ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ވެފައިވަނީ އުމުރުން 36 އަހަރުގެ އަންހެނެކެވެ. އަދި އޭނާ އާއި އެކު އެވަގުތު އޭނާގެ ދަރިފުޅު ސައިކަލުގައި އިން ކަމަށްވެސް މައުލޫމާތުވަނީ ލިބިފައިއެވެ.
ފުވައްމުލަކު ދަނޑިމަގު އަވަށު ނައިބު ތުއްތު މަގުގައި ހިނގި އެ އެކްސިޑެންޓްގައި އެ އަންހެން މީހާގެ ދަރިފުޅަށް ވެސް އަނިޔާވި އެވެ. އެހެން ނަމަވެސް، ކުއްޖާގެ ހާލަތު އެހާ ސީރިއަސްއެއް ނޫނެވެ.
ފުވައްމުލަކުން ހުވަދޫ މީޑިއާށް މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ އޭނާ ސައިކަލުގައި ދުއްވައިފައި ދަނިކޮށް މަގުމަތިން ކުއްލިއަކަށް ހުރަސްކޮށްލި ބުޅަލެއްގެ ގައި މައްޗަށް އެރި ވެއްޓިގެންނެވެ. އަދި މިހާރު އޭނާ މާލެއަށް އިތުރު ފަރުވާއަށް ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ހުވަދޫ މީޑިއާ އާއި ވާހަކަ ދެއްކި މީހާ ބުންޏެވެ.

