އަހަރުގެ ތެރޭގައި ޚާއްޞަ މައްސަރުތަކާއި ދުވަސްތައް ލައްވާފައިވެއެވެ. ޚާއްޞަ މައްސަރުތަކުގެ ތެރެއިން ޙައްޖުމަސް ފާހަގަ ކޮށްލެވެއެވެ. އެމަހުގެ ފުރަތަމަ 10 ދުވަހަކީވެސް އެގޮތުން ފާހަގަކޮށްލެވޭ ދުވަސްތަކެކެވެ. މާތްކަމުގެ ގޮތުން އެދުވަސްތަކަށް ޢިލްމުވެރީން ދެއްވާފައިވަނީ އެންމެ މަތިވެރި މަޤާމެވެ. އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ރޭތަކަކީ ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކެވެ. އަދި އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހެވެ.
އިބްނު ޙަޖަރު "އަލް ފަތުޙު" ގައި ވިދާޅުވެފައިވެއެވެ. "ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް މާތްވުމުގެ ސަބަބަކީ، އެދުވަސްތަކުގައި އެންމެހާ ބޮޑެތި އަޅުކަންތައް ޖަމާވެފައި ވާތީއެވެ. ނަމާދު ކުރުމާއި، ރޯދަހިފުމާއި، ޞަދަޤާތް ދިނުމާއި، ޙައްޖުވުން ފަދަ ޢިބާދާތުގެ މުހިއްމު އަޅުކަންތައް އެހެން ދުވަސްތަކެއްގައި ޝާމިލްވެފައެއް ނުވެއެވެ."
މި 10 ދުވަހުގައި ކުރެވިދާނެ ޞާލިޙު ޢަމަލުތައް
މި މާތްވެގެންވާ ދުވަސްތަކުގައިި ކުރެވިދާނެ ޞާލިޙު ޢަމަލުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ޢިލްމުވެރިން ފާހަގަ ކުރައްވާ ބައެއް ކަންތައްތަކަކީ، ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޒިކުރު ކުރުން ގިނަކުރުމާއި، ޞަދަޤާތް ދިނުމާއި، ތަޢުބާވެ އުރެދުންތަކުން ދުރުވުމާއި އަދި އުޟުޙިޔާ ކަތިލުން ފަދަ ކަންކަމެވެ.
ތައުބާވެ އުރެދުންތަކުން ދުރުހެލިވުން
އިޚްލާޞްތެރި ތައުބާއަކުން ތައުބާވަމުން މި މާތްދުވަސްތަކުގެ ހެޔޮ ޢަމަލުތަކަށް ފަށައިގަންނާށެވެ. ސަބަބަކީ، ތައުބާއަކީ، ތިބާ ކުރާ ހެޔޮ ޢަމަލުތައް ޤަބޫލު ކުރެއްވުމާއި ނުކުރެއްވުން އެކަމަކާއި ގުޅިފައިވާ ކަމެކެވެ. ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުން ވަނީ އުރެދުންތަކާއި ދުރުހެލިވެވުނު މިންވަރެއްގެ މަތީގައެވެ. މުސްލިމުންނަކީ އެމީހުންގެ ވަގުތުތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި، ބަރަކާތާއި، ފުއްސެވުން ބޭނުންވާ ބައެކެވެ. ތިބާ އެކަމާއި ދުރުކޮށްދެނީ އެއިލާހަށް އުރެދެވޭ އުރެދުން ތަކެވެ. އެއުރެދުންތަކުން ދުރުހެލިވާށެވެ. ތިބާ ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތުގައެވެ.
ނަމާދު ކުރުން
މިދުވަސްތަކުގައި ފަރުޟު ނަމާދުތަކަށް އިތުރަށް ސަމާލުވެލައްވާށެވެ. އެނަމާދުތަށް ފުރިހަމަ ކުރުމަށް އިރުތަށް މަސައްކަތް ކުރާށެވެ. މިދުވަސްތަކުގައި ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމަކީ ސުންނަތް ވެގެންވާ ގޮތެވެ. ޚާއްޞަގޮތެއްގައި ދަމުނަމާދު ކުރުމަށް ސަމާލުކަން ދިނުމީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. މި މަތިވެރި ދުވަސްތަކުގައި ތިބާއަށް ރަޙުމަތް ލެއްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގަންނަވާ ފަދައިން، އެ ރަޙުމަތް ޙައްޤުވާ ފަރާތަކަށް ތިމާގެ އަމިއްލަ ނަފްސު ހެދުމަށް މަސައްކަތް ކުރާށެވެ.
ރޯދަ ހިފުން
ލޮބްވެތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބި ކަނބަލުންގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހާއި، ޢާޝޫރާދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ. ޙައްޖު މަހުގެ ފުރަތަމަ ދުވަސްތަކަށް ޚާއްޞަ މި ސުންނަތް ރޯދަތައް ހިފަންފަށާނީ ޙައްޖުމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މި ނުވަ ދުވަހުގެ ތެރޭގައި ކުޅަދާނަވެގެންވީ މިންވަރަކުން ރޯދަ ހިފާނީއެވެ. ހުރިހާދުވަހަކު ހިފުން ލާޒިމްވެގެން ނުވެއެވެ. ވީހާ ގިނަދުވަހަކު ހިފޭތޯ މަސައްކަތް ކުރާނީއެވެ.
ޢަރަފާތް ދުވަހުގެ ރޯދައަކީ ވަކީން ޚާއްޞަ ރޯދައެކެވެ. ޙައްޖުގެ އަޅުކަމުގައި ނޫޅޭ ކޮންމެ މުސްލިމެއްގެ މައްޗަށް މިއީ ގަދަވެގެންވާ ސުންނަތެކެވެ. ޢަރަފާތު ދުވަހުގެ ރޯދައާއި ބެހޭގޮތުން ރިވާވެގެން ވެއެވެ. އެދުވަހުގެ ރޯދަހިފުމަކީ ފާއިތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގައި ކުރެވޭ ކުދި ފާފަތައް ފުއްސަވާދެއްވާނެ ކަމެކެވެ. މުއުމިނުންގެ މައިކަމަނާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. "ތިމަންކަމަނާގެ އަރިހުގައި ޢަރަފާތް ދުވަހަށްވުރެ ރޯދަހިފުން ލޮބުވެތި ވެގެންވާ އެހެން ދުވަހެއް ނުވެއެވެ." އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު އެދުވަހާއި ބެހޭގޮތުން ވިދާޅުވާ ކަމުގައި ވިއެވެ. "އެއީ ރޯދަހިފުން އެންމެ އައުލާ ވެގެންވާ ދުވަހެވެ."
ޛިކުރު ކުރުމުގައި ވަގުތުހޭދަ ކުރުން
މާތްވެގެންވާ މިދުވަސްތަކުގައި ވީހާވެސް ގިނަގިނައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ތަކުބީރާއި ތަޙްލީލު ކިޔައި، ތަޙްމީދު ކުރުން ގިނަ ކުރާށެވެ. އެއީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީން އެކަން ކުރެއްވި ގޮތްކޮޅެވެ. ގެކޮޅުގައްޔާއި، ބާޒާރުގައި އަދި މަގުމަތީގައި ހިންގަވާއިރު ގައްޔާއި، މަސައްކަތްޕުޅު ކުރައްވަމުން ވެސް އެބޭކަލުން މިކަން ކުރެއްވިއެވެ. ތަކްބީރު ކިއުމަކީ "الله أكبر" މިފަދައިން ކިއުމެވެ. ތަޙްލީލު ކިއުމަކީ "لا إله إلا الله" ކިއުމެވެ. ތަޙްމީދު ކުރުމަކީ "الحمد لله" ކިއުމެވެ.
ޞަދަޤާތް ދިނުން
ޞަދަޤާތް ދިނުމާއި، ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހިކޮށް ހެޔޮކަން ފޯރުވުމަކީ ވެސް މިދުވަސްތަކުގައި ކުރުން ވަކީންބޮޑަށް އެދެވިގެންވާ ހެޔޮ ޢަމަލުތަކެވެ. ލޮބްވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ދީލަތިކަމުގެ މިސާލެކެވެ. އެހެނަސް އެކަލޭގެފާނުގެ ދީލަތިފުޅުކަން މިފަދަ ޚާއްޞަ މުނާސަބަތު ތަކުގައި ވަކީންބޮޑަށް އިތުރު ކުރައްވައެވެ. އަޅުގަނޑުމެންނަށް އޮތީ އެ ރިވެތި ނަމޫނާ އަށް ތަބަޢަ ވެވޭތޯ މަސައްކަތް ކުރުމެވެ.
އުޟުޙިޔާ ކަތިލުން
ޢީދު ދުވަހުގެ ޢީދުނަމާދަށްފަހު އުޟުހިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މިއީ، ބައެއް މަޛްހަބުތަކުގައި ވާޖިބެއްވެސް މެއެވެ. އުޟުޙިޔާ ކަތިލުމަށް ފަހު އޭގެ މަހުން ތިންބައި ކޮށްފައި އެއްބައި ފަޤީރުންނަށް ބަހާނީއެވެ. އަނެއްބައި ދޭނީ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނަށެވެ. އަނެއްބައި ތިބާއަށް ބޭނުން ކުރެވިދާނެއެވެ.
މާތް ކުރައްވާފައިވާ މިދުވަސްތަކުގެ ބަރަކާތާއި ހެޔޮކަން އަޅަމެންނަށް މިންވަރު ކޮށްދެއްވާށި! އާމީން!

