އިއްޔެގެ ވަގުތެއްގައި ގްރީސްގެ ކައިރިއަށް ބަންޑުންޖަހާލި ބޯޓުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށް ރޮއިޓާސްއިން ބުނެފިއެވެ. ބަންޑުންޖަހާލި އިރު ބޯޓުގައި ތިބީ ކިތަށް މީހުން ކަން ކަށަވަރު ނުވާތީ، މީހުން ސަލާމަތް ކުރުމުގައި ޙަރަކާތެރިވާ ފަރާތްތަކުން ދަނީ އެސަރަޙައްދުގައި އަތްފުނާ އަޅަމުންނެވެ.
ޔޫރަޕަށް ހިޖުރަކުރުމަށްޓަކައި މަސް ބޯޓެއްގައި އައި މި މީހުންގެ ތެރެއިން 104 މީހަކު، ބޯޓު ބަންޑުންޖަހާލިތާ ވަރަށް ކުރީކޮޅު، ވަނީ ދިރި ތިއްބާ ސަލާމަތް ކުރެވިފައެވެ. އަދި ހަމަ އިއްޔެ، މަރުވެފައިވާ 79 މީހެއްގެ ހަށިގަނޑުވެސް ވަނީ އެސަރަޙައްދުން ހޯދާފައެވެ.
ގަރީސްގެ ދެކުނުފަރާތު އައްސޭރިފަށުގައި އޮންނަ ޕައިލާސް ޓައުނާއި ދިމާލުން 50 މޭލު ދުރުގައި އޮއްވާ މިބޯޓު ބަނޑުންޖަހާލީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަޙައްދަށެވެ.
އެތައް ސަތޭކަ މީހުންނަކާއި އެކު ދަތުރުކުރި 65 ފޫޓޫ 100 ފޫޓުގެ މި މަސްބޯޓު ބަނޑުން ޖަހާލާފައި ވަނީ ގްރީސްގެ ކޯސްޓްގާޑުން އެއުޅަނދަށް ވާނުވާ ބަލަމުން ދަނިކޮށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޔޫރަޕްގެ ރެސްކިއު ސަޕޯޓު ޗެރިޓީއަކުން ލަފާކުރާގޮތުގައި އެ ބޯޓުގައި 750 އެއްހާ މީހުން ތިބޭނެއެވެ. އދ ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން އިން ފުރަތަމަ ހާމަކުރި ރިޕޯޓުތައް ބުނާގޮތުން އެ ބޯޓުގައި ތިބޭނެކަމަށް ބެލެވެނީ 400 މީހުންނެވެ.
މިބޯޓަކީ ލީބިޔާއިން ފުރައިގެން އައި ބޯޓެއް ކަމަށާއި، ގްރީސްގެ ކޯސްޓުގާޑުން އެހީވުމަށް އެބޯޓުގައި ތިބިމީހުންނަށް ހުށަހެޅި ހުށަހެޅުން ތައްކަށް އެމީހުން ވަނީ ތަކުރާރުކޮށް އިންކާރު ކޮށްފައި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ގްރީސްއަކީ ޔޫރަޕަށް ހިޖުރަ ކުރާމީހުން އެންމެ ޢާއްމުކޮށް ދަތުރުކުރާ އެއް މަގެވެ. މިއީ ފަހުގެ ތާރީޚެއްގައި އެމަގުން ދަތުރުކުރި ބޯޓެއްގައި ދިމާވި މިފަދަ އެންމެ ގެއްލުން ބޮޑު ޙާދިސާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

