ދަނގެތީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ސަރުކާރެއްގެ އެންމެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި މެޑިކަލް އިންޝުއަރަންސް ކާޑެއް ތަޢާރަފްކުރާނެ ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބޭސްފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ހެލްތް އިންޝުއަރަންސްގައި ހުރި ދަރަޖައިގެ ތަފާތުތައް ނައްތާލާނެ ކަމަށެވެ.
އަދި ރާއްޖެ ތަރައްޤީ ކުރާނީ ޕްލޭންކޮށްގެން ކަމަށާއި ތަރައްޤީގެ ޕްލޭން ކޮންމެ ސަރަޙައްދަކަށް ވަކިން ތައްޔާރުކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
“އަޅުގަނޑު ދިވެހި ރައްޔިތުންނަށް ފަޚުރުވެރި ރާއްޖެއެއް ބިނާކޮށްދޭނަން”
– މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެެވެ.
ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ނާޒިމް ވާދަކުރައްވާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. ޖުމްހޫރީ ޕާޓީ (ޖޭޕި)ގެ ޓިކެޓުގައި ވާދަކުރައްވަނީ ގާސިމް އިބްރާހިމްއެވެ. އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައެވެ.

