މިޙަދިސާ ހިނގަން މެދުވެރިވީ މަތިން ތިރިއަށް އަންނަން އޮތް މަގަކުން އައިސް ބުރެއްގެ ވަށައިލުމަށް މަސައްކަތް ކުރަނިކޮށް ބަސް ފުރޮޅާލުމުގެ ސަބަބުން ކަމަށް ރޮއިޓާސްއިން ބުނެއެވެ. މަދުވެގެން 10 މީހުން މަރުވި މިޙާދިސާގައި އިތުރު 25 މީހަކު ޒަޚަމްވެފައި ވާކަމަށާއި، މިޙާދިސާ ހިނގި މިބަހުގައި ތިބީ ކައިވެނީގެ ހަފުލާއެއް ނިމިގެން އެނބުރި ގެއަށްދާން ދަތުރުކުރި ބައެކެވެ.
ޙާދިސާ ހިނގާފައި ވަނީ، ނިއުސައުތުވޭލްސްގެ ހުޅަނގު އުތުރުން 180 ކިލޯމީޓަރު ދެރުގައި އޮންނަ ގްރެޓާ ޓައުންގެ ކައިވެނީގެ ޙަފުލާތައް ބޭއްވުމަށް މަޝްހޫރު ސަރަޙައްދެއް ކަމަށްވާ ހަންޓަރގައި، އޮސްޓްރޭލިއާ ގަޑިން އާދިއްތަ ދުވަހުގެރޭ 11:30 އެހާއިރުއެވެ.
މިބަހުގައި ދަތުރުކުރި ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށް، ނިއު ސައުތު ވޭލްސްގެ ފުލުހުންގެ ވަގުތީ ނައިބު ކޮމިޝަނަރ ޓްރޭސީ ޗެޕްމަން، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މި ޙާދިސާގައި އިތުރު އުޅަނދަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މަގުގެ އެއްކައިރިއަކަށް ބަސް އަރިއަށް ވެއްޓިފައިވާ މަންޒަރު އޮސްޓްރޭލީއާގެ ޓީވީން ވަނީ ދައްކާފައެވެ. މިއުޅަނދުގެ ދަށުގައި ބަޔަކު ތާށިވެފައިވާކަން ނުވަތަ ނޫންކަން ވެސް ފުލުހުންނަށް އަދި ކަށަވަރު ނުކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަހުގެ ޑްރައިވަރު ވަނީ ހައްޔަރުކުރެވިފައި ކަމަށާއި، މިހާރު ކުރިއަށްދަނީ ރަލާއި މަސްތުވާ ތަކެއްޗަށް އޭނާ ޓެސްޓުކުރުމުގެ ކަންކަން ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންޓޮނީ އަލްބެނީޒް ވަނީ މިޙާދިސާގައި މަރުވި އަދި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
އެކްސިޑެންޓް ހިނގި ސަރަޙައްދުގެ ޖައްވު އެވަގުތު ފިނީގެ ސަބަބުން ވަރަށް ބޮޑަށް ނުސާފުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިހާތަނަށް އޮސްޓްރޭލިއާގައި ހިނގާފައިވާ މިފަދަ އެންމެ ނުރައްކާތެރި ދެ ޙާދިސާ ހިނގާފައިވަނީ 1989 ވަނަ އަހަރުގައެވެ. ދެ މަސްދުވަހުގެ ތެރޭގައި ހިނގާފައިވާ މި ދެޙާދިސާގައި 35 މީހަކާއި 21 މީހެއް ވަނީ މަރުވެފައެވެ. އޭގެ ކުރިން 1973 ވަނަ އަހަރުވެސް ޓުއަރިސްޓުން ތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް މަތިން ތިރިއަށް އޮތްމަގަކުން އަންނަނިކޮށް އޭގެ ބުރަކި މަސައްކަތް ނުކުރުމުގެ ސަބަބުން ވީ އެކްސިޑެންޓެއްގައި 18 މީހަކު މަރުވެފައިވެއެވެ.
ފަހުގެ ތަފްޞީލު
މިޙާދިސާގައި ފުރޮޅާލި ބަހުގެ ޑްރައިވަރުގެ މައްޗަށް މިހާރު ވަނީ ނުރައްކާތެރިކޮށް ދުއްވުމުގެ ދަޢުވާ އުފުލާފައެވެ.

