ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާގެ ޝަރީއަތް އިއްޔެ ހެނދުނުން ފެށިގެން ރޭ 22:00 އާއި ގާތްވަންދެން ކުރިއަށް ގެންދިއުމުން ރައީސް ޔާމީން އަށް އަނިޔާކުރުން ހުއްޓައިލުމަށް ގޮވައިލާ އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގަންނަވައިފިއެވެ.
ރައީސް ޔާމީން އަށް އަނިޔާކުރުން ހުއްޓައިލުމަށް ގޮވައިލާ އިދިކޮޅު ލީޑަރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ވަޑައިގަތުމުން ސިފައިން ވަނީ އެބޭފުޅުން ނެރެ އެ ސަރަޙައްދުން ދުރަށް ޖައްސައިފިއެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތް ގެންދަނީ ހަމައެއް ލަމައެއްނެތި ސަރުކާރުން ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާގޮތަކަށް ކަމަށެވެ. އަދި ދިވެހި ދަޢުލަތަށް ޚިދުމަތްތަކެއް ކޮށްދެއްވާ 5 އަހަރުގެ ވެރިކަމެއް ކޮށްދެއްވި ބޭފުޅަކާމެދު ސަރުކާރުން ޢަމަލު ކުރަމުންދަނީ އިންސާނިއްޔަތުކަމެއްވެސް ނެތި ކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީން މިވަގުތު ތަންފީޒު ކުރައްވަމުންދާ 11 އަހަރުގެ ޖަލު ޙުކުމުގެ އިސްތިޢުނާފް މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން މަތީ ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް ދަށުކޯޓުގައި އޮތް މައްސަލައެއްގެ ޝަރީޢަތް އަވަސް އަރުވާލައިގެން ކުރިއަށްގެންދާތީ ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ދަޢުލަތަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.
"ރައީސް ޔާމީންގެ ބުރަކަށިފުޅުގެ އާލާސްކަންފުޅެއް އެބަހުރިކަން އެބަ އެނގޭ، އެހެން ނަމަވެސް އެކަމަކަށްވެސް ބެއްލެވުމެއްނެތި، އެމަނިކުފާނުގެ އިސްތިޢުނާފް މައްސަލަ ހިންގުމެއްނެތި ދަށުކޯޓުގަ އޮތް މައްސަލައެއް އަވަސް އަރުވާލާފަ ރެޔާ ދުވާލު ނުނިދާތިބެ މި މައްސަލަ ކުރިއަށް މިގެންދަނީ. 13 ގަޑިއިރު ވަންދެން އެމަނިކުފާނުގެ ޝަރީޢަތް ކުރިއަށް ގެންދިޔައިރު އިންސާނިއްޔަތު ކަމެއްވެސް ނެތެއްނޫންތޯ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި މައްސަލައަކީ ހަމަ އެކަނި ޕީޕީއެމްއަށް އޮތް މައްސަލައެއް ނުވަތަ ކަންބޮޑުވުމެއް ނޫންކަމަށާއި، މިއީ މުޅި ޤައުމަށް އޮތް މައްސަލައެއް ކަމަށެވެ.
ރައީސް އޮފީހަށް މިއަދު ވަޑައިގަންނަވަން ޖެހުނީ މުއައްސަސާތަކުގެ ހަމައެއްް ލަމައެއްނެތް މުއައްސަސާތައް ޒިންމާދާރު ކުރުވޭނެގޮތެއްނެތުމުން ކަމަށާއި، ރައްޔިތުންގެ މަޖިލިސް ތަޅު އަޅުވައިގެން ކޯޓުތަކުގައި ތިބޭ ފަނޑިޔާރުން ލައްވާ މިކަންކަން ކުރުވާތީ އެހެން އެކަން ނުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވަން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އާއި ބައްދަލު ކުރައްވަން އިދިކޮޅު ލީޑަރޝިޕުން ރައީސް އޮފީހަށް ވަޑައިގެންނެވުުމުން ސިފައިން އެކަމަށް ހުރަސް އެޅި ކަމަށާއި، ބައި ގަޑިއިރުވަންދެން އެތެރެއަށް ވަނަ ނުދީ ހިފެހެއްޓިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވަދެވޭނެ އޮފީހެއް ކަމަށެވެ.
"ޤާނޫނީ އިމުން ބޭރުން މިހާރު ކަންކަން އެކުރައްވަނީ. އަޅުގަނޑުމެން ބައްދަލު ކުރަން އައިމަ މެއިލް އެޑްރެސް ދެއްވާ ވިދާޅުވީ އެމަޖެންސީކޮށް ވެއްޖިއްޔާ އީމެއިލް ކުރެއްވުމަށް. ފުރަތަމަ މިތަނަށް ވަންނަން އައިމަ ސިފައިން ހުރަސްއެޅި، ނުވަދެވޭނެކަމަށް އެންގެވި އަދި އެއަށްފަހު އެބޭފުޅުންނަށް އެކަން ނުކުރެވޭނެ ކަމާއި އެކަން ކުރައްވަނީ ކޮން ޤާނޫނަކުންތޯ ސުވާލު ކުރެއްވުމުން ދެއްކޭނެ އިތުރު ހުއްޖަތެއް ނެތުމުން އެތެރެއަށް ވަނުމުގެ ފުރުޞަތު ދެއްވީ ބައި ގަޑިއިރު ފަހުން" ޝިޔާމް ވިދާޅުވިއެވެ.
އަދި މިއަދަކީވެސް ވަރަށް ހިތާމަވެރި ދުވަހެއް ކަމާއި، އެއީ އިއްޔެ އެކޭ އެއްފަދައިން މިއަދުވެސް ހެނދުނުން ފެށިގެން ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިއީ ރައީސް ޔާމީން އަށް ނިޒާމުގެ ތެރެއިން ދެމުންދާ އަނިޔާއެއް ކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ހުރި މި ކަމާއި ގުޅުންހުރި މިނިވަން މުއައްސަސާތަކަށް މިކަން ނުފެންނަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މިއަދު ރައީސް އޮފީހަށް ވަޑައިގެންނެވީ އިހުތިޖާޖު ކުރަން ނޫންކަމާއި، އެތަނަށް ދިޔައީ ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ރައީސުލް ޖުމްހޫރިއްޔާ އާއި ހިއްސާކުރަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން މިއަދު ދެން އިދިކޮޅު ފަރާތްތަކުން ވަޑައިގަންނަވާނީ ޖޭއެސްސީ އަށް ކަމަށް ލީޑަރޝިޕުން ހާމަކުރެއްވިއެވެ.
އިދިކޮޅުގެ ލީޑަރޝިޕާއި އެކު ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ރައީސް އޮފީސް ހިމެނޭ ސަރަޙައްދުގައި އަޑު އުފުލާ ނުރުހުން ފާޅުކޮށްފައެވެ. އަދި އެކަމާގުޅިގެން މާލެ ސިޓީ ކައުންސިލްގގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އައިފާން އާއި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

