ރައްޔިތުންގެ މަޖިލީހަކީ ގާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ ރައްޔިތުން ތަމްސީލްކުރުމަށް ރައްޔިތުން ވޯޓުދީގެން ހޯދާފައިވާ މެމްބަރުން ތަކެއްގެ މައްޗަށް ބިނާވެފައިވާ ތަނެކެވެ. އެގޮތުން އެކި ދާއިރާތަކަށް ބަހާލައިގެން މަޖިލީހަށް މެމްބަރުން ޢައްޔަން ކުރެވިގެންދަނީ މި ރައްޔިތުންގެ ހިތްތަކާއި ސިނކުޑިއަށް އެތަކެއް ފޮނި އުންމީދުތަކާއި ފަލްސަފާތަކައް ވައްދަމުންނެވެ.
ދާއިރާތަކުގެ ބައި އިލެކްޝަންސްތައް ބާއްވާ ދުވަސްވަރެއް ނަމަ އެއްކަލަ މެމްބަރުން ރައްޔިތުންނާއި ނުހަނު ގާތް ގުޅުން ބާއްވާ ރަށްތަކުގައި ހިނގާ އެކިއެކި މަސައްކަތްތައް ވަރަށް ގާތުން ބަލަމުންދެއެވެ. ދާއިރާތަކުން މަޖިލީހުގެ ގޮނޑި ކާމިޔާބުވެއްޖެނަމަ، ވަޒީފާގެ ފުރުސަތުތަކާއި، ގެދޮރުވެރިކަމާއި، މަސްވެރިކަމާއި ޓުވަރިޒަމް އާއި އަދި މި ނޫންވެސް އެތައް ދާއިރާތަކުން ގިނަ މަޝްރޫއުތަކެއް، ސަރުކާރާއި ގުޅިގެން ގެންނާނެ ކަމަށް ބުނެ ވައުދުތައް ވެއެވެ.
މިހާރު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެ އޮތް އެމްޑީޕީ އާއި މީގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ތަހުތުގައި ވެރިކަން އަދާކުރި ޕީޕީއެމްއިންވެސް ދެއްކީ ހަމަ މިފަދަ ވާހަކަތަކެކެވެ. އެމްޑީޕީން އަބަދުވެސް ދެއްކީ ޑިމޮކްރަސީގެ ވާހަކައެވެ. އެމްޑީޕީގެ ވެރިކަމެއް ރާއްޖެއަށް އައިސް މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިއްޖެނަމަ މަޖިލީސްތެރޭގެ މަސައްކަތް އަވަސްކަމާއި އެކު ނިންމައި ރައްޔިތުންނަށް ލުއިފަސޭހަތައް ގެނެސްދޭނެ ކަމަށް ބުނެއެވެ.
ނަމަވެސް ފެނިގެން މިދަނީ ޖާބިރު ބުނާހެއް ހަމަ ހުރިހާ ދުވަހެއްވެސް އެއްގޮތަކަށް ދާތަނެވެ. މަޖިލީހުގެ ތެރޭ އަޚުލާގު ހިފަހައްޓަން ނޭގި އެކަކު އަނެކަކަށް ބަދުބަސް ބުނެ ހަޑިހުތުރު ބަހުން މުޢާމަލާތްކުރާ ތަނެވެ. ލައިވް ބޮރޯޑްކާސްޓްކޮށް މަޖިލީހުގެ ޖަލްސާތައް ދުރާއި ގާތުން ރައްޔިތުން ބަލަމުން ގެންދާއިރު އެއްކަލަ މެމްބަރުންނަށް މީގެން ކަމެއް ރެއަކާވެސް ނުލާ ކަހަލައެވެ. މަޖިލީސް ތެރެއިން ފެނިގެންދަނީ ތަޢައްޔަރުވެ ކުލަ ފަނޑުވެފައިވާ ތަސްވީރު ތަކެކެވެ. ރައްޔިތުންގެ ބޭނުންތަކަށް ބެލުމެއްނެތި މެމްބަރުންގެ ޕާޓީތަކުގެ ބޭނުންތައް އިސްކުރުމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެމުންދާ ބަޔަކީ ހަމަ ރައްޔިތުންނެވެ.

މަޖިލީހުގައި މަޝްވަރާކުރުމަށް އެތައް ބިލްތަކަކާއި ނިންމަންޖެހޭ އެތަކެއް ގާނޫނުނާއި ޒިންމާދާރުކުރަން ޖެހޭ އެތައް މިނިސްޓްރީ ތަކެއްހުރި އިރު ފެނިގެން މިދަނީ ވަރަށްވެސް ހިތާމަ ހުރި ކަންތައްތަކެކެވެ. ދުވަހަކަށްވުރެ ދުވަހެއް މެމްބަރުންގެ ހަރުދަނާކަންކެނޑި، ޒިންމާތައް ކުޑަކުރަމުންދާ މަންޒަރެވެ. މެމްބަރަކު ބިލެއް ހުށަހަޅައިފިނަމަ، ސިޔާސީ ވާދަވެރިކަމުގައި އެއަށް ގޮންޖައްސަވަނީއެވެ. މުހިންމު ބަހުސްތައް ކުރިއަށް ގެންދާއިރު ބޭކާރުގޮތުގައި ނިޒާމީ ނުކުތާތައް ނަގައި ޕާޓީތަކުގެ ވާދަވެރިކަން އިންތިހާއަށް ދަނީއެވެ. މިފަދައިން ނަގާ ނިޒާމީ ނުކުތާތަކުގެ ތެރޭގައި ރިޔާސަތުން ބަލައިގަންނަ ކަންކަން އަތުން ގުނާލެވޭހާ މަދެވެ.
މިފަހަކަށް އައިސް އެންމެ މަޖިލީހެއްވެސް ސިޔާސީ ކޯޅުންތަކަކާއި ނުލައި ކުރިއަށް ނުދެއެވެ. ނޫނީ ހަމަނުޖެހުންތައް ބޮޑުވެގެންގޮސް ޖަލްސާތައް މެދުކަނޑާލަނީއެވެ. މަހަކަށް އެތައް ހާސް ރުފިޔާއެއް މުސާރައިގެ ގޮތުގައި ނަގައެވެ. މިއަދު ރައްޔިތުން ކަންބޮޑުވަނީ މަޖިލީހުގައި ދާއިރާގެ އަޑު އިއްވާލަން ނުކެރޭ މެމްބަރުން ތިބީމައެވެ. މަޖިލީހަށް ވަންނަ ގޮތަށް ގެއަށްދާން ނުވަތަ ފަރިއްކުޅުވަން ނޫން ގޮތަކަށް ގޮނޑިން ނުތެދުވެ ބަހުސްގައި ބައިވެރި ނުވެ ހަމަ މުސާރަ ބަރާބަރަށް ނަންގަވާ މެމްބަރުންވެސް އުޅެއެވެ. އަދި މަޖިލީހަށް އެއްގޮތަކަށް ވެސް ހާޒިރު ނުވެ މަހު މުސާރަ ނަންގަވާ މެމްބަރުންނާއި މުހިއްމު ކަމެއް އޮވެއްޖެ ނަމަ ނުވަތަ އެބޭފުޅަކާ ގުޅުން އޮތް މައްސަލައެއް އޮތް ދުވަހަކު ނޫން ގޮތަކަށް މަޖިލީހަށް ހާޒިރު ނުވާ މެމްބަރުންވެސް އުޅެއެވެ.
މި ދައްކަނީ ކުޑަ ކުޑަ ވާހަކަތަކެއް ނޫނެވެ. ގައުމުގެ ރައްޔިތުން ހުރިހާ ގޮތަކުން ތަކުލީފުތައް އުފުލަމުންދާއިރު މި ދަންނަވާ މެމްބަރުންތައް ބަލަނީ އެބޭފުޅުންނަށް ލިބޭ އާމްދަނީ ބޮޑުކުރާނެ ގޮތެވެ. އެގޮތުން މަޖީލީހުގެ އެކި ކޮމެޓީތަކުގެ މެމްބަރުންނަވެސް ތިބެއެވެ. ނަމަވެސް އެ ކޮމެޓީތަކުންވެސް ވާކަމެއް ނޯވެއެވެ. މި ހިނގާ 2023 ވަނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރު ޖަލްސާތަކުގައި 14 ބިލްއެއްގެ މަސައްކަތް މަޖިލީހުން ފަށާފައިވާ އިރު އޭގެން ފާސްކުރެވިފައިވަނީ އެންމެ ދެ ބިލެއްގެ މަސައްކަތެވެ. އަދި އެ 14 ބިލްގެ ތެރެއިން 10 ބިލް އަދި ވަނީ ކޮމެޓީ މަރުހަލާގައެވެ. ރައްޔިތުންނަށް މުހިންމު އެތައް ބިލްތަކެއް މީގެ ތެރޭގައި ހިމެނޭއިރު، ކޮމެޓީތަކުގެ މައްސަލަތައް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނާއި ގުޅޭ ކަންކަން މި ވަނީ ހުއްޓިފައެވެ. ނަމަވެސް ސިޔާސީ ކަންތައްތަކެއް ނަމަ ނޫނީ ޕާޓީގެ ތެރެއިން ހިންހަމަނުޖެހޭ މީހެއް ނުވަތަ މިނިސްޓަރއެއް މަގާމުން ވަކިކުރަން ނަމަ އެ ޕާޓީތަކަކަށް ނިސްބަތްވާ މެމްބަރުން ވަރަށް ފަސޭހަކަމާއިއެކު އެ މައްސަލައެއް މަޖިލީހުގެ ތެރެއިން ނިންމާލައެވެ.

ގާނޫނު އަސާސިއަށް މިއަހަރު 15 އަހަރު ފުރިގެންދާއިރު ރައްޔިތުން މީހާ އަތްޖަހައި އުފާކުރަން ޖެހޭނެ ހަމަ އެއްވެސް ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގާނޫނު އަސާސިއަކީ މުޒާހަރާ ގާނޫނު އަސާސީއޭ ބުނެ، އެންމެ ފޯރި އެރުވި ފަރާތްތައް މިއަދު ރައީސްކަމާއި ހަވާލުވެ ތިބި އިރުވެސް ރައްޔިތުން މަޖިލީހާއި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބޭ ހެވެއް ފަސޭހައެއް ނެތެވެ. މުޅި ސޯޝަލް މީޑިޔާއިން ފެނިގެންދަނީ ރައްޔިތުންގެ ކަންބޮޑުވުންތަކެވެ. ހަގީގަތަށް ބުނާނަމަ މިއަދުގެ ޒުވާނުން މި ސިޔާސީ ވެރިން ދެކެ ފޫހި ވެއްޖެއެވެ. މަޖިލީހުގައި މިހާރު ތިބި މެމްބަރުންނެއް ބޭނުމެއް ނޫނެވެ.
ރައްޔިތުން ތަމްސީލްކުރަން މަޖީލިހުގައި ތިބެ ރައްޔިތުންނަށް ފައިދާވާ ގަރާރުތަކާއި ބިލްތަކަށް ރީތިކޮށް އެއްބާރުލުން ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ރައްޔިތުންނާއި އިސްލާމްދީނާއި ގައުމުގެ އިސްތިގުލާލު ދަމަހައްޓައި ވަކާލާތު ކުރަން ލިބި، ގިނަ މެމްބަރުން ވަނީ ފެއިލްވެފައެވެ. މަޖިލީހަށް އެ މެމްބަރުން އައްޔަންކޮށްފައި ތިބީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަށެވެ. ރައްޔިތުންގެ ބައިތުލްމާލުން ބޮޑު މުސާރަ ދީފައިވަނީ ގައުމަށް ތަރައްގީގެނެސް އަންނަން އޮތް ޖީލަށް ރަނގަޅު ރާއްޖެއެއް ގެނައުމަށެވެ.
ގައުމު އެދި ގޮވަނި މިހާރު މި ފެންނަ ފަދު މަންޒަރުތައް ދައްކާ ދަރިންތަކަކަށް ނޫނެވެ. ގައުމު އެދި ގޮވަނީ ގައުމަށް ފައިދާހުރި ގައުމަށް ތަރައްގީ ގެންނަ ދަރިންތަކަކަށެވެ. ގައުމު އެދެނީ ހަމަހަމަ ކަމާއި އިންސާފު ގާއިމުކުރާ ބަޔަކަށް އަހަރެމެން އެންމެން ވުމަށެވެ. ގައުމަށް ވަފާތެރި އެއްބައިވަންތަ ބަޔަކަށް ވުމަށެވެ.

