ފިލީޕީންސްގެ އުތުރަށް 6.3 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ބުރާސްފަތި ދުވަހު ފިލިޕީންސް ގުޑުވައިލި މި ބިންހެލުމުގެ ސަބަބުން އެޤައުމުގެ ރޭލު ދަތުރުތައް ވަނީ ހުއްޓާލާފައެވެ.
ފިލިޕީންސްގެ ރަށްބޭރުން ކަޑުއަޑީގެ 10 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުން ކައިރި ޕްރޮވިންސްތަކަށް ވެސް ވަނީ އިޙްސާސް ވެފައެވެ. އެހެނަސް ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ވީކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވާކަމަށް ރޮއިޓާސްއިން ބުނެއެވެ.
ވެރިރަށް މެނީލާގެ މަތީ މަގުތަކުން އެޅިފައިވާ 3 ރެއިލްވޭ އެއްގެ ދަތުރުތައް ހުއްޓާލީ ބިންހެލުން އައުމުގެ ސަބަބުންކަން އެޤައުމުގެ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފައެވެ.
ރޭލު ދަތުރުތަކާއި ހުރިހާ އެއާޕޯޓުތަކުން ބޯޓު ފުރުން މިވަނީ ވަގުތީ ގޮތުން ހުއްޓާލާފަ. ބިންހެލުމުގެ ސަބަބުން މާބޮޑު އަސަރެއް ކުރިކަމެއް މިހާތަނަކަށް އަދި އެނގިފައެއް ނުވޭ. އުއްމީދު ކުރަނީ މިކަން މިގޮތަށް ނިމިގެން ދާނެކަމަށް.
ސިވިލްޑިފެންސްގެ ތަރުޖަމާނު އެސިސްޓަންޓް ސެކެޓްރީ ބަރްނައިޑޯ ރަފައެލިޖޯ އަލަޚެންދްރޯ، ޖީ.އެމް.އޭ. ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.
6.2 މެގްނެޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އެންމެ ފުރަތަމަ ރެކޯޑު ކުރެވުނުކަމުގައި ވިޔަސް ސެސިމޮލޮޖީ އިދާރާގެ އޮފިޝަލުން ވަނީ ބިންހެލުމުގެ ބާރުމިން، ފަހުން، 6.3 އަށް ބަދަލު ކުރައްވާފައެވެ.
މިފަދަ ބާރުމިނެއްގެ ބިންހެލުމަކުން ގެއްލުންތަކެއް ލިބިފައި ވާނެކަމަށް ލަފާކުރެވޭއިރު، މިބިންހެލުމުގެ ސަބަބުން ފަހުން ލޮޅުންތަކެއް އަރާފާނެކަމަށް ވެސް ދަނީ ބެލެވެމުންނެވެ.

