ފޮނި ކާތަކެއްޗަށް ހިތް ކިޔާކަން އެއީ އެންމެނަށް ވެސް ވަރަށް ސާފުކޮށް އެނގޭ ކަމެކެވެ. ހަމަ އެގޮތަށް ލޮނު ތަކެއްޗަށް ވެސް އަހަރެމެންގެ ހިތް ކިޔާކަން އެނގޭ ހެއްޔެވެ؟
ފޮނި ކާތަކެތިން ލިބޭ ގެއްލުންތައް އަހަރެމެން އެންމެނަށް ވެސް ވަރަށް ގިނަގިނައިން ކިޔާދެވޭތީ އިވެއެވެ. ހަމަ އެފަދައިން ލޮނަކީ ވެސް ގިނައިން ބޭނުން ކުރުމުގެ ސަބަބުން ބޮޑެތި ގިނަ މައްސަލަތަކެއް ކުރިމަތި ވެދާނެ އެއްޗެކެވެ. މީގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވުމާއި، އެކަމުގެ ސަބަބުން ނާރުތަކާއި ހިތް އަދި ކިޑްނީއަށް ގެއްލުންވުން ހިމެނެއެވެ. ލޮނުގެ މިންވަރު ގިނަވުމަކީ ހަށިގަނޑުގައި ފެން މަދުކުރުވާ ކަމެކެވެ.
ބްރިޓިޝް ހާޓް ފައުންޑޭޝަން އިން މިދިޔަ އަހަރު ބުނެފައިވަނީ ޑަބްލިއު.އެޗް.އޯ. އިން ކަނޑައަޅާފައިވާ، ދުވާލަކަށް 5 ގުރާމުގެ މިންވަރަށް، އެންމެން ވެސް އެމީހުން ލޮނު ބޭނުން ކުރާ މިންވަރި ދަށްކޮށްފި ނަމަ، 2030 ވަނަ އަހަރު އަންނައިރު ލޭ މައްޗަށް ދިއުމުގެ މައްސަލަތަކުން 1.4 މިލިއަން މަދު ކުރެވޭނެ އެވެ. ކޮރްނަރީ ހާޓް ޑިޒީސް (ސީ.އެޗް.ޑީ.)ގެ އަސަރު ކުރާ މިންވަރުން 135،000 (އެއްލައްކަ ތިރީސް ފަސް ހާސް) ދަށް ކުރެވޭނެ އެވެ. ސްޓްރޯކް ޖެހުމުގެ މައްސަލަތަކުން 49،000 (ސާޅީސް ނުވަ ހާސް) ދަށް ކުރެވޭނެ އެވެ.
ހަކުރާއި ޚިލާފަށް ލޮނު ބޭނުންކުރާ މިންވަރު ބެލުމަށް އަޅުގަނޑުމެންނަކަށް އެހާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ލޮނުއެއްޗެހި އަޅުގަނޑުމެން މި ބޭނުންކުރަނީ ހަށިގަނޑުގެ މަސްތައް ޙަރަކާތް ކުރުމަށް ބޭނުންވާ ކުޑަ މިންވަރު ފޯރުކޮށްދިނުމަށްތޯ؟ ނުވަތަ ނޭނގި ނަމަވެސް އެފަދަ ކާތަކެއްޗަށް ހިތްކިޔާތީތޯ؟ މިއީ ކޮށްލުން ވަރަށް މުހިއްމު ސުވާލެކެވެ.
ފޮނިއެއްޗެއް ކަވައިގަންނަ ފަދައިން ލޮނު އެއްޗެއް ކަވައިގަނެގެން މީހަކު ނޫޅެފާނެއެވެ. އެހެނަސް ލޮނަކީ ހަށިގަނޑަށް، އެ ދިން ވަރަކަށް ބޭނުންވާ އެއްޗެކެވެ. ލޮނު ގަދަކޮށް ކާ މީހުންނަށް އެއަށްވުރެ ލޮނު މަޑުކޮށް ކެއުމުން އެ ކާއެއްޗެއްގައި އެއްވެސް ރަހައެއް ނުލާހެން ހީވަނީ އެހެންވެގެނެވެ. އެއީ، އެމީހެއްގެ ހަށިގަނޑު ހޭނިފައި ހުންނަ ލޮނުގެ މިންވަރު އެއަށް ނުލިބުމުން ވާގޮތެކެވެ.
ލޮނަކީ ކާތަކެތި ހަލާކުވިޔަ ނުދީ ގިނަދުވަހު ބަހައްޓައިދޭ ވަސީލަތަކަށް ވާތީވެސް، ގިނަދުވަހު ހުންނަގޮތަށް ބަންދުކުރާ ކާތަކެއްޗަށް ލޮނު އަޅާމިންވަރު ފެކްޓްރީތަކުން އިތުރު ކުރެއެވެ.
ލޮނު އެއްޗަކަށް ހިތްކިޔާ ކޮންމެ ވަގުތަކު މީރު ޗިޕްސް ޕެކެޓެއްފަދަ އެއްޗެއް އިޚްތިޔާރު ކުރުމުގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޭނުން ކުރުން ފަދަ ކަމެއް ކުރެވިދާނެއެވެ. ނުވަތަ ހަށިގަނޑަށް ފައިދާހުރި ނިއުޓްރިޝަން ގިނަ ބާވަތެއްގެ ކާނާއެއް އިޚްތިޔާރު ކުރެވިދާނެ އެވެ.
ހަށިގަނޑު ބުނާ ބައެެއް އެއްޗެހި އަޅުގަނޑުމެންނަށް ދޭހަވުމަކީ އާދަޔާއި ޚިލާފު ކަމެއް ނޫނެވެ. އެހެނަސް ދަންނަންވީ ކަމަކީ، ހަށިގަނޑުގެ ބަސްކޮށާރު ވަރަށް މަދުކަމެވެ. ލޮނު އެއްޗެއް ކާހިތްވާ ކޮންމެ ފަހަރަކު ހަށިގަނޑު އެ ގޮވާލަނީ “ލޮނު ދޭށޭ!” އެއް ނޫނެވެ. ޙަޤީޤަތުގައި އެބުނަނީ “މިނަރަލް ދޭށޭ!” އެވެ.

