ދިވެހި ރާއްޖޭގެ އެންމެ މަޤުބޫލު ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށް ޔޫރަޕިއަން ޔޫނިއަނުންވެސް ޤަބޫލުކުރައްވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިންވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ބައިނަލް އަޤްވާމީ ފަރާތްތަކާއިއެކު އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލް ދެއްވަމުން ސައީދު ވިދާޅުވީ ވަރަށް ގިނަ ބައިނަލް އަޤްވާމީ ފަރާތްތަކާއިއެކު ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށާއި، ރައީސް ޔާމީންއަށް ފާޅުގަ ދެމުންގެންދާ އަނިޔާގެ އެންމެ ސައްޚަ މަޢުލޫމާތު ވަރަށްގިނަ ފަރާތްތަކަށް ވަނީ ފޯރުކޮށްދެވިފައި ކަމަށެވެ.
އޭގެތެރޭގައި ޚާއްސަގޮތެއްގައި ޔޫރަޕިއަން ޔޫނިއަންގެ އޭޝިޔާ ޕެސިފިކް ސަރަޙާއްދަށް ކަނޑައަޅާފައި ހުންނަ އެންމެ އިސްފަރާތާއިއެކުިވެސް މުހިންމު 2 ބައްދަލުވުމެއް ބޭއްވުނު ކަމަށާއި، އޭގެތެރެއިން ފުރަތަމަ ބައްދަލުވުން ބޭއްވުނީ ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ހުންނެވިއިރު ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ޔާމީން 2023 އަށް ދިވެހި ރައްޔިތުންނަށްޓަކާ ކުރެއްސެވި ތަސައްވުރު ބައިނަލް އަޤްވާމީ ފަރާތްތަކާއި ހިއްސާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމީ ވަރަށްބޮޑު ނަސީބެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލާއި ބައްދަލުކުރައްވާ ރައީސް ޔާމީންއަށް މިސަރުކާރުން ކުރަމުންގެންދާ އަނިޔާގެ ވަރަށްގިނަ ތަފްސީލްތައް އަރުވާފަކަމަށާއި، އެކުވެރި ބައެއް ޤައުމުތަކުގެ ވެރިންނާއި އެބޭފުޅުން ކަނޑައަޅުއްވާފައިވާ ފަރާތްތަކާއި ބައްދަލުކުރެވި މަޝްވަރާކުރެވުނު ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އެގޮތުން އެމްނެސްޓީ އިންޓަރނޭޝަނަލް އާއެކު ބައްދަލުވުމެއް ބޭއްވުނުކަމާއި ރައީސް ޔާމީންއަށް ލިބެމުންދާ އަނިޔާތަކުގެ ތަފްސީލް ކަރުދާހެއް ހުށަހެޅުނު ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޕީޕީއެމް ޕީއެންސީ އާއިނުލާ ދިވެހި ރާއްޖޭގަ ހޯދޭނެ ޑިމޮކްރަސީއެއް ނޯންނާނެކަން ޔޫރަޕިއަން ޔޫނިއަނުން ވިދާޅުވި ކަމަށާއި، އަދި ދިވެހި ރާއްޖޭގެ އެންމެ މަޤުބޫލު ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށް އެބޭފުޅުންވެސްް ޤަބޫލުކުރައްވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
”ޕީޕީއެމް ޕީއެންސީ އާއިނުލާ ދިވެހި ރާއްޖޭގަ ހޯދޭނެ ޑިމޮކްރަސީއެއް ނޯންނާނެކަން ޔޫރަޕިއަން ޔޫނިއަނުން ވިދާޅުވި، އަދި ދިވެހި ރާއްޖޭގެ އެންމެ މަޤުބޫލު ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށް އެބޭފުޅުންވެސްް ޤަބޫލުކުރައްވާ“ ސަޢީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދަޢުވާކުރާ ރ.ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މުޢާމަލާތާ ގުޅިގެން ދަށުކޯޓުގައި ހިންގަމުންދާ ޝަރީޢަތް 13 ގަޑިިއިރަށް ދަންމާލުމުން އިދިކޮޅު ލީޑަރޝިޕާއި އިދިކޮޅު ކޯލިޝަންގެ މެމްބަރުން އަދި ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކޮށް ކަމާއި ގުޅުންހުރި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަމުންނެވެ.

