ގއ ވިލިނގިލިން މީހަކު ގެއްލިގެން ހޯދަން ފަށައިފައިވާ ކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މީޑިއާ އިން ހާމަ ކުރުން ވެގެން ދިޔައީ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ ގެ ކުދި ބޮޑު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ. މި ޚަބަރާ އެކު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވީ ގެއްލިގެންދާ ހަދަމުންދާ ،ގއ.ވިލިނގިލީ / ރަތްވިލާގެ، ޢުމުރުން 38 އަހަރުގެ އައްސަދު އަހުމަދު އެންމެ ފަހުން އޭނާގެ އަންހެނުންނާ މުޚާތަބުކޮށް ދެއްކި ވާހަކާގައި ބުނެފައިވާ ބަސްތަކުންނެވެ.
"ދެން އަހަރެން ނުފެންނާނެ، އަހަރެން ދާނީ މަންމަ ކައިރިޔަށް" މަންމަ ނިޔާވެފައިވާ އައްސަދު މިހެން ބުނުމުން އެކަން ވަރަށް ސީރިއަސް ކަމަކަށް އާއިލާ އިން ނެގިއެވެ.
ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ކޮށް އާމްދަނީ ހޯދައި އުޖާލާ ދިރިއުޅުމެއް އުޅެމުންދާ 2 ކުދިންގެ ބައްޕަ އައްސަދު ގެ އަނބިމީހާ ދެކެވުނު ވާހަކަ އަށް ފަހު ނުކުމެގެން ދިޔަ ގޮތަށް ގެޔަށް އެނބުރި ނުދެ އެވެ. ނަމަވެސް އިއްޔެ ރޭ ދަންވަރު ފެށިގެން ރޭ ދަންވަރު 1 ޖަހަންދެން ރަށުގެ އެކި ތަންތަނުން އެކި މީހުންނާ ދިމާވި ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވެއެވެ.

ނަމަވެސް އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވެ ގިނަ ވަގުތު ވުމުން އާއިލާ އިން މިއަދު ހެނދުނު ވަނީ ފުލުހުންނަށް އަންގާފައެވެ.
ފުލުހުން ހާމަކުރިގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ޢުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އަދި އޭނާ ފެނިފައި ނުވާކަމަށްފުލުހުން މަޢުލޫމާތު ދެއެވެ.
ރޭ ދަންވަރު 1.10 ގައި ގެއްލިފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ މި މީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ގއ ވިލިނގިލީ ގައި ހުންނަ ހުވަދު މީޑިއާ އަށް ގެ ރިޕޯޓަރ ދިޔާނާ މުހައްމަދު މައުލޫމާތު ދެއްވި ގޮތުގައި އައްސަދު އަހުމަދު ގެއްލިގެން ހޯދުމުގެ މަސައްކަތް މުޅި ރަށު ރައްޔިތުންނާ ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކުން ދަނީ ކުރަމުންނެވެ. އެގޮތުން ރަށުގެ ހުރިހާ ގެ ތަކާއި ކުޅި އަދި ހުސްބިންތަކާ ފަޅު ތަންތަނާއި މޫދު ވެސް ބަލާ ޗެކް ކުރަމުންދާ ކަމުގައި ދިޔާނާ ވިދާޅުވިއެވެ. މިއަދަކީ ވިލިނގިލީ ރައްޔިތުންނަށް ހިތްދަތި ދުވަހެކެވެ. ރައްޔިތުން ތިބީ ވަރަށް ދެރަވެ ކަންބޮޑުވެފައެވެ. ނަމަވެސް ހިއްވަރު ގެއްލުވާ ނުލައެވެ. މުޅި ރަށް އޮތީ އައްސަދު ފެނޭތޯ ނުކުމެ އެވެ. އައްސަދު ހެޔޮހާލުގައި ދިރި ހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ގައެވެ.

