ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ ކޮމެޓީތަކުގެ މައްސަލަ އެޖެންޑާކޮށްގެންނެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވި އުޅެނިކޮށް، ޕީއެންސީ މެމްބަރު އާދަމް ޝަރީފު ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވާތީ ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ފުރަތަމަ ފުރުސަތު ދެއްވީ އެ މައްސަލަ އަށެވެ.
ކުއްލި މައްސަލަ ހުށަހަޅަން އާދަމް ޝަރީފު ފެށްޓެވުމާއި އެކު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އެމްޑީޕީ މެމްބަރުންނާ ދެމެދު އަރިރުމެއް ހިނގާ އެ އަރައިރުމުގެ ތެރެއިން ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން އާޒިމް ނެންގެވީ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގޮތާ މެދުގަ އެވެ. އާޒިމާއި އެމްޑީޕީ މެމްބަރުންނާ ދެމެދު ހިނގި އަރައިރުމުގައި ހުތުރު ބަހުން މުޢާމަލާތްކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅުމުން، އެކަން ވަނީ ކުރިއަށް ނުގެންދެވިއެވެ. އެއީ، 13 މެމްބަރަކު އެމްޑިޕީން ވަކިވެވަޑައިގަތުމާއި ގުޅިގެން، މަޖިލީހުގެ ކޮމެޓީތަކުގެ އެކުލެވުމަށް ގެންނަ ބަދަލާއިމެދު ގޮތެއް ކަނޑައެޅިފައި ނުވާތީއެވެ.
މިއަދުގެ ޖަލްސާ އެޖެންޑާކޮށްފައިވާ ގޮތަށް ކުރިއަށް ނުގެންދެވުމާއި ގުޅިގެން މެމްބަރު އާޒިމާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާއި ގުޅިގެން ރިޔާސަތާއި ހަވާލުވެ އިންނެވި، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ކޮމިޓީތަކުގެ އެކުލެވުމާ މެދު ވާހަކަ ދައްކަވަން، އެޖެންޑާގެ އެ އައިޓަމާ ހިސާބަށް ދިއުމުން ފުރުސަތު ދެއްވާނެ ކަމަށެވެ.
އަދި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ރިޔާސަތުންވަނީ ޖަލްސާ މެދުކަނޑާލާފައެވެ. ޖަލްސާ ގައި މެމްބަރުންގެ އަރައިރުން ބޮޑުވުމުން، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު ވެސް އެ އަރައިރުން އުފެދުނު މައްސަލައާ މެދު އޮތީ ގޮތެއް ނުނިމި އެވެ.
މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވަނިކޮށް މައިކް އަތުލައި ހަޅޭލަވަމުން ގެންދެވި އިރު ވެސް އެއްވެސް މެމްބަރެއްގެ ނަން މިއަދު އަފީފް އިއްވާފައި ނުވެ އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ތަކުރާރުކުކޮށް އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މަޖިލިސް ޖަލްސާތައް އާދައިގެ މަތިން ކުރިއަށް ނުދާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. ނަޝީދާއި އީވާ ވެސް ރިޔާސަތާއި ހަވާލު ނުވާތީ އިންނަވަނީ އަފީފެވެ. އޭގެ ސަބަބުން، އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް މަޖިލިސް ތެރޭގައި އިހުތިޖާޖުކުރެ އެވެ.

