މިހާރުފެންނަމުން ދަނީ ރައްޔިތުންގެ މިސަރުކާރަށް ދިވެހި ރައްޔިތުންގެ ތާއީދެއް ނެތީތީވެ ދިވެހި ރާއްޖޭގެ މިލިޓަރީ ފޯސަސް ބޭނުންކޮށްގެން ރިޔާސީ ރޭހުން ރައީސް ޔާމީން ދުރުކުރަން އުޅޭކަހަލަ ގޮތަކަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާގެ ޝަރީއަތް އިއްޔެ ހެނދުނުން ފެށިގެން ރޭ 22:00 އާއި ގާތްވަންދެން ކުރިއަށް ގެންދިއުމާއި، އަދި މިއަދުވެސް ހެނދުނުން ފެށިގެން ރައީސް ޔާމީންގެ ޝަރީޢަތް ގިނަ އިރުތަކަކަށް ކުރިއަށް ގެންދިއުމާއި ގުޅިގެން ރައީސް ޔާމީން އަށް އަނިޔާކުރުން ހުއްޓައިލުމަށް ގޮވައިލާ އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެންނެވުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ދެއްކެވި ވާހަކަ ފުޅުގައެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ބުރަކަށިފުޅުގެ އާލާސްކަންފުޅެއް އެބަހުރިކަމަށާއި، އެހެން ނަމަވެސް އެކަމަކަށްވެސް ބެއްލެވުމެއްނެތި، އެމަނިކުފާނުގެ އިސްތިޢުނާފް މައްސަލަ ހިންގުމެއްނެތި ދަށުކޯޓުގަ އޮތް މައްސަލައެއް އަވަސް އަރުވާލާފަ ރެޔާ ދުވާލު ނުނިދާތިބެ މި މައްސަލަ ކުރިއަށް ގެންދާކަމަށެވެ.
13 ގަޑިއިރު ވަންދެން އެމަނިކުފާނުގެ ޝަރީޢަތް ކުރިއަށް ގެންދިޔައިރު އިންސާނިއްޔަތު ކަމެއްވެސް ނެތެއްނޫންތޯ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއާއި ހިއްސާ ކުރެއްވުމަށް އެމަނިކުފަނާއި ބައްދަލު ކުރަން އުޅުމުން އެކަން ނުވިކަމަށާއި، ރައީސް އޮފީހުން އީމެއިލް އެޑްރެސް ދެއްވާ ވިދާޅުވީ އެމަޖެންސީކޮށް ވެއްޖިއްޔާ އީމެއިލް ކުރެއްވުމަށް ކަމަށާއި، ފުރަތަމަ މިތަނަށް ވަންނަން އައިމަ ސިފައިން ހުރަސްއެޅި ކަމަށާއި، ނުވަދެވޭނެކަމަށް އެންގެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެއަށްފަހު އެބޭފުޅުނަށް އެކަން ނުކުރެވޭނެ ކަމާއި އެކަން ކުރައްވަނީ ކޮން ޤާނޫނަކުންތޯ ސުވާލު ކުރެއްވުމުން ދެއްކޭނެ އިތުރު ހުއްޖަތެއް ނެތުމުން އެތެރެއަށް ވަނުމުގެ ފުރުޞަތު ދެއްވީ ބައި ގަޑިއިރު ފަހުން ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
"މިހާރުފެންނަމުން ދަނީ ރައްޔިތުންގެ ތާއީދެއް ނެތީތީވެ ދިވެހި ރާއްޖޭގެ ފޯސަސް ބޭނުންކޮށްގެން ރިޔާސީ ރޭހުން ދުރުކުރަން އުޅޭކަހަލަ ގޮތަކަށް މިހާރު މިފެންނަނީ. މިލިޓަރީ ވެރިކަމެއްގެ ސިފަތައް މިހާރު ފެންނަނީ" ޝިޔާމް ވިދާޅުވިއެވެ.
މިއަދަކީވެސް ވަރަށް ހިތާމަވެރި ދުވަހެއް ކަމާއި، އެއީ އިއްޔެ އެކޭ އެއްފަދައިން މިއަދުވެސް ހެނދުނުން ފެށިގެން ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިއީ ރައީސް ޔާމީން އަށް ނިޒާމުގެ ތެރެއިން ދެމުންދާ އަނިޔާއެއް ކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ހުރި މި ކަމާއި ގުޅުންހުރި މިނިވަން މުއައްސަސާތަކަށް މިކަން ނުފެންނަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މި ކަންބޮޑުވުންތަކާއި އެކު ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު އިސްވެ ހުންނަވާ ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ ހިއްޕަވައިގެން ސަރުކާރާ މުޢައްސަސާތައް ޖަވާބުދާރީ ނުކުރެވޭގޮތަށް މަޖިލީހުގައި ބޮޑުތަޅު އަޅުވައިގެން ޖޭ.އެސް.ސީ މެދުވެެރިކޮށް ކޯޓުތަކުން ރައީސް ޔާމީނުގެ ޝަރީޢަތްތައް 12 ގަޑިއިރަށް ދަންމައިގެން ކުރައްވަމުން ގެންދަވަނީ އަނިޔާ ކަމަށާއި، އެކަމަށް ދިވެހި ރައްޔިތުން މާފެއްނުކުރާނެ ކަމަށެވެ.
ރައީސް އޮފީހަށް ވަޑައިގެންނެވީ އިހުތިޖާޖު ކުރަން ނޫންކަމާއި، އެތަނަށް ދިޔައީ ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ރައީސުލް ޖުމްހޫރިއްޔާ އާއި ހިއްސާކުރަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައީސް ޔާމީން އަށް ކުރާ އަނިޔާ އާއި ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރޝިޕުން ވަނީ ޖޭއެސްސީ އަށްވެސް މިއަދު ވަޑައިގެންފައެވެ.

