ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވި ކަމަށް ބުނާ މައްސަލައިގައި ދިފާއީ ވަކީލެއް އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފިއެވެ.
މިއަދު ހެނދުނު 10:30 އަށް ތާވަލުކޮށްގެން ބޭއްވި އަޑުއެހުމުގައި މުއިއްޒަށް ހުރިހާ ލިޔުންތަކެއް ހަމައަށް ލިބިވަޑައިގެންފައިވޭތޯ ގާޒީ ސަފްއަތު ހަބީބު ސުވާލު ކުރެއްވުމުން، އެކަމަށް ޖަވާބެއް ދެއްވޭނީ ވަކީލެއް އައްޔަން ކުރުމަށް ފަހު ކަމަށް މުއިއްޒު ވިދާޅުވިއެވެެ.
ވަކީލަކު ހަމަޖައްސަން މުއިއްޒު މުއްދަތެއް ދިނުމަށް އެދުމުން އެކަމަށް ދައުލަތުގެ އެއްވެސް އިއުތިރާޒެއް ނެތުމާއެކު ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ގާޒީ ވަނީ ނިންމަވާފައެވެ.
ދެން އޮންނަ އަޑުއެހުމެއްގައި މައްސަލައިގެ ތާވަލެއް ވެސް ކަނޑައަޅުއްވާނެ ކަމަށް ސަފްއަތު ވިދާޅުވިއެވެ.
މި މައްސަލަ 2020 ވަނަ އަހަރުގެ ޖޫން މަހު 14 ވަނަ ދުވަހު ކޯޓަށް ހުށެ އެޅުނު ނަމަވެސް އޭރު މައްސަލަ ބެއްލެވި ގާޒީ އެހެން ކޯޓަކަށް ވަނީ ބަދަލު ވެފައެވެ. ދެން މި މައްސަލަ އާއި ހަވާލުވި ގާޒީ ވަނީ އަމިއްލައަށް ތަނާޒުލް ވެފައެވެ.
ސައްފަތް އަކީ މި މައްސަލަ ބަަލަމުން ގެންދާ 3 ވަނަ ގާޒީ އެވެ. މި މައްސަލަޢާއި ގުޅިގެން މުއިއްޒު ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ހާޒިރު ކޮށްފައެވެ.

