މާތް ﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތި ވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށާއި، އެގޮތުންވެސް އެންމެ ލޮބުވެތިވެގެންވަނީ ހައްޖު މައްސަރުކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. .މީގެ އިތުރުންވެސް ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ 10 ކަމަށްވެސް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. އަދި ތައުބާވާ އަޅުންދެކެ މާތް ﷲ ލޯބިވޮޑިވެގަންނަވާކަން ފާހަގަކޮށް، ތެދުވެރި ތައުބާއަކުން ތައުބާވުމަށް ފަހު މިދުވަސްތަކާއި ކުރިމަތިލުމަށް ބުނެފައިވެއެވެ.
“ހައްޖު މަހުގެ ދިހަ ދުވަސް” މި މައުޟޫއަށް ދިން ހުކުރު ޚުތުބާގައި ބުނީ އިންސާނުންގެ ކުރު ޙަޔާތުގައި ހެޔޮކަމުގެ މޫސުންތައް، ގިނަގުނަ ދަރުމަޔާއި ޘަވާބު ލިބޭގޮތަށް، ތަކުރާރުވާ ގޮތެއްގައި ލައްވާފައިވުމީ މާތްﷲގެ ރަޙުމަތްވަންތަކަމާއި އޯގާ ވަންތަކަމުގެ ބޮޑުކަން ހާމަވެގެންދާ ކަމެއްކަމުގައެވެ. އެގޮތުން ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާންތައް ފިލައިނުދަނީސް ޙައްޖުމަހުގެ މާތްދުވަސްތައް އަހަރެމެންނާ ބައްދަލުކުރާ ކުރުން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ހައްޖުމަހުގެ ދިހަ ދުވަހަށްވުރެ، ﷲ ހަޒުރަތުގައި ޞާލިޙް އަމަލުކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވާކަން އަހަރެމެންނަށް ހަނދުމަކޮށްދިނުމާއިއެކު، މިދުވަސްތަކުގައި ހެޔޮ އަމަލުތައްކުރުން ގިނަ ކުރުމަށް މިއަދުގެ ޚުތުބާގައިވަނީ އަހަރެމެންނަށް އިލްތިމާސްކޮށްފައެވެ.
ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސްތެރޭ ކުރެވެން ހުރި ހެޔޮއަމަލުތަކަށް ބަލާއިރު ރޮދަހިފުން ހިމެނެއެވެ. ސަބަބަކީ ޚާއްސަކޮށް ހައްޖުމަހުގެ ނުވަވަނަ ދުވަހުގެ ރޯދައަކީ ޘަވާބާއި ދަރުމަ މަތިވެރިވެގެންވާ ރޯދައެއްކަމުގައި ވުންކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން އަހަރެމެންގެ މާތް ނަބިއްޔާ މުޙއްމަދު ޞައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅެއްގައި ވެއެވެ. “އެދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނާންއޮތް އަހަރުތަކުގެ ފާފަތައް ފުއްސަވާނޭ ރޯދައެކެވެ.
މީގެ އިތުރުން ހެޔޮކަން އިތުރުވެގެންވާ މި ދުވަސްތަކުގައި ގިނަގިނައިން ސަދަޤާތްކޮށް ތަކުބީރު ކިޔުމަށް މިއަދުގެ ޚުތުބާގައި ބާރުއަޅާފައިވެއެވެ. އަދި މީގެ އިތުރުން ފަރުޟު ނަމާދުތަށް އޭގެ ވަގުތުގައި ކޮށް ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވުމާއި އެކު ކީރިތި ގުރުއާން ކިޔެވުމާއި ގިނަގިނައިން މާތްﷲ ހަޒުރަތައް ދުޢާ ދެންނެވުމަކީ މި މާތްވެގެންވާ ދުވަސްތައް އެންމެ ހެޔޮގޮތުގައި ބޭނުންކުރެވިގެންދާނެ ކަންކަން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ޙައްޖުމަހުގެ ދުވަސްތައް ހެޔިގިތުގައި ބޭނުން ހިފެހެއްޓުމަށްޓަކައި ނުބައިކަންކަމާއި ދުރުވެ، ނެތިމޮށުމާއި، ފާފަތަކުން އަރައިގަތުމާއި، ދޮގުހެދުމާއި އަރާރުންވުން ފަދަ ނޭދެވޭ އަމަލުތަކުން ދުރުހެލިވުމަށް ހުތުބާގައި ގޮވާލިއެވެ.

