އިންޑީއާގެ އިރުމަތީ، ފަރުބަދަމަތީ ސްޓޭޓް، އުތުރާކަންޑްގެ ކުޑަ އަވަށެއް ކަމަށްވާ ޕުރޫލާ ދޫކޮށް މުސްލިމުންގެ 11 ޢާއިލާއެއް ގޮސްފައިވަނީ އެސަރަޙައްދުގައި އުޅޭ ހިންދޫން އެމީހުންނަށް އިންޒާރު ދެމުންދާތީ ކަމަށް މިޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ހިންދޫ އެކްޓިވިސްޓުން ގެ ފަރާތުން މި މުސްލިމް ޢާއިލާތަކުގެ ގެތަކާއި ވިޔަފާރިތަކުގެ ދޮރުގައި ވަނީ، އެތަންތަން ހުސްކުރުމަށް އަންގާ، އިންޒާރުގެ ނޯޓިސްތަކެއް ހަރުކޮށްފައެވެ.
މި އިންޒާރުތައް އެ ގެތަކުގައި ހަރުކޮށްފައި ވަނީ ހިންދޫ ކަނާތުފަޅީގެ ދެ ގުރޫޕެއް ކަމަށްވާ ވިޝްވާ ހިންދޫ ޕްރަޝާދް (ވީ.އެޗް.ޕީ.) އާއި އެގްރޫޕުގެ ޒުވާނުންގެ ގޮފި ބަޖްރަންގ ދާލް އިންނެވެ.
މިފަދަ އިންޒާރު ދިނުމާއި މުސްލިމުންގެ ގެތަކާއި ވިޔަފާރި ތަކަށް ގެއްލުން ދިނުމުގެ ޙަރަކާތްތަކެއް ފެށިގެން މިއުޅެނީ، 14 އަހަރުގެ ހިންދޫ އަންހެންކުއްޖަކު މޭމަހުގެ 26ވަނަ ދުވަހު ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތު މުސްލިމް ދެ ފިރިހެނެއްގެ މައްޗަށް ކުރެވުމުންނެވެ.
ވީ.އެޗް.ޕީ އާއި ބަޖްރަންގ ދާލް އަކީވެސް އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ލަފާދެއްވާ ރާޝްތްރިޔަ ސްވަޔަމްސެވެކް ސަންގް (އާރ.އެސް.އެސް.) އާއި ގުޅިގެން މަސައްކަތް ކުރާ ދެ ގުރޫޕުކަމަށް އަލްޖަޒީރާއިން ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.
އާރ.އެސް.އެސް. އިން ދަނީ މިހާރުގެ ވެރިކަންކުރާ ޕާޓީ، ބަހާރަތިޔަ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ.) އާއި ގުޅިގެން “ސަންގް ޕަރީވާރް”ގެ ނަމުގައި، ހަމައެކަނި ހިންދޫންނަށް ނިސްބަތްވާ ސެކިއުލާ ވެރިކަމެއް ޤާއިމު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ހިންދޫ އެކްޓިވިސްޓުން ވަނީ، އަންހެން ކުއްޖާ ވަގަށް ނެގުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ދެމީހުން، ހޯދައި ފުލުހުންނާއި ޙަވާލުކޮށްފައެވެ. މިދެމީހުންގެ މައްޗަށް ވަނީ ޕްރޮޓެކްޝަން އޮފް ޗިލްޑްރެން ފްރޮމް ސެކްޝުއަލް އޮފެންސަސް (ޕީ.އޯ.ސީ.އެސް.އޯ.) އެކްޓްގެ ދަށުން ދަޢުވާ ވެސް އުފުލާފައެވެ.
ހިންދޫ އެކްޓިވިސްޓުން ދަނީ މިއީ “ލަވް-ޖިހާދު” ކަމުގައި ބުނަމުންނެވެ. އިންޑިއާގެ “ޓައިމްސް ނައު” އިން، ހަމަނުޖެހުންތައް ހިނގަމުންދާ ސަރަޙައްދުގެ ޢާއްމުންނާއި ކޮށްފައިވާ އިންޓަވިއުތަކުން އެނގޭގޮތުގައި، އަންހެން ކުއްޖާއާއި އެދެމީހުންނާއި އޮތް ގުޅުން އަދި ސާފެއް ނުވެއެވެ.
ބައެއް މީހުން ބުނަމުންދަނީ އެދެމީހުން އުޅުނީ އެއަންހެން ކުއްޖާ ގަދަކަމުން އިސްލާމް ކުރުވާށެވެ. އަނެއް ބަޔަކު ބުނަނީ އެއަންހެންކުއްޖާ އުޅުނީ އެތަނުން އެކަކާއި ސިއްރުން ކައިވެނި ކުރާށެވެ.
“ލަވް-ޖިހާދު” މި ނަމަކީ މުސްލިމް ފިރިހެނުން ހިންދޫ އަންހެންކުދިންނަށް ދޮގުވެރި ލޯބީގެ ދަޅަ ދައްކައިގެން އެމީހުންގެ ދީން ބަދަލު ކުރާ ކަމަށް ބުނެ، ހިންދޫ އެކްޓިވިސްޓުން ދީފައިވާ ނަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުތުރާކަންޑް ގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ބެހޭގޮތުން ބީ.ޖޭ.ޕީ. އިން މަޖްލީހަށް ހުށަހެޅި ރިޕޯޓުގައި ވަނީ، މުސްލިމުންނަށް މިފަދަ ނަމެއްދީ އޭގެ ދަށުން ޙަރަކާތްތެރިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.
އެހެނަސް ޕްރޫލާގެ މުސްލިމުން ބުނަމުންދަނީ މެއި 26 ގެ ޙާދިސާ ބޭނުންކޮށް، ހައްދުފަހަނަ އަޅާފައިވާ ހިންދޫން ދަނީ އެމީހުން ޒަމާނުއްސުރެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމުގެ ޢަމަލުތައް އިތުރުކުރަމުންނެވެ.
މިމީހުން ބޭނުންވަނީ އެމީހުންގެ ދީނީ އަޅުކަންތަކަށް ޚާއްޞަ ޑިސްޓރިކްޓް އުތުރާކްޝީ އިން މުސްލިމުން ހުސްކުރަން ކަމަށް އެސަރަޙައްދުގައި އުޅޭ މުސްލިމުން ތުހުމަތު ކުރެެއެވެ.
10،000 މީހުންގެ އާބާދީއެއް އޮންނަ ދެހެރާދޫންގައި 400-500 އާއި ދެމެދުގެ ޢަދަދެއްގެ މުސްލިމުން ދިރިއުޅެއެވެ. ޕްރޫލާ އަވަށުގައި، މެއި 27 ގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް އޮފިޝަލުންވެސް މުސްލިމުންނަށް އެމީހުންގެ ވިޔަފާރިތަކާއި ގެތައް ދޫކޮށް ދިއުމަށް އަންގާފައިވާ ކަމަށް މުސްލިމުން ދަނީ ބުނަމުންނެވެ.
މުސްލިމުންނާއި ދެކޮޅަށް ހިންގާ ޙަރަކާތްތަކުގެ ސަބަބުން ރައްކާތެރިކަމަށް އެދި ސަރުކާރުގެ އޮފީސްތަކުގައި މުސްލުމުން ކުރަމުންދާ ޝަކުވާތަކަށް އޮފިޝަލުން ދެމުންދަނީ ބީރުކަންފަތެއް ކަމަށް ވެސް މުސްލިމުންދަނީ ބުނަމުންނެވެ.

