވާބު އެބަހުއްޓެވެ. އިންސާނުންގެ ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަންކަމެއްގެ އެންމެ ފުރިހަމަ ޖަވާބު ދެވޭނީ އިސްލާމީ ތަރަހައިގެ ތެރެއިންނެވެ. ސަބަބަކީ ދުނިޔަވީ އެހެން ފިކުރުތަކާއި ޚިލާފަށް މި މައުލޫމާތަކީ އިންސާނަކު އެމީހެއްގެ ކޮށި ވިސްނުމުން އުފައްދައިގެން އުޅޭ އެއްޗެއް ނޫނެވެ. މިއީ އެންމެހާ އެއްޗެއް އުފެއްދެވި ﷲ ސުބުޙާނަހޫ ވަތަޢާލާ އެތަކެއްޗާއި މެދު އަންގަވާފައިވާ އެންގެވުން ތަކެވެ.

