އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނާމެދު ސަރުކާރުން ނިޒާމުގެ ތެރެއިން އަނިޔާވެރިވަމުން ދާކަމަށްބުނެ އެކަމުގެ ކަންބޮޑުވުންތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އާ ހިއްސާކުރެއްވުމަށް އިދިކޮޅު ލީޑަރޝިޕުން މިއަދު އެޗްއާރުސީއެމަށް ވަޑައިގަތުމުން އެ ބޭފުޅުންނާ ބައްދަލުނުކުރައްވައި ކޮމިޝަނުގެ މެންބަރުން ގެއަށް ވަޑައިގެންނެވުމުން އެ މެމްބަރުންގެ އިސްތިއުފާއަށް އިދިކޮޅުން ގޮވާލައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދަޢުވާކުރާ ރ.ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މުޢާމަލާތާ ގުޅިގެން ދަށުކޯޓުގައި ހިންގަމުންދާ ޝަރީޢަތް 13 ގަޑިިއިރަށް ދަންމާލުމުން އިދިކޮޅު ލީޑަރޝިޕާއި އިދިކޮޅު ކޯލިޝަންގެ މެމްބަރުން އަދި ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކޮށް ކަމާއި ގުޅުންހުރި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަމުންނެވެ.
ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ބާއްވަމުން ދާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އިދިކޮޅުގެ މަޖިލިސް މެންބަރުންނާއި ލީޑަރުން އަދި އެ ކޯލިޝަންގެ އާންމުމެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޖޭއެސްސީ އަދި އެޗްއާރުސީއެމްއަށް ވަޑައިގަންނަވާފައެވެ. ޖޭއެސްސީގެ މެމްބަރުން އިދިކޮޅާއި ބައްދަލުކުރެއްވިއެވެ. އެހެން ނަމަވެސް އިއްޔެ ރައީސުލް ޖުމްހޫރިއްޔާވެސް އިދިކޮޅު ލީޑަރޝިޕާއި ބައްދަލު ނުކުރައްވާ އީމެއިލް އެޑްރެސްއެއް ދެއްވުމަށްފަހު ވަޑައިގެންނެވީއެވެ. އަދި މިއަދު އިދިކޮޅުން އެޗްއާރުސީއެމްއަށް ވަޑައިގެންނެވުމުން އެތަނުގެ ވެރިންވެސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެން އެތަނުގައި ތިއްބަވާތާ 4 ގަޑިއިރުވީއިރުވެސް އެއްވެސް ބޭފުޅަކު އެ ބޭފުޅުންނާ ބައްދަލު ނުކުރައްވާ ވަޑައިގެންނެވީ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭގޮތުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވީ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ އިންތިޒާރުގައި އިދިކޮޅުގެ ލީޑަރުން ކޮމިޝަނުގައި ތިއްބަވާތާ 4 ގަޑިއިރުވީ ފަހުން ކޮމިޝަނުގެ މެންބަރުން ރަސްމީ ގަޑި ނިމުމުން އޮފީހުން ވަޑައިގެންނެވީ ބައްދަލުކުރައްވައި އިދިކޮޅުގެ ޝަކުވާތައް އަޑުނާއްސަވާ ކަމަށެވެ.
އެޗްއާރްސީއެމްގެ މެމްބަރުން އެފަދައިން ޢަމަލުކުރެއްވުމުން އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ބަޔާނެއް ނެރެފައެވެ.
އެބަޔާނުގައި ބުނެފައިވަނީ އެފަރާތުން އެޗްއާރުސީއެމަށް ވަޑައިގަތީ އިދިކޮޅު ލީޑަރ ރައީސް ޔާމީންއަށް ދެމުންދާ އަނިޔާތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ޝުއޫރުތައް ހިއްސާކުރައްވަން ކަމަށެވެ. އެހެންނަމަވެސް މެމްބަރުން ނެތްކަމަށާއި، އިދިކޮޅު ލީޑަރޝިޕާއި ބައްދަލު ކުރުމަށް ސަރުކާރުގެ ހުއްދަ ނަގަންޖެހޭފަދަ މޭރުމަކުން ވާހަކަ ދެއްކިކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ އެކޯލިޝަންގެ ލީޑަރޝިޕުން އެޗްއާރްސީއެމަށް ވަޑައިގަތުމުން ކޮމިޝަންގެ މެންބަރުންގެ ފަރާތުން ފެނިގެންދިޔަ ލާއިންސާނީ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ހަވާލުކުރެވިފައިވާ ޒިންމާ އަދާނުކުރެވޭތީ އެޗްއާރުސީއެމްގެ މެމްބަރުން ވަގުތުން އިސްތިއުފާ ދެއްވުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

