އިޓަލީ ވިލާތަށް ބޮޑެތި ސިޔާސީ ބަދަލުތަކެއް ގެނެސްދެއްވި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރލަސްކޯނީ ޢުމުރުފުޅުން 86 އަހަރުފުޅުގައި އަވަހާރަ ވެއްޖެއެވެ. އިޓަލީގެ އެންމެ މަޝްހޫރު އެއް، ނޫސް އެޖެންސީ ކަމަށްވާ އޭ.އެން.އެސް.އޭ. އާއި ޙަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ ބަރލަސްކޯނީ އަވަހާރަވެފައި ވަނީ ޖީ.އެމް.ޓީ. ގަޑިން މިއަދު 7:30 ގައި ކަމަށެވެ.
ކެންސަރުގެ ވައްތަރެއް ކަމަށްވާ ލޫކީމިއާ އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބަރލަސްކޯނީ އަށް މިފަހުން ވަނީ ލަންގް އިންފެކްޝަން އެއްވެސް ޖެހިވަޑައިގެންފައެވެ.
ހުކުރު ދުވަހުއްސުރެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެވެމުންދިޔަ ބަރލަސްކޯނީ އަވަހާރަވީ އިރު އެބޭފުޅާގެ 5 ދަރީންގެ ތެރެއިން 4 ދަރީން ގާތުގައި ތިއްބެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ކުރިން ވިޔަފާރީގެ ދާއިރާގައި ކާމިޔާބީ ހޯއްދަވާފައިވާ ބަރލަސްކޯނީއަކީ އެބޭފުޅާ ހުންނަވާ ގޮތެއްގައި ވަރަށް ވަރުގަދައަށް ހިފެހެއްޓެވި ބޭފުޅެކެވެ.
އެންމެ ދިގު މުއްދަތަކަށް އިޓަލީގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބަރލަސްކޯނީގެ ވިސްނުންފުޅުތަކާއި ނުރުހޭ މީހުންވެސް ވަރަށް ގިނައެވެ.
ބަރލަސްކޯނީގެ ޕާޓީ ފޯރޓްޒޯ އިޓާލިއާ ޕާޓީ އަކީ މިހާރުގެ ބޮޑުވަޒީރު ޖޯރްޖިއާ މެލޯނީގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އަވަހާރަ ވެވަޑައިގަތް އިރު އެބޭފުޅާގެ އެއްވެސް ދައުރެއް ސަރުކާރުގައި ނެތް ނަމަވެސް މިކަމަކީ، އިޓަލީގެ ސިޔާސީ މައިދާނަށް ލޮޅުންތަކެއް އަރާނެ ކަމެއް ކަމަށް ތަޖުރިބާ ކާރުން ދެކެވަޑައި ގަންނަވައެވެ.
ބަރލަސްކޯނީގެ ވިޔަފާރި ދެން ކުރިއަށް ގެންދާނީ އެންމެ ދޮށީ ދަރިކަނބަލުން މަރީނާ ކަމުގައި ބެލެވުނަސް، ވިޔަފާރީގެ ކަންކަން ވަކި ބަޔަކާއި ޙަވާލުކޮށްފައި ނެތުމުން އެ ކުންފުނީގެ ކުރިމަގުވެސް އަދި ސާފު ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަރލަސްކޯނީގެ ވަކިވެ ދިއުމާއި މެދު އެބޭފުޅާގެ އެކުވެރީންނާއި ވާދަވެރީންވެސް ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

