މާލޭގައި ޕާކިންގ ގެ މައްސަލަ ހައްލުނުވެ ލަސްވަނީ ޕާކިން ބިލްޑިންގތައް ހެދުމަށް ސަރުކާރުން ހުރަސްއަޅަމުން ގެންދާތީ ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރ މިފަދައިން ވިދާޅުވީ ޓްވިޓާގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މާލޭގެ ޕާކިންގެ މައްސަލައާއި ގުޅިގެން ޢަލީ ރަމީޒް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މޭޔަރ ވިދާޅުވީ ޕާކިން ބިލްޑިންގތައް ހެދުމަށް ސަރުކާރުން ހުރަސްނޭޅި ނަމަ މިއަދު މާލޭގައި 6 ޕާކިންގ ބިލްޑިންގ ހުންނާނެ ކަމަށާއި މަގުމަތިން ދޫކޮށްފައިވާ ޒޯންތަކަކީ ކުރިން ވެސް ޕާކިންގ ބިލްޑިންގ ތެރެއަށް ބަދަލުކުރާ ގޮތަށް ނިންމާ އިއުލާނު ކުރެވިފައިވާ ސްލޮޓުތަކެއް ކަމަށެވެ.
މީގެ އިތުރުން ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ގަރާޖްސިޓީ އާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މޭޔަރ ވިދާޅުވީ ގަރާޖުގައި ވެލިކަލް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ގަރާޖުތަކުގައި ޕާކު ކުރުމަށް އެންގިދާނެ ކަމަށާއި އެހެންނަމަވެސް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައި އޮންނަ ކުރެހުމަށް ބެލުމެއްނެތި އަދި ކައުންސިލުން ދީފައި އޮންނަ އިމާރާތްކުރުމުގެ ހުއްދައަށް ބެލުމެއްނެތި އިކޮނޮމިކް މިނިސްޓްރީއިން ވިޔަފާރި ހުއްދަ، ސްޓެލްކޯއިން ކަރަންޓުލައިދިނުން، އެމްޑަބްލިއުއެސްއީ އިން ފެން ގުޅައިދިނުން ކުރިއަށް ދާހާ ހިނދަކު އިމާރާތުގެ ކުރެހުމުގައި އޮންނަ ގަރާޖް އެހެންކަމަކަށް ބަދަލުކުރާ ކުރުން ނުހުއްޓުވޭނެ ކަމަށެވެ.
މޭޔަރ އިތުރަށް ވިދާޅުވީ މިކަން ކަމާބެހޭ ހުރިހާ ފަރާތްތަކަށް ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީއަށާއި ސްޓެލްކޯއަށާއި އެމްޑަބްލިއުއެސްއީއަށް އަދި ރައްޔިތުންގެ މަޖިލީހުގައި ދަންނަވާފައި ވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

