އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ފިލިޑަލްފިއާގެ އައި-95 ހައިވޭގެ ވެއްޓިފައިވާ ބައިތަކުގެ ދަށުން މީހެއްގެ ހަށިގަނޑުގެ ބައިތައް ހޯދާފައި މިވަނީ އެތަން ސާފުކުރަން އުޅުނު ފަރާތްތަކުންނެވެ.
އެމެރިކާގެ އިރުމަތީ އައްސޭރި ސަރަޙައްދުގެ އެންމެ ބާރުބޮޑު އެއް ހައިވޭ ކަމަށްވާ ފިލިޑަލްފިއާގެ އިންޓަސްޓޭޓް-95 ހައިވޭގެ ބައެއް ވެއްޓިފައި މިވަނީ މިދިޔަ ހަފުތާ ބަންދުގެ ތެރޭގައެވެ.
އެހެން މަގެއްގެ މަތިން ހުރަސް ކުރެވޭގޮތަށް ހަދާފައިވާ ހައިވޭގެ މިބައި ވެއްޓިފައި ވަނީ އެތަނުން ދިޔަ ތެޔޮއުފުލާ ޓްރަކެއްގައި އަލިފާންރޯވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ޓްރަކްގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި މިހާތަނަށް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.
ހައިވޭގެދަށުން ފެނުނު ހަށިގަނޑަކީ ކާކުކަން ކަށަވަރު ކުރުމަށާއި، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް މިހާރުވަނީ ޞިއްޙީ އޮފިޝަލުންނާއި ޙަވާލު ކުރެވިފައި ކަމަށް ސްޓޭޓް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
އަލިފާން ރޯވި ބަހުގެ ޑްރައިވަރު، އެވަގުތު ވަނީ ގެއްލިފައި ކަމަށް އޭ.ބީ.ސީ. އާއި ގުޅުން އޮންނަ ޑަބްލިއު.ޕީ.ވީ.އައ-ޓީވީން ވަނީ ރޮޕޯޓު ކޮށްފައެވެ.
އައި-95 ހައިވޭގެ ބައެއް ވެއްޓުމަކީ އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ދަތިވެގެން ދާނެ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ވެއްޓިފައިވާ ބައި އަލުން ބޭނުން ކުރެވޭ ވަރަށް މަރާމާތު ކުރުމަށް މަދުވެގެން މަހެއްހާ ދުވަސް ނަގާނެއެވެ.

